އައްޑޫގައި ހިންގި މާރާމާރީތަކާ ގުޅިގެން އިތުރު 2 މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ--ފޮޓޯ/ ދަ އެޑިޝަން

މިދިޔަ ހުކުރު ދުވަހުގެ ރޭ އައްޑޫ ސިޓީ ހިތަދޫގައި ހިންގި މާރާމާރީއާއި އިއްޔެ ހިތަދޫގައި ހިންގި މާރާމާރީއާ ގުޅިގެން ފުލުހުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހިތަދޫގައި ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރި ކަމަށެވެ.

އަދި އިއްޔެ ހިތަދޫގައި ހިންގި މާރާމާރީއާ ގުޅިގެން 22 އަހަރުގެ ފިރިހެނެއް ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހިތަދޫގައި ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީގެ މައްސަލައާ ގުޅިގެން މީގެ ކުރިން 18، 19، އަދި 20 އަަހަރުގެ އިތުރުން 23 އަހަރުގެ ޒުވާން ހަަތަރު ފިރިހެނުން ވެސް ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް މިއަދު ވަނީ އަމުރުކޮށްފައެވެ.

ހިތަދޫގެ ދެ ގޭންގުގެ ދެމެދުގައި ނުރައްކާތެރި މާރާމާރީއެއް ހިނގިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ އެ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.

އެ މާރާމާރީގައި 30 އަހަރުގެ ދިވެހި ފިރިހެނަކަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ވެފައެވެ. އެ މީހާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް އިއްޔެ ވަނީ މާލެ ގެނެސްފައެވެ.

ހުކުރު ދުވަހުގެ މާރާމާރީއަށް ފަހު އިއްޔެ ހިތަދޫގައި ހިންގި މާރާމާރީ، އިއްޔެ މެންދުރު ފަހު 15:30 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވެއެވެ.

އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފައިވަނީ 20 އަހަރުގެ ޒުވާން ފިރިހެނެކެވެ. އެ މީހާގެ ބަނޑަށާއި ކޮނޑަށް ވަޅި ހަރައިފައިވާ ކަމަށާއި އޭނާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށް އިކުއަޓޯރިއަލް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އޭނާ އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ފޮނުވުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެެވެ.

މި ދެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ދުވަސްތަކެއް ވަންދެން ހިމޭންވެފައި އޮތުމަށް ފަހު، މި ފަހުން އައްޑޫގެ އިތުރުން މާލޭގައި ވެސް ވަނީ ދެ ގުރޫޕެއްގެ ދެމެދުގައި މާރާމާރީތައް ހިނގައިފައެވެ. އެހެންވެ، ފުލުހުން ވަނީ އައްޑުއާއި މާލޭގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްފައެވެ.

comment ކޮމެންޓް