އީވާ ރިޔާސަތުގައި އިންނަވައި، މައްސަލަ ކުރިއަށް ނުގެންގޮސް ނިންމަވާލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް މިއަދު އެޖެންޑާކޮށްފައި އޮތް ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރިޔާސަތުން ބޭރުކޮށްފައި ވަނިކޮށް، އެ މައްސަލަ އަލުން ކުރިއަށްގެންދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ، އެ މައްސަލަ ކުރިއަށްގެންދަވަން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ދެކޮޅު ހައްދަވައިފިއެވެ.

މިއަދު ހެނދުނު އެޖެންޑާ ކުރި ޖަލްސާއަށް އީވާ ސަލާން ވިދާޅުވުމުން ފުރަތަމަ ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފެވެ.

ހެނދުނު ނުވައެއްގައި ފެށި ޖަލްސާ ނިންމާލީ ދަ ޑިމޮކްރެޓްސް އާއި އެމްޑީޕީން ވެސް ގިނަ ނިޒާމީ ނުކުތާތަކެއް ނަގަން ފުރުސަތު ދިނުމަށް ފަހުގައެވެ.

ދަ ޑިމޮކްރެޓްސްއިން ބުނީ އެމްޑީޕީން ހުށަހެޅި މައްސަލައިގައި ގަރާރުގެ ސިފަތަކެއް ނެތް ކަމަށެވެ.

އަފީފް ހެނދުނުގެ ޖަލްސާ ނިންމަވާލެއްވީ އެ ނުކުތާ ބަލައިގަނެ، އަލުން މައްސަލަ ހުށަހެޅުމަށް އެމްޑީޕީއަށް އެންގެވުމަށް ފަހުގައެވެ.

ނަމަވެސް، އެ މައްސަލަ އަނެއްކާވެސް 11:30އަށް މަޖިލީހުގެ އިދާރާއިން އެޖެންޑާކުރީއެވެ.

މިއަދުގެ ހެނދުނުގެ ޖަލްސާއަށް ސަލާމް ވިދާޅުވެފައިވާ މަޖިލީހުގެ ނައިބު ރައީސް އީވާ ވަނީ 11:30ށް އެޖެންޑާ ކުރި ޖަލްސާގެ ރިޔާސަތާ ހަވާލުވެވަޑައިގެންފައެވެ.

ޖަލްސާ ފެއްޓި ގޮތަށް އީވާ ވިދާޅުވީ މިއަދު ހެނދުނު އޮތް ޖަލްސާއިން އެ ގަރާރު ބޭރުކޮށްލަން ނިންމާފައިވާތީ އެ މައްސަލަ ދެން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑެއް ގަބޫލެއް ނުކުރަން މި ޖަލްސާއަކީ ދެން އިތުރަށް، މިއަދު ކުރިއަށް ގެންދެވޭނޭ ޖަލްސާއެއް ކަމަކަށް. މި ގަރާރަކީ މަޖިލީހުގެ ރިޔާސަތުން ގޮތެއް ނިންމާ ނިޒާމީ ނުކުތާއަކަށް ގޮތެއް ނިންމާ ބޭރުކުރައްވާފައިވާ ޖަލްސާއަކަށްވާތީވެ މި ޖަލްސާއަކީ އިތުރަށް ކުރިއަށްގެންދެވޭނޭ ޖަލްސާއެ ކަމަކަށް އަޅުގަނޑެއް ނުބަލަން،"

އެއަށްފަހު އީވާ ވަނީ މިއަދުގެ ޖަލްސާ ނިންމަވާލައްވާގައެވެ.

އީވާ ޖަލްސާ ނިންމަވާލެއްވިއިރު ވެސް މެންބަރުން ތަޅުމުގައި އަޑުގަދަކުރަމުން ދިޔައެވެ.

ނަޝީދުގެ މައްސަލަ އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. ނަމަވެސް އެ މައްސަލަ އެޖެންޑާކުރި ފަސް ޖަލްސާއަށް ވެސް އީވާ ސަލާމް ވިދާޅުވުމުގެ ސަބަބުން ވަނީ ޖަލްސާ ނުބޭއްވިފައެވެ. އެއީ މަޖިލީހުގެ ގަވާއިދުގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބެލޭނީ ނައިބު ރައީސަށް ކަމަށް އޮތުމާއި ނައިބު ރައީސް ނެތް ހާލަތުގަ އަމަލުކުރާންވީ ގޮތް ބަޔާންކޮށްފައި ނެތުމުން މަޖިލީހުގެ އިދާރާއިން އެ ޖަލްސާތައް ކެންސަލް ކުރުމުގެ ސަބަބުންނެވެ.

އެ މައްސަލަ އެމްޑީޕީން ސުޕްރިމް ކޯޓަށް ވެއްދުމުން މިދިޔަ ހަފުތާގައި ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ބާއްވާފައެވެ. ސުޕްރިމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމް ކޮށްފައި ވަނީ، ނަޝީދުގެ ކޮއްކޯފުޅު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހާޒިރުވެވަޑައިނުގަންނަވާތީ ގަރާރުގެ މަސައްކަތް މަޖިލީހުގެ އިދާރާއިން ހުއްޓުވާފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށެވެ.

އެއާއެކު މިއަދަށް އެޖެންޑާކުރި ޖަލްސާއަށް ވެސް އީވާ ސަލާމް ވިދާޅުވެފަވަނިކޮށް ސުޕްރިމް ކޯޓުގެ ހުކުމާ އެއްގޮތަށް މަޖިލީހުގެ ރިޔާސަތާ ހަވާލުވީ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު އަފީފެވެ.

ޑިމޮކްރެޓްސްގެ މެންބަރުން ވަނީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ގަރާރަކަށް ފެތޭ ގޮތަށް ނޫން ކަމަށް ބުނެފައެވެ. އެގޮތުން ޖަލްސާ ފެއްޓުމާއެކު، ފުރަތަމަ ވެސް ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ނިޒާމީ މައްސަލައެއްގެ ގޮތުގައި އެކަން ފާހަގަކުރެއްވިއެވެ. އެއަށްފަހު ދެން ޑިމޮކްރެޓުން ތުހުމަތުކުރެއްވީ އެ މައްސަލަ އެޖެންޑާ ކޮށްފައިވާ ގަރާރަކީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް އެޖެންޑާާ ކޮށްފައިވާ ގަރާރެއް ކަމަށެވެ. ޑިމޮކްރެޓުން ބުނީ އެ މައްސަލަ ގަވާއިދާ މުޅިން ޚިލާފަށް ހުށަހަޅާފައި ވުމުން އެ މައްސަލަ މަޖިލީހުގެ ތަޅުމުން ބަލައިނުގަނެވޭނެ ކަމަށެވެ.

އެއާއެކު މަޖިލިސް އެއްކޮށް ހޫނުވެ، އެމްޑީޕީގެ މެންބަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް ޑިމޮކްރެޓުންގެ ވާހަކަތަކަށް ދެކޮޅު ހަދާފައެވެ. އެމްޑީޕީ މެންބަރުން ވިދާޅުވި ގޮތުގައި، ޑިމޮކްރެޓްސްއަށް ނިސްބަތްވާ އަފީފަކީ އެ މައްސަލަ ބެލުމަށް ރިޔާސަތުގައި އިންނަވަން އެންމެ އެކަށީގެންވާ ބޭފުޅެއް ނޫނެވެ.

އެ މައްސަލަ ކުރިއަށް ނުގޮސް ގިނަ މެންބަރުން ރުޅިގަދަވެފައި ވަނިކޮށް، އަފީފް ނިންމެވީ ޑިމޮކްރެޓުން ނެގި ނިޒާމީ ނުކުތާ ބަލައިގަތުމަށެވެ.

މީގެ ކުރިން ސުޕްރިމް ކޯޓުގެ ހުކުމާ ގުޅިގެން ނަޝީދު ވަނީ، ގަރާރުގެ މަސައްކަތަށް ހުރަސް އަޅާނެ ކަމުގެ އިޝާރާތެއް މީގެ ކުރިން ދެއްވާފައެވެ. އެގޮތުން ސުޕްރީމް ކޯޓުގައި މައްސަލަ އޮތުމުން ގަރާރުގެ މަސައްކަތް ފަސް ދުވަހަށް ހުއްޓުވިއްޖެ ކަމަށާއި، އިންތިޚާބީ ރައީސް ހުވާ ކުރައްވަން ދެން ވެސް ހިފެހެއްޓޭނެ ކަމަށް އެ މަނިކުފާނު ވަނީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ވިދާޅުވެފައެވެ.

އެކަން އެގޮތަށް ހިނގާފައި ވަނިކޮށް ޑިމޮކްރެޓުން މިވަނީ މިއަދަށް އެޖެންޑާ ކުރި ދެ ޖަލްސާ ވެސް ހުއްޓުވާފައެވެ.

comment ކޮމެންޓް