އަންނަ އަހަރަށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ކޮމިޓީން ފާސްކޮށްފި

މަޖިލީހުގެ ބަޖެޓު ކޮމިޓީ -- ފޮޓޯ/ މަޖިލިސް

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ގޮތުގައި، ފާސްކުރަން ތަޅުމަށް ފޮނުވުމަށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން މިރޭ ފާސްކޮށްފިއެވެ.

އެ އަދަދު ފާސްކުރީ ބަޖެޓު ކޮމިޓީން ގެނައި އެކި އިސްލާހުތަކުގެ ސަބަބުން ބަޖެޓަށް އިތުރުވާ 306،109،915 (306 މިލިއަން) ރުފިޔާ އިތުރުކުރުމަށްފަހުގައެވެ.

ބަޖެޓު ފާސްކުރިއިރު، އޮފީސްތަކުގެ ޑޮމެސްޓިކް ބަޖެޓުގެ ގޮތުގައި 43،120،469،058 (43 ބިލިއަން) ރުފިޔާ ބަޖެޓު ކޮމިޓީންވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން އާ ސަރުކާރުން މި ފެށޭ އަހަރަށް ބަޖެޓުކޮށްފައިވާ އެންމެ ބޮޑު އެއް މަޝްރޫއުކަމަށްވާ ފުށިދިއްގަރު ފަޅު ހިއްކުމަށް އޮތް 400 މިލިއަން ރުފިޔާއިން 10 މިލިއަން ވަނީ އުނިކޮށްފައެވެ.

https://sun.mv/185794

ހަމައެއާއެކު އިންޑައިރެކްޓް ސަބްސިޑީ އުވައިލައި، ހަމައެކަނި ބޭނުންޖެހިފައިވާ މީހުންނަށް ސަބްސިޑީ ދިނުމަށް ވެސް ބަޖެޓު ކޮމިޓީންވަނީ ފާސްކޮށްފައެވެ.

https://sun.mv/183988

އެއާއެކު ބަޖެޓަށް ޖުމްލަ ބަޖެޓުގެ ގޮތުގައި 49،855،823،553 (49.9 ބިލިއަން) ރުފިޔާ ވަނީ ބަޖެޓު ކޮމިޓީން ފާސްކޮށް، ތަޅުމަށް ފޮނުވަން ނިންމައިފައެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވީ ބަޖެޓުގެ ޖުމުލައަކީ 49.5 ބިލިއަން ރުފިޔާއެވެ.

މި ނިމޭ އަހަރުގެ ބަޖެޓުގެ ގޮތުގައި މަޖިލީހުން މިދިޔަ އަހަރު ފާސްކުރީ 42.8 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އަހަަރަކަށްފަހު އަހަރެއް ދައުލަތުގެ ބަޖެޓު އަންނަނީ އެތައް ގުނައެއް ބޮޑުވަމުންނެވެ.

comment ކޮމެންޓް