އެ މަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމާ ހަވާލުވެވަޑައިގަތުމާ އެކު ސަރުކާރުން ޝަރުއީ ދާއިރާއަށް ފޯރުވަމުން ގެންދިޔަ ނުރަނގަޅު ނުފޫޒު މި ނިމުމަކަށް އައީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު ރައީސްކަމުގެ ހުވާ ކުރެއްވީ އެ ކަމަށްޓަކައި މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި ސަރަހައްދުގެ ބޮޑެތި ގައުމުތަކާއި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
ހުވާ ކުރެއްވުމަށް ފަހު، ރައީސްގެ ހައިސިއްޔަތުން އެންމެ ފުރަތަމަ ގައުމާ މުޚާތަބު ކުރައްވާ ރައީސް ވިދާޅުވީ، އެ މަނިކުފާނު ހުވާ ކުރެއްވުމާ އެކު ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުނީ ކަމަށެވެ. އަދި، އެ މަނިކުފާނު ވެވަޑައިގަންނަވާނީ ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާ އިޚްލާސްތެރި ރައީސަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކަށަވަރުކުރަން ބޭނުންވަނީ، ރާއްޖޭގެ ބާރުތަކުގެ މިނިވަންކަން. ވަކިން ޚާއްޞަކޮށް، ޢަދުލު އިންޞާފުގެ ނިޒާމުގެ ތެރެއަށް، ސަރުކާރުގެ ކުޑަވެސް ނުފޫޒެއް ވަންނާނެ ޖާގަ ނުދިނުން،" ރައީސް ވިދާޅުވިއެވެ.
"މީގެ މާނައަކީ، ފަހަރެއްގައިވެސް ދިވެހިރައްޔިތުންނާއި ދިވެހި ދައުލަތަށް ޚިޔާނާތްތެރިވުމުން، އެފަދަ ކުށްތައް ކުރާ މީހުންނާ މެދު ސަރުކާރުން ލޯ މަރާލުމެއް ނޫން. އެއާ ޚިލާފަށް، މީގެ މާނައަކީ ސަރުކާރުން، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން މި ހިނދުން މި ހިނދަށް ނިމުން. އެކަން މި ނިންމީ،"
ރައީސް ވިދާޅުވީ، ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވުމުގެ މާނައަކީ ކޮރަޕްޝަނާއި ވައްކަމަށް ލޯ މަރައިލުން ނޫން ކަމަށެވެ.
ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
"އަޅުގަނޑު ޢަދުލުވެރިވާނަން. ބޭއިންސާފެއް ނުވާނަން. ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނާނަން. މި އުފެދޭ އާ ސަރުކާރުގައި އެކަންކަމަށް ފިޔަވަޅުއަޅާނެ! ސަރުކާރުގެ ދެފުށް ފެންނާނެ. ފޮރުވައި ސިއްރުކުރުމެއް، ވަންހަނާކުރުމެއް ނޯންނާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ބޭރުގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނަން
ރައީސް ވިދާޅުވީ، ބޭރުގެ ސިފައިން ނެތް ރާއްޖެއަކަށް ހަދައިދެއްވާނެ ކަމަށެވެ. އަދި، ކެމްޕޭން ތެރޭގައި ވެސް ވައުދުވެލެއްވި ގޮތަށް އެ މަނިކުފާނު ވަނީ ދިވެހި ރައްޔިތުން އިސްކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަރުވައިފައެވެ.
"އަޅުގަނޑަކީ ދިވެއްސެއް. އަޅުގަނޑަށް ދިވެހި ރައްޔިތުން އަންނަނީ، ލިސްޓުގެ އެއްވަނައަށް. ފުރަތަމަޔަށް. އެހެން ޤައުމެއްގެ ބަޔަކު އަންނާނީ، އޭގެ ފަހަތަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު ޤައުމުތަކާ ރަޙްމަތްތެރިވާނަން. ހަތުރުވެރިކަމެއް، ހަސަދަވެރިކަމެއް ނުބާއްވާނަން. އަވަށްޓެރީންނާއި ދުރު ހިސާބުތަކުގެ ޤައުމުތަކަށް ވެސް އިޙްތިރާމުކުރާނަން. އެކަމަކު އަޅުގަނޑު އަބަދުވެސް ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނަން،"
ކެމްޕޭންގައި ރައީސްގެ އެންމެ ބޮޑު އެއް ވައުދުފުޅަކީ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމެވެ.
މިއަދު ހުވާ ކުރެއްވުމަށް ފަހުގައި ރައީސް ވިދާޅުވީ، ގައުމަށް ވަފާތެރިވުމަށް ވުރެ ބޮޑު އުފަލެއް އެ މަނިކުފާނަށް ނެތް ކަމަށެވެ. އެހެންވެ، ރާއްޖެއަކީ ބޭރުގެ އެއްވެސް ސިފައިންގެ މީހަކު ނެތް، މިނިވަންކަމާއި ސިޔާދަތު ޔަގީންވެފައިވާ ގައުމަކަށް ހައްދަވައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ދިވެހިރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ޤައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނަން. ޤައުމީ ހައިސިއްޔަތުން ބަލާއިރު، ދިވެހި ޤައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް އަޅުގަނޑަށް ނެތްކަން ތިޔަ ލޮބުވެތި ރައްޔިތުންނަށް ކަށަވަރުކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.