ޑރ. މުއިއްޒު ރައީސްކަމުގެ ހުވާ ކުރައްވައިފި

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: އިންފިނިޓް މޫވްމަންޓްސް/ މުހައްމަދު ޝާތިއު އަބްދުﷲ

ދިވެހި ޖުމްހޫރިއްޔާގެ އަށްވަނަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރައީސްކަމުގެ ހުވާ ކުރައްވައިފިއެވެ.

އެ މަނިކުފާނު ރައީސްކަމުގެ ހުވާ ކުރެއްވީ އެ ކަމަށްޓަކައި މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި ސަރަހައްދުގެ ބޮޑެތި ގައުމުތަކާއި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

ރައީސް މުއިއްޒަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. މި ރަސްމިއްޔާތުގައި އިންތިޚާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވެސް ވަނީ މަގާމުގެ ހުވާ ކުރައްވައިފައެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވަނީ -- ފޮޓޯ: އިންފިނިޓް މޫވްމަންޓްސް/ މުހައްމަދު ޝާތިއު އަބްދުﷲ

ދިވެހި ޖުމްހޫރިއްޔާގެ އަށްވަނަ ރައީސް ހުވާ ކުރެއްވުމަށް މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިންނާއި އާ ސަރުކާރުގެ އިސް ބޭބޭފުޅުންނާއި ދައުވަތު ދެއްވައިގެން ބޭރު ގައުމުތަކުން ވަޑައިގެން ތިއްބެވި އިސް ބޭބޭފުޅުންގެ އިތުރުން އާންމުންގެ 1000 މީހުން ވެސް ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެސް ބައިވެރިވެލެއްވިއެވެ.

ހުވާ ކުރެއްވުމާ އެކު އެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ރައީސް މުއިއްޒާއި ނައިބު ރައީސް ހުސައިނަށް މަރުހަބާ ދަންނަވައިފައެވެ.

comment ކޮމެންޓް