މިމަހު 30 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭގޮތުން ވޯޓެއް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް، އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބުނެފިއެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ ދެ ލައްކައަށް ވުރެ ގިނަ މީހުންގެ ތެރެއިން ފަނަރަ ހާސް ވޯޓް ހޯއްދެވި ޑިމޮކްރެޓްސް ދިޔައީ އެ އިންތިޚާބުގެ ތިން ވަނައަށެވެ. ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރުމުގެ ޝަރުތަކަށް އެ ޕާޓީއިން ހުށަހަޅަނީ މި މަހުގެ 28 ގެ ކުރިން ނިޒާމު ބަދަލުކުރުމާ މެދު ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށެވެ.
ޑިމޮކްރެޓްސްގެ ތާއީދު ހޯއްދެވުމަށްޓަކައި ރައީސް ޞާލިޙް އިއްޔެ އެއްބަސްވެވަޑައިގަތީ ރިޔާސީ އިންތިޚާބަށް ފަހު ނިޒާމު ބަދަލު ކުރުމާ ގުޅޭގޮތުން ވޯޓަކަށް އެހުމަށެވެ. ނަމަވެސް ޑިމޮކްރެޓްސްއިން ބޭނުންވަނީ އެ ވޯޓު ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގައި ނެގުމަށެވެ.
މިކަމާ ގުޅޭގޮތުން "ސަން" އިން ސުވާލު ކުރުމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ އިންތިޚާބުތަކާ ބެހޭ އާއްމު ގާނޫނުގައި ބުނާގޮތުން އިންތިޚާބެއް ބޭއްވުމަށްޓަކައި 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް އީސީއަށް ލިބެންޖެހޭ ކަމަށެވެ.
"28 ސެޕްޓެމްބަރަކު އަޅުގަނޑުމެންނަކަށް ނުވާނެ، އެއީ ގާނޫނީ ގޮތުން ކޮމިޝަންގެ މައްޗަށް ލާޒިމްވޭ އިންތިޚާބެއް ބާއްވާކަމަށް ވާނަމަ އިންތިޚާބަކާ ގުޅޭގޮތުން ހޭލުންތެރި ކުރުމުގެ ކަންކަން ކުރުން ވެސް. އެކަމަށް އެކަށީގެންވާ މުއްދަތު ބޭނުންވާނެ. ހަތް ދުވަހަކުން ނުވަތަ ދެތިން ހަތަރު ދުވަހަކުން އެކަމެއް ނުވާނެ،" ހަބީބު ވިދާޅުވިއެވެ.
"އެންމެ ކުރު މުއްދަތަކަށް ވެސް ކޮމިޝަނަށް 30 ދުވަހުގެ މުއްދަތެއް ލިބެން ޖެހޭނެ ކަމަށް ކޮމިޝަނުން ގަބޫލު ކުރަނީ."
ހަބީބު ވިދާޅުވީ ވޯޓު ނެގުމުގެ ކުރިން ގާނޫނީ ގޮތުން އީސީން ކުރަން ލާޒިމް ކުރާ ކަންތައްތަކެއް ހުންނަ ކަމަށެވެ. އޭގެ ތެރޭގައި ވޯޓުލާ މީހުންނަށް ރީ ރަޖިސްޓްރީވުމުގެ ފުރުސަތު ދިނުމާއި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ދިނުންފަދަ އެތައް ކަމެއް ހުންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މިފަދަ އިންތިޚާބެއް ބޭއްވުމަށް 40 މިލިއަން ރުފިޔާ އާއި 50 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.
ނިޒާމު ބަދަލުކުރުމަށް ވަކާލާތު ކުރަނީ ރިޔާސީ އިންތިޚާބުގައި ވޯޓުލީ ދެ ލައްކަ މީހުންގެ ތެރެއިން 15،000 ވޯޓު ލިބުނު ޑިމޮކްރެޓްސްއިންނެވެ. އެ ނޫން ސިޔާސީ ޕާޓީތަކުން ނިޒާމު ބަދަލު ކުރަން ބޭނުމެއް ނުވެއެވެ. އެހެންކަމުން އެހާ ބޮޑު ޚަރަދެއް ކޮށްގެން މިފަދަ ވޯޓެއް ނަގަން ޖެހޭތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.