ރާއްޖޭގެ އެއްވެސް ނޫސް މީޑިއާކަށް ނުވަތަ ނޫސްވެރިއަކަށް އިންޒާރުދީ ނުރައްކަލުގެތެރެއަށް ހުށަހެޅުމަކީ ކުޑަކޮށް ނަގާފައި ދޫކޮށްލާނެކަމެއް ނޫން ކަމަށާއި ފާޅުގައި އަދި ފޮރުވިގެން ތިބެ ވެސް ރާއްޖޭގެ ނޫސްވެރިކަމަށް އެފަދައިން ދެވޭ އިންޒާރުތަކަކީ އެންމެ ސީރިއަސްކޮށް ނަގާނެ ކަންކަން ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހިމް ވަޙީދު (އަސްވާޑު) މިއަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ވަޒީރު ވިދާޅުވީ، ސަރުކާރުން ޤަބޫލުކުރާގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ އަސާސަކީ، ސަލާމަތްތެރިކަމާއި ޢަދުލު އިންސާފާއި، ތަރައްޤީ އަދި ހަމަހަމަކަމާއި އިންސާނީ ޙައްޤުތައް ވެސް ކަށަވަރުކޮށްދޭ އަސާސެއް ކަމަށެވެ. އަދި، ދައުލަތުގެ އެއްވެސް މުއައްސަސާއަކުން، ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް މިންވަރަކަށް ހުރަސް އެޅުމަކީ، ސަރުކާރުގެ ސިޔާސަތު ނޫން ކަމަށާއި މި ޙައްޤު ކަށަވަރު ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ދެއްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަން ޔަގީންކޮށްދީ، ނޫސްވެރިންނަށް ފަހި މާހައުލެއް ގާއިމު ކޮށްދިނުމަށް ސަރުކާރުން ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖްގެ މަސައްކަތް މިހާރު ވަނީ ވަޒީރުންގެ މަޖިލީހުން ނިންމާ، އަމަލީ މަސައްކަތާ ހަމައަށް ދިޔުމުގެ މަގުމަތީގައިކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"މިނިވަން ނޫސްވެރިކަން ފުރިހަމަ ކުރުމަށް ޤާނޫނީ އިމުގެ ތެރެއިން ގެންނަން ހުރި ބަދަލުތައް ގެނައުމުގެ މަސައްކަތް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ތެރޭގައި ހިމެނިގެން ކުރިއަށްދާއިރު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާކައުންސިލަކީ އެއް ޤާނޫނަކުން ފުރިހަމަ ކުރެވިފައިވާ މުއައްސަސާއަކަށް ހެދުމުގެ މަސައްކަތް ވެސް ކުރިއަށް ދާކަން މި ފުރުޞަތުގައި ފާހަގަ ކުރަމެވެ،" އޭނާ ވިދާޅުވިއެވެ.
"މީގެ އިތުރުން ނޫސްވެރިކަން ކުރިއެރުވުމަށް ދައުލަތުގެ ބަޖެޓުން މަގުފަހިކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން ވެސް ފުރިހަމަ ކުރަމުން ދާކަން މި ފުރުސަތުގައި ފާހަގަ ކުރަން،"
މީގެ އިތުރުން، ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތައުލީމާއި ތަމުރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ވެސް ސަރުކާރުން މަސައްކަތް ކުރާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި، ނޫސްމަޖައްލާފަދަ ވަސީލަތްތައް ރަޖިސްޓްރީކުރުމަށް މިހާރު ވަރަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސާފައިވާކަން ފާހަގަކުރައްވައި ނޫސްމަޖައްލާ ރަޖިސްޓްރީކުރުން ގިނަވެފައިވާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމަށް ބަލާއިރު، މިއަދު ކުރިމަތިވެފައިވަނީ ދުވަހަކު ވެސް ނުދެކޭފަދަ ބިރުވެރި ނާމާން ދުވަސްތަކެއް ކަމަށެވެ.
ފަލަސްޠީނުގެ ބިމަށް ވެރިވެގެންފައިވާ އިސްރާއީލުން ޣައްޒާގެ އާންމުންނަށް ދެމުންގެންދާ ލާއިންސާނީ ޙަލަމާތަކުގައި ކުށެއްނެތް އެތައް ހާސް ކުޑަކުދިންނާއި އަންހެނުން އަދި އާންމުންގެ އެތައް ހާސް ބަޔަކު ޝަހީދު ކުރަމުންދާއިރު އެ ޚަބަރުތައް ކަވަރުކުރުމަށް ކެނޑިނޭޅި ހިތްވަރާ އެކު މަސައްކަތްކުރަމުންދާ އެތައް ނޫސްވެރިންނެއް ޝަހީދު ކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއީ އަޅުގަނޑުމެން އެކަން ކުށްވެރިކޮށް، އިންތިހާއަށް ހިތާމަކުރާ ކަމެއް،"
ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ ދެ ޓީވީ ޗެނަލެއްގައި ރޯކޮށްލާނެ ކަމަށް ބުނެ މި ފަހުން ވެސް ވަނީ އިންޒާރުގެ މެސެޖުތަކެއް ފޮނުވައިފައެވެ.
ސަރުކާރުން ވަނީ އެ މައްސަލަ ކުށްވެރިކޮށް، ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގުކުރަން އެދިފައެވެ.