ނިމިދިޔަ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރަން ނިންމައިފައިހުރި، އަދި މިހާރު ދީފައިހުރި ބައެއް ގޯތިތައް އެހެން ސަަރަހައްދަކަށް ބަދަލުކުރަން ޖެހިދާނެކަމަށް މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.
ކުރީ ސަރުކާރުން ދައުރު ނިންމާލިއިރު ވަނީ ބިންވެރިޔާ ސްކީމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ބިން ލިބުނު ފަރާތްތަކަށް ބިން ލިބުނު ކަމުގެ ލިޔުމާއި ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ވެސް ފަށައިފައެވެ.
އެއީ ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރު ފަޅުން ދޫކުރާ ގޯތިތަކުގެ ލިޔުމެވެ. އެ ތަންތަނުން ގޯތި ދޭ ސަރަހައްދުގެ ކުރެހުންތައް ވެސް އާންމުކޮށްފައިވެއެވެ. މި މަސައްކަތް ކޮށްފައިވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކުރިންނެވެ.
ނޫސްވެރިންނާ ފުރަތަމަ ފަހަރަށް ބައްދަލުކުރައްވައި މިނިސްޓަރުވަނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭގޮތުން މި ސަރުކާރުން އަމަލުކުރާނެ ގޮތް ހިއްސާކުރައްވައިފައެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ ނިމިދިޔަ ސަރުކާރުން އެ ތަންތަނުން ބިން ދޫކުރަން ނިންމައިފައިހުރީ އެއްވެސް ޕްލޭނެއް ނެތިކަމަށެވެ.
އެއީ މި ސަރުކާރުން ބަލައިގަންނަ ކަމެއް ނޫންކަމަށާއި އެ ފަދަ ޕްލޭނެއް ނެތް ތަނެއްގައި މީހުން ދިރިއުޅެން ފެށުމަކީ މި ސަރުކާރަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެ ބިންވެރިޔާ ސްކީމުގައި ބިން ދީފައި ހުރީ ގޮޅި ޖަހައިލައިފަޔޭ އިނގޭތޯ. ގޮޅި ޖަހައިލައިފަޔޭ ހުރީ. އެހެންނަމަވެސް އަޅުގަނޑުގެ ވާހަކައަކީ ހަމަ ރަނގަޅު އާބަން ޕްލޭނެއްގެ ދަށުން އެ ތަންތަން ތަރައްގީކުރާއިރުގައި އެހެން ހުންނަ ތަންތަން އަޅުގަނޑުމެންނަށް ޖެހިދާނޭ ބަދަލުކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ގޯތި އެހެން ދިމާއަކަށް ބަދަލުކުރި ނަމަވެސް އަލުން ދޭނީ ކުރިން ދޭން ނިންމައިފައި އޮތް ބޮޑުމިނުގެ ގޯއްޗެއްކަމަށެވެ. އަދި ގޯތި ލިބޭނީ ކުރިން ވެސް އޮތް ރަށުންކަމަށް ވިދާޅުވިއެވެ.
"އެ ލިބުނު ތަނަކުން އަޅުގަނޑުމެން އެހެން ލޮކޭޝަނެއް ދޭނަން އިނގޭތޯ. މިސާލަކަށް ފޭސް ތިނަކުން ވެއްޖެޔާ ފޭސް ތިނަކުން. ގުޅީފަޅުން ވެއްޖެޔާ ގުޅީފަޅުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ހައިދަރު ވިދާޅުވީ ބިން ލިބޭ ތަން ބަދަލުވާނީ އެ ބިމުގައި އެހެން ކަމެއް ކުރުމަށް މި ސަރުކާރުގެ ޕްލޭންގައިވާނަމަ ކަމަށެވެ. އެހެން ނޫންނަމަ އެ ސަރަހައްދަކުން އެ ގޯތި ލިބޭނެކަމަށް ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މަގްސަދަކީ ގޯތީގައި ރައްޔިތުންނަށް ހިތްހަމަޖެހުމާއެކު ދިރިއުޅެވޭނެ ގޮތް ހެދުންކަމަށެވެ.
ހަމައެކަނި ގޯތި ދީގެން އެ ކަން ނުވާނެކަމަށާއި އެ ތަނުގައިި އެހެން ޚިދުމަތްތައް ވެސް ތަރައްގީވުން މުހިންމުކަމަށް ވިދާޅުވިއެވެ.