އަންނަ އަހަރަށް ފިނޭންސް މިނިސްޓްރީން ހުށަހެޅި ބަޖެޓުގައި އިންޑައިރެކްޓް ސަބްސިޑީ އުވާލައި، ކޮންމެހެން ބޭނުންޖެހިފައިވާ މީހުންނަށް ސަބްސިޑީ ދިނުމަށް ނުވަތަ ޑައިރެކްޓް ސަބްސިޑީއަކަށް ބަދަލުކުރުމަށް ހިމަނައިފިއެވެ.
އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން 2024 ވަނަ އަހަރު ރިކަރަންޓް ޚަރަދުގެ ތެރެއިން ބޮޑު ބައެއް ހިނގާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފައިވަނީ މުވައްޒަފުންނަށް ހިނގާ ޚަރަދަށާއި، އެކިއެކި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ހިނގާ ޚަރަދުތަކަށާއި، ޚިދުމަތް ދިނުމުގެ ބޭނުމުގައި ހޯދާ ތަކެއްޗަށް ހިނގާ ޚަރަދުތަކަށެވެ.
އެ މިނިސްޓްރީން އަމާޒުހިފާފައިވަނީ ފިސްކަލް ދެމެހެއްޓެނިވިކަން ގާއިމުކޮށް، ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ތެރެއިން އިންޑައިރެކްޓް ސަބްސިޑީ ރިފޯމް ކުރުމަށެވެ.
އެގޮތުން މިހާރު ސަރުކާރުން ދެމުންދާ އިންޑައިރެކްޓް ސަބްސިޑީތަކުގެ ތެރެއިން ކަރަންޓު ސަބްސިޑީ، ފިއުލް ސަބްސިޑީ، ކާޑުގެ ސަބްސިޑީ އަދި ނަރުދަމާގެ ސަބްސިޑީ ނިޒާމު ބަދަލުކުރުމަށް ވަނީ ނިންމައިފައެވެ. އަދި، މި ނިޒާމު ބަދަލުކޮށް ޑައިރެކްޓް ޓްރާންސްފާ ނިޒާމަކަށް ނުވަތަ ކޮންމެހެން ބޭނުން ޖެހޭ މީހުންނަށް ސަބްސިޑީ ދިނުމަށް ވަނީ ނިންމައިފައެވެ.
އެހާ ހިސާބުން ސަބްސިޑީގެ ގޮތުގައި ސަރުކާރު ކުންފުނިތަކަށް ފައިސާ ދޫކުރުން ނިމުމަކަށް އަންނާނެއެވެ.
މި ބަދަލާ އެކު އަންނަ އަހަރު ހުއްޓައިލާ ހަތަރު ސަބްސިޑީއަށް ކުރާ ޚަރަދު އެ އަހަރުގެ ތެރޭގައި ދެބައިކުޅަ އެއްބައި ކުޑަވާނެ ކަމަށާއި 2025 ގައި ވަރަށް ބޮޑަށް ކުޑަަކުރެވޭނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.
އެހާ ހިސާބުން އިންޑައިރެކްޓް ސަބްސިޑީއަކަށް ހިނގާ ހަމައެކަނި ޚަރަދަކަށް ވާނީ މަސްވެރިންނަށް ދެމުންދާ ފިއުލް ސަބްސިޑީއެވެ.
މި އަހަރަށް ސަރުކާރުން ސަބްސިޑީއަށް ފާސްކުރީ 2.28 ބިލިއަން ރުފިޔާއެވެ. އެކަމަކު، މި އަހަރުގެ ފުރަތަމަ ފަސް މަހުގެ ތެރޭގައި ސަބްސިޑީގެ ބަޖެޓުން 1.1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަހަރުގެ ބާކީ ބަޔަށް ސަރުކާރުން ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި އިތުރު އެއް ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު އިންޑައިރެކްޓް ސަބްސިޑީގެ ތެރެއިން އިތުރުވެފައި ވަނީ ކަރަންޓު ސަބްސިޑީ، ފިއުލް ސަބްސިޑީ އަދި މަސްވެރިންނަށްދޭ ސަބްސިޑީއެވެ.
ފިނޭންސުން ބުނާ ގޮތުގައި ކަރަންޓު ސަބްސިޑީ އިތުރުވެފައި ވަނީ ފެނަކައިގެ ކޭޝްފްލޯ މެނޭޖްކުރުމަށް އެޑްވާންސްކޮށް ސަބްސިޑީ ދިނުމުން ކަމަށެވެ. އަދި، ފިއުލް ސަބްސިޑީ އިތުރުވެފައި ވަނީ މި އަހަރު ތެރޭ ތަންފީޒުކުރުމަށް ރޭވުނު ފިއުލް ސަބްސިޑީ ރިފޯމް ތަންފީޒު ނުކުރެވުމުންނެވެ.