ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭ މޭޔަރުކަމަށް ވާދަކުރަން ހުޅުވާލައިފި

ޕީޕީއެމް/ޕީއެންސީން މީގެ ކުރިން ބޭއްވި ކޮންގްރެސްގެ ތެރެއިން -- ސަން ފޮޓޯ

މާލެ ސިޓީ ކައުންސިލްގެ މޭޔަރު އަދި މާލޭގެ ސިޓީ ކައުންސިލްގެ ދެ ދާއިރާއެއްގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ މި މަހު ނުވައެއްވާ ހޮނިހިރު ދުވަހު ބާއްވަން ނިންމައި، ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ދެ ޕާޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާލޭ ސިޓީގެ މޭޔަރުކަމާއި މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާއާއި، މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާ (އަންހެނުންނަށް ޚާއްސަ ގޮނޑި)ގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ޕްރައިމަރީ މި މަހު ނުވައެއްވާ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެހެންވެ، މާލޭ މޭޔަރު ކަމަށާއި ކައުންސިލަރު ކަމަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުން މި މަހު ހަތަރެއްވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ފޯމު ހުށަހަޅަން ވަނީ އެދިފައެވެ. ފޯމު ޕީއެންސީގެ އޮފީހަށް ހުށަހަޅަން ނުވަތަ ޕާޓީއަށް އީމެއިލް ([email protected]) ކުރަން ވަނީ އެދިފައެވެ.

"މި ކޯލިޝަންގެ ޕްރައިމަރީގައި ވޯޓު ލެވޭނީ 2023 ޑިސެންބަރު އެކެއްގެ ނިޔަލަށް މި ކޯލިޝަންގެ ދެ ޕާޓީން ކުރެ ޕާޓީއެއްގެ މެންބަރުންގެ ގޮތުގައި ދެ ޕާޓީން ކުރެ ޕާޓީއެއްގެ ރަޖިސްޓްރީގައި ހިމެނިފައިވާ މެންބަރުންނަށް އެކަންޏެވެ،" އެ އިއުލާނުގައި ވެއެވެ.

މާލޭ ސިޓީގެ މޭޔަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ނިމުނު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ރައީސްކަމުގެ ހުވާ ކުރައްވަން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަކީ އެ ދާއިރާތައް ތަމުސީލު ކުރައްވަމުން ގެންދެވި ކައުންސިލަރުން ސަރުކާރުގެ މަގާމުތަކަށް ވަޑައިގަންނަވަން އިސްތިއުފާ ދެއްވުމުގެ ސަބަބުން ހުސްވެފައިވާ ގޮނޑިތަކެކެވެ.

މާލޭ މޭޔަރުކަމަށް ޕީޕީއެމް/ޕީއެންސީގެ އިތުރުން އިދިކޮޅު އެމްޑީޕީން ވެސް ވާދަކުރެއެވެ. އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އިއްޔެ ވަނީ ފޯމު ހުށަހަޅައިފައެވެ. އަދި، އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްގެ ފަރާތުން މޭޔަރުކަމަށް މާލޭ ސިޓީގެ ކައުންސިލަރު ސައިފް ފާތިހު އަންނަނީ ކެމްޕޭން ކުރައްވަމުންނެވެ.

މާލޭ ސިޓީގެ މޭޔަރު ކަމަށް ބޭފުޅަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ ޖެނުއަރީ 13 ގައެވެ.

comment ކޮމެންޓް