މި ސަރުކާރުގެ ރާގު ބަދަލުވެ، މިހާރު އެ އުޅެނީ މާލެ ރައްޔިތުންގެ ބޯހިޔާވަހިކަން 'ފޭރިގަތުމަށް' ކަމަށާއި، އާ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް މަޖިލީހުން ރުހުން ހޯދިޔަ ނުދޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރުމުގެ ވަގުތުގައި މެންބަރު މީކާއިލް ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް ބަލާލުމުން އެނގެނީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން ފޭރިގަންނަން އުޅޭ ކަން ކަމަށެވެ.
އެއާއެކު މީކާއިލް ވަނީ އިއްޔެ މި ސަރުކާރުގެ ކެބިނެޓުގެ ހައުސިން މިނިސްޓަރު ހައިދަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް އިޝާރާތްކުރައްވާ ވާހަކަ ދައްކަވައިފައެވެ. އިއްޔެ މިނިސްޓަރު ވަނީ ނިމިދިޔަ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރަން ނިންމައިފައިހުރި، އަދި މިހާރު ދީފައިހުރި ބައެއް ގޯތިތައް އެހެން ސަަރަހައްދަކަށް ބަދަލުކުރަން ޖެހިދާނެކަމަށް ވިދާޅުވެފައެވެ.
އެކަމާ ގުޅުވައި މީކާއިލް ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް އައީ ދޮގު ވިއްކައިގެން ކަމަށް އަމިއްލައަށް އިއުތިރާފުވީ ކަމަށެވެ.
އެގޮތުން ކެމްޕެއިން ދުވަސްވަރު ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ނިމިދިޔަ ސަރުކާރުން ދިން އެއްވެސް އެއްޗެން ރައްޔިތުން އަތުން އަތުނުލައްވާނެ ކަމަށާއި އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ވިދާޅުވެފައި ކަމަށް މީކާއިލް ވިދާޅުވިއެވެ. ނަމަވެސް މިއަދު އެ ރާގު ބަދަލުވެފައިވާ ކަމަށް މީކާއިލް ވިދާޅުވިއެވެ.
"ކުރިން ވިދާޅުވީ ނިމިދިޔަ ސަރުކާރުން ދެއްވާފަ އޮތް މިންވަރަށް އެ ގޯތިތައް ހަވާލުކުރައްވާނެ ކަމަށް. ނަމަވެސް އެ ރާގު ބަދަލުވެއްޖެ. ފޭރޭ ބައެއްގެ ގޮތަށް އެ މީހުންގެ ވާހަކަ އެއްކޮށް ބަދަލުވެއްޖެ،" މީކާއިލް ވިދާޅުވިއެވެ.
"އޭގެން އެނގެނީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން ފޭރިގަންނާނެކަން، ފޭރިގަންނާނެކަން، ފޭރިގަންނާނެކަން،"
މީކާއިލް ވިދާޅުވީ ހައުސިން މިނިސްޓަރަށް ދޭންޖެހޭ ރުހުން ނުދެއްވާނެ ކަމަށާއި ހުރިހާ މެންބަރުން އެކަން އެގޮތަށް ކުރުމަށް ގޮވާލައްވާ ކަމަށެވެ.
ނޫސްވެރިންނާ ފުރަތަމަ ފަހަރަށް ބައްދަލުކުރައްވައި އިއްޔެ މިނިސްޓަރު ހައިދަރު ވަނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭގޮތުން މި ސަރުކާރުން އަމަލުކުރާނެ ގޮތް ހިއްސާކުރައްވައިފައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ނިމިދިޔަ ސަރުކާރުން އެ ތަންތަނުން ބިން ދޫކުރަން ނިންމައިފައިހުރީ އެއްވެސް ޕްލޭނެއް ނެތިކަމަށެވެ.
އެއީ މި ސަރުކާރުން ބަލައިގަންނަ ކަމެއް ނޫންކަމަށާއި އެ ފަދަ ޕްލޭނެއް ނެތް ތަނެއްގައި މީހުން ދިރިއުޅެން ފެށުމަކީ މި ސަރުކާރަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.