އީވާއާއި އަފީފަށް ގަރާރުގެ މަސައްކަތުގައި ރިޔާސަތު ބަލަހައްޓަން ފުރުސަތު ނުދޭން ކޮމިޓީން ލަފާދެނީ

19 ވަނަ މަޖިލީހުގެ ރިޔާސަތު، އެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ބަލަހައްޓަވަނީ -- ފޮޓޯ/ މަޖިލިސް

ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ރިޔާސަތު ބަލަހައްޓަން އެ ޕާޓީގެ މެންބަރުންނަށް ފުރުސަތު ނުދިނުމަށް ލަފާ ދިނުމަށް، މަޖިލީހުގެ އިމްތިޔާޒާއި ސުލޫކް ކޮމިޓީން ފާސްކޮށްފިއެވެ.

އެ ކޮމިޓީގެ ބައްދަލުވުމެއްގެ މިއަދު ބޭއްވީ، ހެނދުނު ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް، މެމްބަރުންގެ އިމްތިޔާޒަށް އަރައިގެންފައި ވާކަމަށް ބެލެވޭކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެެ.

މިއަދު ހެނދުނު ބޭއްވި ޖަލްސާ އަފީފް ނިންމަވާލެއްވީ، ރައީސް މުޙައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި މައްސަލައިގައި ގަރާރެއްގެ ސިފަތައް ފުރިހަމަ ނުވާ ކަމަށް ބުނެ ދަ ޑިމޮކްރެޓްސްއިން ނެގި ނިޒާމީ ނުކުތާ ބައްލަވައިގަތުމަށްފަހުގައެވެ. އަފީފް އެންގެވީ އެމްޑީޕީން މައްސަލަ އަލުން ހުށަހެޅުމަށެވެ.

އޭގެ ފަހުން މަޖިލިސް އިދާރާއިން މެންދުރަށް ވެސް މައްސަލަ އެޖެންޑާ ކުރެއްވުމުން ރިޔާސަތުގައި އިންނެވީ ނަޝީދުގެ ކޮއްކޯފުޅު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. އެކަމަނާ ވިދާޅުވީ ރިޔާސަތުން އެއް ފަހަރު މައްސަލަ ބޭރުކޮށްލާފައިވާ ކަމަށާއި އެހެންވެ، ދެން މިއަދު މައްސަލަ ކުރިއަށްނުގެންދަވާނެ ކަމަށެވެ.

އެކަމާ ގުޅިގެން އިމްތިޔާޒް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވަނީ އަފީފާއި އީވާ މަޖިލިސް މެންބަރުންގެ އިމްތިޔާޒުތަކަށް އަރައިގެންފައިވާ ކަމަށް ފާސްކޮށްފައެވެ.

ދެވަނަ ކަމަކަށް, ދިއްގަރު ދާއިރާގެ އެމްޑީޕީ މެންބަރު އިކްރާމް ޙަސަން ހުށަހެޅުއްވީ މަސްލަހަތު ފުށޫ އަރާ ކަމަށް ބެލެވޭތީ، ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރު އެޖެންޑާ ކުރާ ޖަލްސާތަކުގައި އަފީފާއި އީވާ ހިމެނޭ ގޮތަށް، ދަ ޑިމޮކްރެޓްސްގެ މެންބަރުންނަށް ނުބެލެހެއްޓެވޭނެ ކަމަށް ނިންމައި އެކަން މަޖިލީހުގެ އިދާރާއަށް އެންގުމަށެވެ.

"ދެން އަޅުގަނޑުމެން މި ކޮމިޓާގައި ކުރެވޭނެ މަސައްކަތަކަށް ނުވާތީވެ އެކަމަކުވެސް މި ކޮމިޓީ އަޅުގަނޑުމެންގެ މިއަދުގެ ރެކަމެންޑޭޝަންއަކީ މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުވައި ވީހާވެސް އަވަހަކަށް މަޖިލިސްގެ މަސައްކަތްތައް ކުރިއަށްގެންދެވޭނެ ގޮތަށް މިއަދު ވިޔަސް އެކަންކަން ތަންފީޒު ކުރެވޭނެ ގޮތަކަށް އަމަލު ކޮށްދެއްވުން،" ކޮމިޓީގެ މުގައްރިރު މުޙައްމަދު ރާޢީ ވިދާޅުވިއެވެ.

އެ ލަފާ އާންމު ކޮމިޓީއަށް ފޮނުވުމަށް ވޯޓަށް އެހުމުން، އެ ހުށަހެޅުން ފާސްކުރީ، އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ އެ ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.

އެ ލަފާ މިއަދު އާންމު ކޮމިޓީއަށް ފޮނުވާނެ ކަމަށް ރާޢީ ވިދާޅުވިއެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ މިދިޔަ ދައުރުގައި ވެސް ހުށަހެޅުމުން އެ މައްސަލަ ކުރިއަށްނުގެންދެވި އޮތުމަށް ފަހު، ރިޔާސީ އިންތިޚާބުގެ ދެ ބުރު ދޭތެރޭގައި އެމްޑީޕީން މައްސަލަ އަނބުރާ ގެންދިޔައެވެ.

ދެވަނަ ފަހަރަށް މަޖިލީހަށް އެ މައްސަލަ ހުށަހަޅާފައިވަނީ 49 މެންބަރުންގެ ތާއީދާ އެކުއެވެ. ނަޝީދު މަގާމުން ވަކިކުރަން ބޭނުން ވަނީ 43 މެންބަރުންގެ ވޯޓެވެ.

މި ދައުރުގައި އެ މައްސަލަ ކުރިއަށްނުގެންދެވުނީ، އީވާ އާލާސްކަންފުޅާ ކަމަށް ވިދާޅުވެ ސަލާން ފޮނުއްވާތީއެވެ. އީވާ ސަލާން ފޮނުއްވުމުން، މަޖިލީހުގެ އިދާރާއިން ނިންމަމުން އައީ މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުގެ މަތިން އެހެން ބޭފުޅަކަށް އެ މައްސަލައިގެ ރިޔާސަތު ނުބެލެހެއްޓެވޭނެ ކަމަށާއި އެހެންކަމުން އެ މަސައްކަތް ކުރިއަށްނުގެންދެވޭނެ ކަމަށެވެ.

އެ މައްސަލަ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން ވަނީ އީވާ ވަޑައިނުގަތަސް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ހުކުމްކޮށްފައެވެ.

https://sun.mv/184538

އެ ހުކުމަށް ފަހު މިއަދަށް ފުރަތަމަ އެޖެންޑާ ކުރި ޖަލްސާއަށް ވެސް އީވާ ސަލާމް ވިދާޅުވިއެވެ. ނަމަވެސް ދެވަނަ ދަންފަޅިއެއް އެޖެންޑާ ކުރުމުން އެކަމަނާ ރިޔާސަތާ ހަވާލުވެވަޑައިގަތީއެވެ.

ނަޝީދާއި އީވާ އާއި އަފީފްވެސް ރިޔާސަތާ ހަވާލުވެވަޑައިގަންނަވަން ހާލަތުގައި ދެން ރިޔާސަތު ހަވާލުކުރާނެ ތަރުތީބަކީ:

  • މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް
  • މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު
  • ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް
  • މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް
comment ކޮމެންޓް