ސަރުކާރުގައި ގިނައީ ފަހު ވަގުތު ވައިކުޑައިގައި އައި މީހުން: ޖަމީލު

ފެބްރުއަރީ 14، 2021: ރައީސް ޔާމީންގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު -- ސަން ފޮޓޯ/ ފަަޔާޒު މޫސާ

އާ ސަރުކާރު ގެނެސްގެން ޕީޕީއެމްގެ މެންބަރުންނަށް ހައްގު މިންވަރެއް ނުލިބުނު ކަމަށާއި ވަޒީރުންގެ ތެރޭގައި ވެސް ގިނައީ ފަހު ވަގުތު 'ވައި ކުޑައިގައި' ވަޑައިގެންނެވި ބޭފުޅުން ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

އާ ސަރުކާރުގައި 22 ވުޒާރާ ހިމެނޭއިރު، އެ ވުޒާރާތަކަށް އައްޔަންކުރެއްވި ބައެއް ވަޒީރުންނަކީ މީގެ ކުރިން ސިޔާސީ މަސައްކަތްތަކުގައި އެހާ ބޮޑަށް އުޅުއްވި ބޭބޭފުޅުންނެއް ނޫނެވެ.

މިދިޔަ އާދިއްތަ ދުވަހު 'ސަން'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސް ގާނޫނީ ވަކީލަކަށް ވެސް ހުންނެވި ޖަމީލު ވިދާޅުވީ، މި ސަރުކާރު ގެނައުމަށް މަގުމަތީގައި ބުރަ މަސައްކަތް ކުރެއްވި ގިނަ ބޭބޭފުޅުންނަށް 'ހައްގު މިންވަރު' ނުލިބުނު ކަމަށެވެ. އެ މަނިކުފާނު ވަނީ ގިނަ ވަޒީރުންނަކީ މިވީހާތަނަށް ސިޔާސީ މަސައްކަތެއް ވެސް ނުކުރައްވާ ބޭބޭފުޅުންކަން ފާހަގަކުރައްވައި އެ ކަމަށް ފާޑު ވިދާޅުވެފައެވެ.

"ޕީޕީއެމްގެ އާންމު ރައްޔިތުން ގަބޫލުކުރަނީ މި ސަރުކާރުގައި ޕީޕީއެމަށް ހައްގު މިންވަރެއް ނުލިބުނޭ. މިއީ ހަމަ ގަބޫލުކުރާ ހަގީގަތެއް،" ޖަމީލު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އެ ވާހަކަ ދައްކަވަނީ އެ މަނިކުފާނަށް އެއްވެސް މަގާމެއް ނުލިބިގެން ނޫން ކަމަށެވެ. އެއީ، ހަގީގީ މައްސަލަ އޮޅުވައިލަން ދައްކާ ވާހަކައެއް ކަމަށް ތުހުމަތު ކުރައްވައި ޖަމީލު ވިދާޅުވީ، އެ މަނިކުފާނަށް އަމިއްލަ މަސައްކަތްކޮށްގެން ދުނިޔޭގައި އުޅެވޭނެ ކަމަށެވެ.

އެކަމަކު، ސިޔާސީ ޕާޓީއެއް އުފައްދައިގެން ފަސް އަހަރު މަގުމަތީގައި އެތައް މަސައްކަތެއްކޮށްގެން ވެރިކަމަށް އައުމަށް ފަހު، ފުރަތަމަ ދުވަހުން ފެށިގެން މަގުމަތީގައި ހުރިހާ މަސައްކަތެއް ކުރި އާންމު މެންބަރުންނަށް ހައްގު މިންވަރު ނުލިބޭ ނަމަ އެއީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ.

ކުރީގެ ނައިބު ރައީސް ޑޜ. މުހައްމަދު ޖަމީލު އަހުމަދު -- ސަން ފޮޓޯ/ އިންފިނިޓް މޫވްމަންޓްސް/ މުހައްމަދު މާވީ

"ނިސްބަތުން ކިހާ މިންވަރެއް ތޯއޭ ކެބިނެޓުގައި ތިބީ ޕީޕީއެމް/ޕީއެންސީގެ؟ އަޅުގަނޑަށް 15 ވަރަކަށް ބޭފުޅުން އެބަ ފެނޭ ދުވަހަކު ހައްދަވައިގެން ޕީޕީއެމްގެ މަސައްކަތެއްގައި ނޫޅޭ. ދުވަހަކު ހައްދަވައިގެން މީހުން މިއިން މީހަކު ކުރި ސިޔަސީ މަސައްކަތެއް ނުދަނޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ ސިޔާސީ ޕާޓީއެއްގައި އެތައް ބައެއްގެ މަސައްކަތުން ވެރިކަމަށް އައުމަށް ފަހު، އެންމެ ބޮޑެތި މަގާމުތައް މާ ދުރު ބޭބޭފުޅުންނަށް ދެއްވުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ.

"މިއީކީ އެއްގޮތަކަށް ވެސް އޮޕޮޗުނިސްޓުންނަށް ފުރުސަތު ދޭން އަންނަ ބައެއް ހެއްޔޭ؟ އެހެން ވެއްޖިއްޔާ ކީއްކުރަން ސިޔާސީ ޕާޓިއެއްގައި އެ މީހުން މަސައްކަތް ކުރަނީ؟ ތިބެންވީނުން އެންމެން ވެސް ދުރުގައި ބަލަހައްޓައިގެން. ހަމަ ނިމެންވީމާ ވައި ކުޑައިގައި ފުންމާލަންވީ،" އެ މަނިކުފާނު ފާޑު ވިދާޅުވިއެވެ.

"މި ވާހަކަ ދައްކަނީ އަޅުގަނޑަށް ނުލިބިގެނެއް ނޫން،"

ޖަމީލު ވިދާޅުވީ އެ މަގުން ބައްލަވައި ކަމުގައި ވާނަމަ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވުރެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރު ވެސް މާ ރަނގަޅު ކަމަށެވެ.

އެގޮތުން، ކޯލިޝަނެއްގެ ތެރެއިން އުފެދުނު ޞާލިޙްގެ ސަރުކާރުގައި ވެސް އެމްޑީޕީގައި ބުރަ މަސައްކަތް ކުރެއްވި ގިނަ ބޭބޭފުޅުންނަށް ހައްގު މިންވަރު ހޯއްދަވައިދެއްވި ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ. އެހެންވެ، ޕާޓީގެ މެންބަރުންނަށް ހައްގު މިންވަރު ހޯދައިދިނުމުގައި މި ސަރުކާރު، ކުރީ ސަރުކާރަށް ވުރެ ގޯސްކަމަށް ޖަމީލު ވިދާޅުވިއެވެ.

ރައީސް ޔާމީން، ޕީއެންއެފް އޮފީހުގައި ޖަމީލާ އެކު -- ފޮޓޯ/ އެކްސް

"އެ ސަރުކާރު ވެސް ރަނގަޅު. މިއަދު ރައީސް މުއިއްޒު އައިމާ މި ސަރުކާރު ވެސް ރަނގަޅު. މި ތަނުން ވެސް މިނިސްޓަރުކަން ލިބުނީ. އެއީ ފެއާއެއް ނޫން،" އެ މަނިކުފާނު ވިދާޅުވިއެވެ.

އާ ސަރުކާރު ހުވާ ކުރިތާ ހަފުތާއެއް ނުވަނީސް ދެ ރައީސުންގެ ގުޅުން ގޯސްވެ، ޔާމީން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓިއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފައެވެ.

ޔާމީން އަލަށް އުފައްދަވައި ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ވަނީ ދޫކޮށްފައެވެ. އެ ޕާޓީ އުފައްދަން ބޭނުންވާ 3،000 މެންބަރުންގެ ސޮއި ހަމަކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް