ޕީޕީއެމްގެ ސަރުކާރާއެކު އިހުގެ ނާމާންކަން އިއާދަވެއްޖެ: އެމްޑީޕީ

މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އިބްރާހިމް ޝަމްވީލް

ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައި ވެސް މަގުތައް ނާމާންވި ފަދައިން، މި ސަރުކާރުގެ އެންމެ ފުރަތަމަ ދުވަސްކޮޅުގައި ވެސް އެ ނާމާންކަން އަލުން އިއާދަވާ މަންޒަރު ފެންނަން ފަށައިފިކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސިލްސިލާ ގޮތެއްގައި އިތުރުވެެފައިވާ މާރާމާރީގެ މައްސަލަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އަމާންކަން ގެއްލި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުށްކުރުމާއި މާރާމާރީތައް އިތުރުވެއްޖެކަމަށެވެ. އަދި އަމިއްލަ ހިޔާވަހީގެ ރައްކާތެރިކަމާއި، މަގުތަކުގެ އަމާންކަން ގެއްލުމަކީ އެ ޕާޓީއަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ބުންޏެވެ.

"އެމްޑީޕީއިން ވަކާލާތު ކުރާ އަބުރުވެރި ދިރިއުޅުމަކަށް ގެދޮރުގެ ހުރުމަތް ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭންޖެހޭނެ. އަމާން ރާއްޖެއެއްގެ ހިޔާ ދަށުގައި، ފިކުރު ބޮޑުނުވާ ދިރިއުޅުމެއްގެ އުފާ ލިބެންވާނެ،" އެމްޑީޕީން ބުންޏެވެ.

އެ ޕާޓީން ބުނީ މީގެ ކުރިން އޮތް ޕީޕީއެމްގެ ވެރިކަން ވެސް ބައްޓަން ކޮށްފައިވަނީ އެމްޑީޕީގެ އަސާސްތަކާއި ނުކިއްސަރުކޮށް ކަމަށެވެ.

އެގޮތުން މިއަދާ ހަމައަށް ވެސް ގައުމުގެ އަމާންކަން ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފުލުހުންގެ ޚިދުމަތަށް އިސްވެރިޔަކު އައްޔަނުކޮށްފައި ނުވާކަން އެ ޕާޓީން ވަނީ ފާހަގަކޮށްފައެވެ.

އަދި އެއީ ފުލުހުންގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދައިކުރަން އޮތް ހުރަހެއް ކަމަށާއި ކޮމިޝަނަރަކު އައްޔަނު ކުރުން ޕޮލިސް ބޯޑު މެދުވެރިކޮށް އަވަސްކުރުމަށް ސަރުކާރަށް ވަނީ ގޮވާލައިފައެވެ.

"އެމްޑީޕީގެ ނިމިގެންދިޔަ ސަރުކާރަކީ ފާއިތުވި 15 އަހަރު ތެރޭގައި ވެސް ރާއްޖޭގައި އެންމެ ކުށް މަދު ކުރެވުނު ފަސް އަހަރު. އެއީ އަމާންކަން ނެގެހެއްޓުމަކީ ދައުލަތުގެ އެންމެ އިސް ޒިންމާ ކަމުގައި ދެކި، ގިނަ މުއައްސަސާތަކެއް ގުޅިގެން ރޭވުންތެރިކަމާއެކު ކުރެވުނު މަސައްކަތުގެ ނަތީޖާ،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެ ޕާޓީން ވަނީ އަދުގެ ސަރުކާރަށް ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ ބިރުވެރިކަމެއް ނެތި އުޅެވޭނެ މުޖުތަމައެއް ގާއިމުކޮށްދިނުމަށް ގޮވާލައިފައެވެ.

https://sun.mv/185647

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވެސް އެމްޑީޕީން ދެއްކި އެއް ވަހަކައިގެ ތެރޭގައި، ޕީޕީއެމް/ ޕީއެންސީއަށް ވެރިކަން ލިބިއްޖެނަމަ މަގުތައް ނާމާންވެ ހަލަބޮލިވުމުގެ ވާހަކަ ހިމެނެއެވެ.

އަދި އަމާންކަން ދެމެެހެއްޓުމަކީ އެމްޑީޕީއަށް ވޯޓު ދޭންވީ ސަބަބެއްކަމަށް އޭރު އެ ޕާޓީން ބުނަމުން އައެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އައްޑޫ ސިޓީ ހިތަދޫގައި ހިންގި މާރާމާރީއާއި އިއްޔެ ހިތަދޫގައި ހިންގި މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފައެވެ. އަދި މާލޭގައި ހިންގި މާރާމާރީއާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އަދި އެ މާރާމާރީތަކާ ގުޅިގެން ފުލުހުން ވަނީ އައްޑުއާއި މާލޭގެ ސަލާމަތީ ކަންކަން ވެސް އިތުރަށް ވަރުގަދަކޮށްފައެވެ.

comment ކޮމެންޓް