ބުރާސްފަތި ދުވަހުގެ އެކްސިޑެންޓު: ވެންޓިލޭޓަރުގައި އޮތް ޒުވާނާ ނިޔާވެއްޖެ

މުޙައްމަދު ލީވާން އަބްދުލް ލަތީފް، އޭނާ ނިޔާވީ ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން-

މިދިޔަ ބުރާސްފަތި ދުވަހުގެ މެންދަމު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބި ވެންޓިލޭޓަރުގައި ފަރުވާދެމުން އައި ޒުވާނާ މިރޭ ނިޔާވެއްޖެއެވެ.

ނިޔާވި ޒުވާނާއަކީ ގދ. ގައްދޫ، ޖުޕިޓާ، އުމުރުން 21 އަހަރުގެ މުޙައްމަދު ލީވާން އަބްދުލް ލަތީފެވެ.

"ސަން"އަށް އޭނާގެ އާއިލާގެ މެމްބަރަކުވަނީ އެ ޒުވާނާ ނިޔާވެފައިވާކަން ކަށަވަރުކޮށްދީފައެވެ.

އެ ޒުވާނާގެ ހާލު ސީރިއަސްވެ އެ ރޭ ވަނީ އޭނާއަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފައެވެ.

ފުލުހުން މީގެ ކުރިން ބުނި ގޮތުގައި މި އެކްސިޑެންޓު ހިނގީ ބުރާސްފަތި ދުވަހުގެ މެންދަމު 00:35 ހާއިރު، ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓުވެގެންނެވެ.

އާއިލާގެ ފަރާތުން "ސަން" އަށް ކިޔައިދިން ގޮތުގައި އެ ޒުވާނާއަކީ އޭނާގެ މައިންބަފައިންނަށް ލިބިފައިވާ ދެ ކުދީންގެ ތެރެއިން އެންމެ ދޮށީ ފިރިހެން ދަރިފުޅެވެ. އެ ޒުވާނާ އައީ ވެމްކޯގައި ވަޒީފާ އަދައިކުރަމުން ކަމަށް ވެސް ބުންޏެވެ.

ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނި ގޮތުގައި، އެކްސިޑެންޓުގެ ސަބަބުން އެ ޒުވާނާގެ ސިކުނޑި މަރުވެ، ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. އެހެންވެ ވެންޓިލޭޓަރުގެ އެހީގައި ވެސް ފަރުވާ ދިނުމަށް ޑޮކްޓަރުން މަސައްކަތްކުރި ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ހާލު ރަނގަޅުނުވެ އޮވެ މިރޭ ނިޔާވީއެވެ.

ނުރައްކާތެރި އެކްސިޑެންޓުތައް މި ދެތިން ދުވަހެއްގެ ތެރޭ މާލޭ ސަރަހައްދުގައި އާދަޔާ ޚިލާފަށް ގިނައިންވަނީ ހިނގައިފައެވެ.

އެގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިއްޔެ ހެނދުނު ވެސް އެކްސިޑެންޓެއް ހިނގައި، މީހަކަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. އަދި ރޭގައި ވެސް ވަނީ އެކްސިޑެންޓެއްވެ ދެ މީހަކަށް އަނިޔާވެފައެވެ.

އޭގެ ކުރިން ހުކުރު ދުވަހުގެ ފަތިހު، ލައިސަންސް ނެތް ޒުވާނެއް ދުއްވި ކާރަކުން ޖެހި، ޒުވާން ދިވެހި ފިރިހެނަކު ވަނީ ނިޔާ ވެސް ވެފައެވެ.

މި އަހަރުގެ މިހާތަނަށް 1907 ޓްރެފިކް އެކްސިޑެންޓް ފުލުހަށް ރިޕޯޓުކޮށްފައިވާއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 431 އެކްސިޑެންޓްގެ އިތުރުވުމެއް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އެކްސިޑެންޓުތައް ހިނގުން އާންމުވެފައިވާއިރު މަގުތަކުގެ ރައްކާތެރިކަމާމެދު ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް