ނިޒާމާ ގުޅިގެން ޖެހުނު މައްސަލަތައް ބޮޑުވެ، ފަޅައިގެން ދިޔަ ހިސާބުން އެމްޑީޕީގެ ރައީސްކަމުގައި އޭރު ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުކުންނެވީ އެންމެ މަގުސަދެއްގައެވެ. އެއީ، ބިޔަބޮޑު އެމްޑީޕީ ރޫޅާލައި، ބަލި ކޮށްލުމެވެ. އަލަށް އުފެއްދެވި ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލުން ރޭ ނިންމި ނިންމުމަކީ ރާޒުވާ ގަނޑެއްގައި ނަމަ ކީ ސައެވެ.
ނިޒާމާ ބެހޭ ވޯޓެއްގެ މައްސަލައިގެ ތެރެއިން އުފެދުނު ހިތްހަމަނުޖެހުންތައް ބޮޑުވެ، މި ސަރުކާރަށް ދުވަސްވަމުން ދިޔަ ވަރަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ނަޝީދާއި ދެ ބޭފުޅުންގެ ގުޅުން ގޯސްވީއެވެ.
އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތައް އެއް ފަރާތްކޮށްލަން ލިބުނު ފަހު ފުރުސަތަކީ އެ ޕާޓީން މި ޖެނުއަރީ މަހު ބޭއްވި ޕްރައިމަރީއެވެ. އެކަމަކު، އެ ޕްރައިމަރީގެ ބަލި ގަބޫލުނުކުރައްވާ ނަޝީދު އަނެއްކާ ވެސް ނުކުންނެވީ ސަރުކާރު ބަލި ކުރެވޭތޯއެވެ. އެކިއެކި ގޮތްގޮތުން ސަރުކާރަށް ޖެއްސުންތައް ކުރެއްވިއެވެ. އެންމެ ފަހުން، މަޖިލިސް ވެސް ހުއްޓުވައިލެއްވިއެވެ. މަސައްކަތް ކުރެއްވީ، އެ މަނިކުފާނު އެމްޑީޕީން ބޭރު ކުރޭތޯއެވެ. އެކަން ނުވުމުން އެންމެ ފަހުން ޕާޓީން އަމިއްލަފުޅަށް އިސްތިއުފާ ދެއްވައި، އިންތިޚާބަށް ދެ މަސް ވެފައި އޮއްވައި އާ ޕާޓީއެއް އުފައްދަވައިގެން ކެންޑިޑޭޓަކު ނެރުއްވީ އެންމެ މަގުސަދެއްގައެވެ. އެއީ، އެމްޑީޕީ ބަލި ކޮށްލުމެވެ.
މަޅިއަކަށް ފަހު މަޅިއެއް
ރިޔާސީ އިންތިޚާބަށް ދެ މަހަށް ވެފައި އޮއްވައި އާ ޕާޓީއެއް ރެޖިސްޓާ ކޮށްގެން، މުޅި ރާއްޖޭގައި ހިންގެވީ އެންމެ މަގުސަދެއްގައެވެ. އެއީ، އެމްޑީޕީ ބަލި ކޮށްލުމެވެ.
ރިޔާސީ ކެމްޕޭންގައި ވެސް ޑިމޮކްރެޓްސްއިން ކީ އެންމެ ލަވައެކެވެ. އެއީ، މި ސަރުކާރު ކަމުނުދާ ވާހަކައާއި މި ނޫން ކޮންމެ ގޮތެއް ވެސް އެ ބޭފުޅުންނަށް ވަރިހަމަ ކަމެވެ. ހަމައެކަނި މަގުސަދަކީ އެމްޑީޕީގެ ކެންޑިޑޭޓާ ދޭތެރޭގައި އޮތް ނަފުރަތެވެ. އެކަމަކު، އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ޞާލިޙަށް 39 އިންސައްތަ ލިބިވަޑައިގަތުމުން މަންޒަރު ވަރަށް ބޮޑަށް ސާފުވިއެވެ.
ޕާޓީ ރޫޅައިލުމުގައި ނަޝީދު ކާމިޔާބު ހޯއްދެވީއެވެ. ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓާއި އެމްޑީޕީއަށް ލިބުނު ވޯޓުގެ ތަފާތަކީ ޑިމޮކްރެޓްސްއެވެ. ދެވަނަ ބުރެއްގައި ކާމިޔާބު ހޯދުމަށް އެމްޑީޕީއަށް ޑިމޮކްރެޓްސް ރުއްސުން ވަރަށް މުހިއްމެވެ. އެހެންވެ، ފަހު ވަގުތު ރައީސް ވެސް ދީލައިލީއެވެ. މުޅި ޕާޓީގެ ފަޅައިގެން ދިޔައިރުގައި ވެސް ދެކޮޅު ހެއްދެވި ނިޒާމީ ވޯޓު ނަގަން އެއްބަސްވެވަޑައިގަތީއެވެ.
އެއީ، އެ މަނިކުފާނަށް މި ފަހަރުގެ ދެވަނަ ބުރަށް ޑިމޮކްރެޓްސް މުހިއްމުވީ މިންވަރެވެ.
"ޑޭޓަކާ ގުޅޭގޮތުން ވެސް އަޅުގަނޑުމެން ވާހަކަ ދެއްކިން. ދައްކާފައި އެ ހުށަހެޅުން ހުށަހަޅާފައިވާނީ. އެއީ، މަޖިލީހުގައި މިހާރު ގަރާރެއް އެބައޮތް ދެއްތޯ، ނިޒާމީ ވޯޓު ނެގުމާ ގުޅޭގޮތުން. އަޅުގަނޑު ދެންނެވިން އެ ފާސްކޮށްފައި އަޅުގަނޑަށް ފޮނުއްވާށޭ، ފޮނުވީމަ އަޅުގަނޑު އިލެކްޝަންސް ކޮމިޝަނަށް ލިޔުމަކުން ރިކުއެސްޓް ކުރާނަމޭ މިވެނި ތާރީހެއްގައި އެ ވޯޓު ނަގައިދޭން. އޭރަށް އޮންނާނީ ދުވަސް ވެސް ކަނޑައެޅިފައި،" ރައީސް ޞާލިޙް އިއްޔެ ވިދާޅުވިއެވެ.
ޑިމޮކްރެޓްސްއިން އެ ޝަރުތު ކުރާ ގޮތަށް، ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަކީ "ޕްރެކްޓިކަލް" ކަމެއް ކަމަކަށް އެ މަނިކުފާނު ގަބޫލުފުޅެއް ނުކުރައްވައެވެ.
އެއީ، ކުރެވިދާނެ ކަމެއް ކަމަކަށް އިލެކްޝަންސް ކޮމިޝަނުން ވެސް ނުދެކެއެވެ. އެ ކޮމިޝަނުން މީގެ ކުރިން ބުނި ގޮތުގައި އެފަދަ ވޯޓެއް ނެގުމުގެ ތައްޔާރީތަކަށް މަދުވެގެން 30 ދުވަސް އެ ބޭފުޅުން ބޭނުންވާނެއެވެ. އަދި، އެ ކަމަށް 50 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ބެލެވޭ ކަމަށް އީސީން ވަނީ ބުނެފައެވެ.
ނުފުއްދޭނެ ވައުދެއް ޝަރުތު ކުރީ ކީއްވެ؟
ޑިމޮކްރެޓްސްގެ ބާނީ ނަޝީދު ބަރުލަމާނީއެއްގެ ވާހަކަ ދައްކަވަނީ އަލަކަށް ނޫނެވެ. އާ ގާނޫނު އަސާސީ އެކުލަވައިލެވިގެން ޒަމާނީ ޑިމޮކްރަސީއަށް ކުރި ދަތުރުގެ ތެރެއިން ވެސް އެ އަޑު ގަދަކޮށް، 2007 ވަނަ އަހަރު ނިޒާމީ ވޯޓެއް ނަގަން ވެސް ނެގިއެވެ. އެކަމަކު، ރައްޔިތުން ނިންމީ ރިޔާސީ ނިޒާމެއްގައި ކުރިއަށް ދާށެވެ.
އެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 199،841 މީހުންނަށް ލިބުނެވެ. އަދި 155,890 މީހުން އެ އިންތިޚާބުގައި ވޯޓުލިއެވެ. އެއީ، ހަައްގު ލިބުނު މީހުންގެ 79 ޕަސެންޓެވެ. ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރެއްވީ އޭގެ ތެރެއިން 58،504 މީހުންނެވެ. އެއީ، 37.9 އިންސައްތައެވެ. ބާކީ، 95،619 މީހުން (62 އިންސައްތަ) ވޯޓުލީ ރިޔާސީ ނިޒާމެއް ދެމެހެއްޓުމަށެވެ.
އެ ފަަހަރުގެ ނާކާމިޔާބަށް ފަހުގައި ހުއްޓައެއް ނުލައްވައެވެ. އޭގެ އަނެއް އަހަރު 2008 ގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުވުމުން ވެސް ނަޝީދު އުޅުއްވީ ނިޒާމު ބަދަލު ކުރެއްވޭތޯއެވެ. އެކަމަކު، މަޖިލީހުގެ މެޖޯރިޓީ ނުލިބުމާއި ސިޔާސީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުން އެ މަނިކުފާނަށް އެކަން ހާސިލު ނުކުރެއްވުނީއެވެ. އެ ވަރުން ވެސް ހުއްޓައިނުލައްވައި، މިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް ނިޒާމީ ވޯޓަކަށް ދާން ޕާޓީތައް އެއްބަސްކުރުވަން މަޝްވަރާ ކުރެވުނެވެ. އެކަމަކު، އެމްޑީޕީ ފިޔަވާ އެހެން ހުރިހާ ޕާޓީތަކުން އެ ކަމާ ދެކޮޅު ހެދިއެވެ.
މިހާރު މި މަހު 30 ގެ ކުރިން ނިޒާމީ ވޯޓެއް ނަގަން ސަރުކާރަށް ޝަރުތު ކުރާއިރު، އެއީ ނުކުރެވޭނެ ކަމެއްކަން އެންމެ ބޮޑަށް ސާފުވެލައްވާނީ ޑިމޮކްރެޓްސްގެ އިސްވެރިންނަށެވެ.
އެ ޕާޓީގެ އިންޓެރިމް ކައުންސިލުން ރޭ ނިންމީ، މި މަހު 30ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް އެމްޑީޕީއަށް ޝަރުތު ކުރާށެވެ. އަދި، ޕީޕީއެމަށް އެ ޕާޓީން އުފައްދާ ސަރުކާރެއްގެ ހިއްސާ ދޭން އެއްބަސްވުމެއްގައި ސޮއި އަޅާށެވެ. ދެ ޕާޓީއަށް ވެސް ނިންމުމެއް ނިންމަން ދެ ދުވަހުގެ މުހުލަތެއް ދިނެވެ.
ރޭގެ ޖަލްސާގައި އެ ޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވި ގޮތުގައި އެ ޕާޓީގެ ސިޔާސީ ކުރިމަގަށްޓަކައި އެންމެ މުހިއްމު ކަމަކީ މި ވެރިކަން ނިންމުމެވެ. އެއަށް ފަހުގައި އެ ޕާޓީގެ އެންމެ މުހިއްމު މަސައްކަތަކަށް ހަދަން ވާނީ މުއިއްޒު ވެރިކަމުން ބޭލުން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އެކަން އެބަ އޮތްވާން ތިބޭފުޅުންގެ ހިތްވަރާ އެކު. މި އޮތް ގޮތަކީ އަޅުގަނޑު ދެކޭ ގޮތުގައި މި އަންނަ އިންތިޚާބުގައި އިބްރާހިމް މުހައްމަދު ޞާލިޙް ދެރަކުރުން ދެވަނަ ބުރުގައި. ދެރަކުރުން. ދެރަކޮށްފައި ވަރަށް އަވަހަށް މުއިއްޒު އަނެއްކާ ވެރިކަމުން ބޭލުން އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ،" އާޒިމް ވިދާޅުވިއެވެ.
ހަގީގަތުގައި ޑިމޮކްރެޓްސްއިން ރޭ އެ ޖެހި މަޅިއަކީ އެއީއެވެ. އެމްޑީޕީއަށް ޝަރުތު ކުރީ ޔަގީނަށް ވެސް ނުކުރެވޭނެ ކަމެކެވެ. އެކަމަކު، ނިޒާމީ ވޯޓެއްގެ ވާހަކަ ވެސް ޕީޕީއެމާ އެކު ނުދައްކައެވެ. އެ ސުވާލު އަމާޒުވުމުން ރޭ އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، ޕީޕީއެމާ އެކު ނިޒާމީ ވޯޓެއްގެ ޝަރުތާއި މަޝްވަރާތައް ނުކުރީ އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި އޮންނެވުމުން ކަމަށެވެ.
"އެނގިލައްވާނެ، ރައީސް މުހައްމަދު ނަޝީދު ވެސް މަސައްކަތް ކުރެއްވި، ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރައްވަން، ނަމަވެސް އެ އިންތިޒާމު ހަމަޖެހިގެނެއް ނުދިޔަ،" ހަސަން ލަތީފު ވިދާޅުވިއެވެ.
"އަޅުގަނޑު ދެކެނީ ވާހަކަ ދެކެވޭނެ ހާލަތެއްގައި ރައީސް ޔާމީން ހުންނަވާ ދުވަހަކުން ހަމަ ޕީޕީއެމް/ޕީއެންސީއާ އެކު މި މަޝްވަރާތައް އަދި ކުރެވޭނެ، އަޅުގަނޑުމެން މި މަޝްވަރާ ކުރާނެ، އެއީ އަޅުގަނޑުމެން ވަކާލާތު ކުރާ އެއް އަސާސް،"
ޖަލުގައި ހުންނެވި ޔާމީން ބަރުލަމާނީ މަޝްވަރާ ކުރައްވަން ފާޅުގައި ދެކޮޅު ހެއްދެވީއެވެ. އެހެންވެ، ނިޒާމީ ވޯޓަކަށް އެ ޕާޓީން އެއްބަސްނުވާނެކަން ވަރަށް ސާފެވެ. ޕީޕީއެމަށް ނިޒާމީ ވޯޓެއްގެ ޝަރުތު ނުކުރީ އެހެންވެއެވެ. ޑިމޮކްރެޓްސްގެ ރޭގެ ނިންމުމުގެ މާނަ ވެސް ސާފެވެ. އެ ބޭފުޅުން އެމްޑީޕީއަށް އެ ކުރީ ޔަގީނަށް ނުފުއްދޭނެ ޝަރުތެކެވެ. އެއާ އެކު، އެ ޕާޓީގެ އާންމު މެންބަރުންނަށް ވެސް ޕީޕީއެމާ އެކު ހަދައި ކޯލިޝަނަކަށް ރުހެން ފަސޭހަވާނެއެވެ. ތާއަބަދު ދެކޮޅުވެރިވި ޕީޕީއެމާ ގުޅެން ދަތިވަނީއެވެ. އެހެންވެ، ދެ ދުވަހުގެ މުހުލަތެއް ލާފައި އެމްޑީޕީއަށް ކުރީ ނުފުއްދޭނެ ޝަރުތެކެވެ. އެކަމަކު، ޕީޕީއެމާ އެކު މަޝްވަރާ ކުރަމުންދަނީ ސަރުކާރުން ބައެއް އަޅައިގެން ކޯލިޝަން އެއްބަސްވުމެއްގައި ސޮއި އަޅާށެވެ.
އިއްޔެ ޕީޕީއެމުން ބުނި ގޮތުގައި މިހާރު ޑިމޮކްރެޓްސްއާ އެކު ހުރީ ގިނަ ކަންކަމަށް އެއްބަސްވެވިފައެވެ. މަޝްވަރާތަކެއް ނުހުއްޓެއެވެ. އަދި، އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ބެލެވޭ ކަމަށް ޕީޕީއެމުން ގަބޫލު ކުރެއެވެ.
ޑިމޮކްރެޓްސް އަލުން އެމްޑީޕީއާ އެކުވެދާނެ ކަމަށް ދެކުމަކީ ކުށްހީއެކެވެ. މުޅި ޑިމޮކްރެޓްސްގެ ސިޔާސީ ކުރިމަގު ގުޅިފައިވަނީ އެމްޑީޕީ ބަލި ކުރުމާއެވެ. އެ ޕާޓީ އުފެދިގެން އައި މަގުސަދަކީ ވެސް އެއީއެވެ. ނުފުއްދޭނެ ޝަރުތެއް އެމްޑީޕީއަށް ކުރުމަކީ ޕީޕީއެމާ އެކު ދާން ކޮށި މަގެކެވެ. ނިޒާމީ ވޯޓަކަށް ފާޅުގައި ދެކޮޅު ހެދިހެން، ސަރުކާރުން ބައެއް އަޅަން ވެސް ޕީޕީއެމުން ދެކޮޅު ވެއްޖެ ހާލަތެއްގައި އެއްވެސް ޕާޓީއަކާ ނުގުޅޭށެވެ.
ޑިމޮކްރެޓްސްއިން މަސައްކަތް ކުރަނީ އެއް ޝަރުތަށް ނޫނެކޭ ބުނީމާ އަނެއްކައި އަނެއް ޝަރުތު ކޮށްފައި ވެސް ޕީޕީއެމާ ގުޅެވޭތޯއެވެ. އޮތީ އެންމެ މަގުސަދެކެވެ. އެމްޑީޕީ ރޫޅައިލުމެވެ. ބަލި ކުރުމެވެ.