ނިޒާމީ ވޯޓަށް ޚަރަދުވާ 40 މިލިއަނަކީ ނަޝީދަށް މާލީ ބުރައެއް ނޫން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ސަން ފައިލް ފޮޓޯ

ނިޒާމީ ވޯޓެއް ނަގަން ޚަރަދުވާ 40 މިލިއަނެއްހާ ރުފިޔާއަކީ މާލީ ބުރައެއް ނޫން ކަމަށާއި އެއީ ކޮންމެހެން ވެސް ދައުލަތުން ކުރަން ޖެހޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 29ގައި ނިޒާމީ ވޯޓެއް ނަގަން ގޮވާލައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރާ ގުޅޭ ތަފުސީލުތައް ހާމަކުރުމަށް މިއަދު މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މަނިކުފާނު ވިދާޅުވީ މިއީ ނިޒާމީ ވޯޓެއް ނަގަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ. އަދި، އެ ވޯޓު ލަސްކޮށްފި ނަމަ ދެން އުފުލަން ޖެހޭ މާލީ ބުރަ އަދި މާ ބޮޑު ވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ނިޒާމީ ވޯޓެއް ނަގަން 40 މިލިއަނާއި 50 މިލިއަނާ ދެމެދުގެ އަދަދެއް ޚަރަދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެ ކަމާ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން"އިން ސުވާލު ކުރުމުން، ބަރުލަމާނީ ނިޒާމަކަށް އަބަދު ވެސް ވަކާލާތު ކުރައްވާ ނަޝީދު ވިދާޅުވީ ނިޒާމީ މައްސަލަތައް ހައްލު ކުރުމަށް ދައުލަތުން އަބަދު ވެސް ޚަރަދު ކުރަން ޖެހޭނެ ކަމަށެވެ. އަދި، މި ވަގުތު ނިޒާމީ ވޯޓެއް ނަގަން ޚަރަދުވާ 40 މިލިއަނެއްހާ ރުފިޔާއަކީ މާލީ ބުރައެއްކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެއީ ކޮންމެ ގޮތެއް ހަދާފައި ވެސް ކުރަން ޖެހިފައި އޮތް ކަމެއްގެ ގޮތުގައި އެ މަނިކުފާނު ވަނީ ސިފަ ކުރައްވައިފައެވެ.

https://sun.mv/182180

"ލަސްކޮށްފިއްޔާ ވަރަށް ޚަރަދު ބޮޑުވާނެ. ވޯޓު ފޮށިތައް ހުރީ ތަންތަނުގައި. އޮފިޝަލުން ތިބީ ނަގާފައި،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އީސީން އެހެން ވިދާޅުވި ނަމަވެސް ނިޒާމީ ވޯޓެއް ނަގަން 10 މިލިއަން ރުފިޔާ ވެސް ޚަރަދު ނުވާނެ ކަމަށެވެ. އެކަމަކު، ޚަރަދު ވިޔަސް އެއީ ކުރަން ޖެހިފައި އޮތް ޚަރަދެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ނިޒާމީ މައްސަލަތައް ހައްލު ކުރަން ދައުލަތުން ޚަރަދު ކުރަން ޖެހޭނެ. ހަގީގީ ތަރައްގީ، ހަގީގީ ކުރިއެރުން އަބަދު ވެސް ގުޅިފައި މި އޮންނަނީ ނިޒާމީ ފުރިހަމަ ކަމާ. އެހެންވީމާ އެ ކަންކަން ބަލައި ހޯދުމަށް، އެހުމަށް، ދެނެގަތުމަށް ދައުލަތަކުން ކުރަން ޖެހޭ ޚަރަދަށް އަޅުގަނޑުމެން ފަހަތު ފަޔަށް ބުރަވެގެން ނުވާނެ. މިއީ ކޮންމެހެން ވެސް ބޭނުންތެރި ކަމެއް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އަޑީގައި ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ވަނީ އަންނަ މަހު 30ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށެވެ. އަދި، އެމްޑީޕީ މެންބަރުންގެ ތާއީދާ އެކު މަޖިލީހުން ވަނީ އެ ގަރާރު ފާސްކޮށް ނިޒާމީ ވޯޓެއް ނަގަން އީސީގައި އެދިފައެވެ.

މީގެ ކުރިން 2007 ވަނަ އަހަރު ވެސް ވަނީ ނިޒާމީ ވޯޓެއް ނަގައިފައެވެ. އެކަމަކު، އެ ފަހަރު ބޮޑު މެޖޯރިޓީއަކުން ނިންމީ ރިޔާސީ ނިޒާމުގައި ކުރިއަށް ދިއުމަށެވެ. އެ އިންތިޚާބުގައި ބަރުލަމާނީ ނިޒާމަށް ތާއީދު ކުރީ 58،504 މީހުންނެވެ. ދެން ވޯޓުލީ 95،619 މީހުން ވެސް ތާއީދު ކުރީ ރިޔާސީ ނިޒާމަކަށެވެ.

comment ކޮމެންޓް