ސައިކަލުތައް 'އުކާ' ވީޑިއޯއިން ފެންނަނީ ނައްތާލަން ގެންދިޔަ އުޅަނދުތަކެއް: ފުލުހުން

ސައިކަލުތައް 'އުކާ' މަންޒަރު ފެންނަ ވީޑިއޯ: އެ ވީޑިއޯއިން ފެންނަނީ ނައްތާލަން ގެންދިޔަ އުޅަނދުތަކެއް ކަމަށް ފުލުހުން ބުނޭ -- ފޮޓޯ/ އެމްވީކްރައިސިސް

ފުލުހުންގެ އުޅަނދެއްގެ މަތީގައި ހުރި ސައިކަލެއް ބިންމައްޗަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ ވީޑިއޯއިން ފެންނަނީ ނައްތާލަން ގެންދިޔަ އުޅަނދުތަކެއް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ މެރީބްރައުން ރެސްޓޯރެންޓް ކައިރީ ހުންނަ ފުލުހުންގެ ޓޯޔާޑު ތެރެއަށް، ފުލުހުންގެ ޓްރަކަކުން ސައިކަލެއް ވައްޓާލާ މަންޒަރެވެ.

އެ ވީޑިއޯ ހިއްސާކޮށް ކަންބޮޑުވުން ފާޅުކުރި މީހުން ވަނީ ފުލުހުން ޓޯކުރާ އަގުބޮޑު އުޅަނދުތަކަށް ގެއްލުންދެނީތޯ ސުވާލު އުފައްދައިފައެވެ.

އެ ވީޑިއޯއާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ވީޑިއޯއިން ފެންނަނީ އިއްޔެ ގަވައިދުގެ ތެރެއިން ނައްތާލުމަށް ހަމަޖެހިފައިވާ އުޅަނދުތަކުގެ ތެރެއިން އުޅަނދެއް ކަމަށެވެ.

އެ މަސައްކަތުގެ ދަށުން ނައްތާލި އުޅަނދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ބުނީ:

  • ދެ ފުރޮޅުލީ 247 އުޅަނދު
  • ހަތަރު ފުރޮޅުލީ 29 އުޅަނދު
  • 223 ބައިސިކަލް
  • އެއް އެމްބިއުލާންސް

އޭގެ ތެރޭގައި އެކި ދުވަސްމަތިން މާލެއާއި ހުޅުމާލެއިން ޓޯކޮށްފައިވާ އުޅަނދުތައް ހިމެނޭ ކަމަށް ފުލުހުން ފާހަގަކުރިއެވެ.

ފުލުހުން އެ މައުލޫމާތު ހިއްސާކުރި ފަހުން، ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ އެކްސް މެދުވެރިކޮށް އެ މައުލޫމާތު އާންމުކުރައްވައިފައެވެ.

ފުލުހުން ޓޯކުރާ އުޅަނދުތަކަށް ގެއްލުންވުމުގެ މައްސަލަތައް ފެންމަތިވެ، މީގެ ކުރިން ވެސް މީހުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މާލެ ސަރަހައްދުގައި ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތްތައް މިފަހުން ފުލުހުން ވަނީ އިތުރުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް