އެއް ދުވަސްތެރޭ ބޭރު ފައިސާއާ ބެހޭ ބިލު ދިރާސާކޮށް ނިންމަން ކޮމިޓީން ފާސްކޮށްފި

އިދާރީ ބޭންކް އެމްއެމްއޭއަށް މީހަކު ވަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއް ދުވަސްތެރޭ ބޭރު ފައިސާއާ ބެހޭ ބިލު ދިރާސާކޮށް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ބޭރު ފައިސާއާ ބެހޭ ބިލު ހުށަހެޅުއްވީ މިދިޔަ ހޯމަ ދުވަހުއެވެ.

އެ ބިލުގެ ބަހުސް މަރުހަލާ ކުރިއަށް ދިޔައީ އިއްޔެ އޮތް ޖަލްސާގައި އެކަންޏެވެ. މަދު މެންބަރުންކޮޅެއް ބަހުސްކުރެއްވުމަށް ފަހު އިއްޔެ ވަނީ މަޖިލީހުން ބަލައިގެންފައެވެ. އެ މަޖިލީހުން ބަލައިގަނެ، މާލިއްޔަތު ކޮމިޓީއަށް ފޮނުވީ 51 މެންބަރުންގެ ވޯޓާއެކުއެވެ. ބިލު ބަލައިގަތުމާ ދެކޮޅަށް ވޯޓުދެއްވީ އެންމެ ހަތަރު މެންބަރުންނެވެ.

އެއާއެކު ބިލު ދިރާސާކުރުމަށް މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީއަށް ވަނީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑްސްޓްރީ (މަޓީ) ހާޒިރުކޮށްފައެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން -- ފޮޓޯ/ މަޖިލިސް

އެ ކޮމިޓީ ބައްދަލުވުމުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވަނީ ބިލުގެ މަސައްކަތް އެއް ދުވަސްތެރޭ ދިރާސާކޮށް، ކޮމިޓީ މަރުހަލާއިން ނިންމުމަށް ހުށަހަޅުއްވާފައެވެ.

"އަޅުގަނޑަށް ފެނޭ މިއަދު މި ބިލުގެ މަސައްކަތް ނިންމަން. މިއަދުގެ އިރުއޮއްސި ހަޔަކާ ހަމައަށް،" ޝުޖާއު ވިދާޅުވިއެވެ. އެ ހުށަހެޅުމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ ވަނީ ތާއީދުކުރައްވާފައެވެ. އެއާއެކު ކޮމިޓީން ވަނީ އެގޮތަށް ފާސްކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މަޓީގެ އެދުމުގެ މަތިން އެ ކޮމިޓީ ވަނީ ސިއްރު ވެސް ކޮށްފައެވެ.

https://sun.mv/200002

ބޭރު ފައިސާއާ ބެހޭ ބިލު ހުށަހަޅާފައި ވަނީ ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަށް 500 ޑޮލަރު ރާއްޖޭގެ ބޭންކަކުން މާރުކުރުން ނުވަތަ ލިބޭ އާމްދަނީގެ 20 ޕަސެންޓް މާރު ކުރަން ޖެހޭ ގޮތަށް, އިޚުތިޔާރު ދީފައެވެ.

ރިސޯޓްތަކަށް އަންނަ ފަތުރުވެރިއެއްގެ ބޮލަށް 500 ޑޮލަރު މާރުކުރަން އެމްއެމްއޭގެ ގަވާއިދުގައި މަޖުބޫރު ކުރުމުން ޓޫރިޒަމް އިންޑަސްޓްރީގެ އިސް ބޭފުޅުން ވަނީ އެ ގަވާއިދަށް އަމަލު ކުރެވެން ނެތް ކަމަށް ބުނެފައެވެ. އެއީ އެ ގަވާއިދު އޭރު އޮތްގޮތުން ނުލިބޭ އާމްދަނީއެއް ބޭންކަށް މާރު ކުރަން ޖެހޭ ކަމަށް ވިދާޅުވެއެވެ.

މި މައްސަލާގައި ވިޔަފާރިވެރިންނާއި ސަރުކާރާ ދެމެދު ހިޔާލު ތަފާތުވުން އުފެދިފައި ވަނިކޮށް މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ އެ ގަވާއިދު ބަދަލު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޖެހޭނީ 500 ޑޮލަރު މާރު ކުރަން ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ބައެއް ލުއިތައް ދީ އެމްއެމްއޭއިން މި ފަހުން އަނެއްކާ ވެސް މި ވަނީ ބޭރު ފައިސާއާ ބެހޭ ބިލް އެކުލަވާލައިފައެވެ.

comment ކޮމެންޓް