ޑިމޮކްރެޓުންގެ ފަރާތުން ދެ ޕާޓީއަށް ދެ ހުށަހެޅުމެއް، ގޮތް ނިންމަން ދެ ދުވަސް

ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލުގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ދެ ޕާޓީއަށް ތަފާތު ދެ ހުށަހެޅުމެއް ހުށަހަޅާ، އެކަމަށް އެއްބަސްވުމަށް ދެ ދުވަހުގެ މުއްދަތެއް ދިނުމަށް ދަ ޑިމޮކްރެޓްސް އިން ފާސްކޮށްފިއެވެ.

މިރޭ ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލްގައި އޮތް އެ ޕާޓީގެ އިންތިގާލީ ކައުންސިލުގެ ހަތްވަނަ ބައްދަލުވުމުގައި އެގޮތަށް ނިންމާފައިވަނީ ޖަލްސާގައި ތިބި 64 މެންބަަރުންގެ ތެރެއިން 50 މެންބަރުންގެ ވޯޓުންނެވެ.

އެކަމާ ގުޅޭ ގަރާރު ކައުންސިލަށް ހުށަހެޅުއްވީ، ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ.

އެގޮތުން، އެމްޑީޕީއަށް ހުށަހަޅާފައިވަނީ 28 ސެޕްޓެންބަރުގެ ކުރިން ބަރުލަމާނީ ވޯޓު ނެގުމަށް އެއްބަސްވުމަށެވެ. އަދި، ޕީޕީއެމްއަށް ހުށަހެޅީ ސަރުކާރު އުފެއްދުމަށް ޑިމޮކްރެޓްސް ހިއްސާވާނެ މިންވަރު ބަޔާންކުރާނެ ލިޔުމެއްގައި ސޮއި ކުރުމަށެވެ.

އެ ހުށަހެޅުންތަކަށް އެއްބަސް ނުވެއްޖެ ނަމަ، އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށް ކައުންސިލުން ނިންމުމަށް އެ ގަރާރުގައި ވެއެވެ.

ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލުގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އެ ގަރާރު ހުށަހަޅުއްވަމުން ޝިފާޒު ވިދާޅުވީ ކޯލިޝަނެއްގައި އޮވެގެން ވާނެ ފައިދާއެއް ނެތްކަން ތަޖުރިބާއިން އެނގޭ ކަމަށެވެ. އެހެންކަމުން ސަރުކާރެއްގައި ބައިވެރިވުން ބުއްދިވެރި ނޫން ކަމަށެވެ.

"ދެތިން ދުވަހެއްގެ ސަރުކާރުގެ ވަޒީފާއަކަށް ކޯލިޝަން ސަރުކާރަކަށް ދިއުމުގެ ތަޖުރިބާ މި ހުރިހާ ބޭފުޅުން ވަނީ ކޮށްފައި. އެހެންވީމަ އަޅުގަނޑުގެ އަމިއްލަ ނަޒަރުގައި ސަރުކާރެއްގައި ބައިވެރިވުން އެއީކީއެއް އެހާ ބުއްދިވެރި ކަމެއް ނޫން" ޝިފާޒު ވިދާޅުވިއެވެ.

އެ ގަރާރަށް ބަހުސް ކުރެއްވި ގިނަ މެންބަރުންގެ ރޫހު ހުރީ، ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، އެންމެ ރަނގަޅީ އެ ޕާޓީ އެކަނި ނުކުމެ ރައްޔިތުންނަށް ހެޔޮގޮތެއް ހޯދުން ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ، އެހާ ފަސޭހަ ކަމެއް ނޫން މި އޮތް ނިޒާމުގައި، ރިޔާސީ ނިޒާމެއްގައި ބަޔަކާ އެއްކޮށް އެކުވެގެން ދިޔުން. މިހާތަނަށް އަޅުގަނޑުމެންނަށް ދަސްވެފައި އޮތީ އެހެން ގޮސްގެން އަޅުގަނޑުމެންނަށް ކިރިޔާ ވެސް ކާމިޔާބެއް ނެތް ވެފައެއް" އާޒިމް ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލުގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އާޒިމްގެ އިތުރުން ބައެއް މެންބަރުން ވަނީ ޑިމޮކްރެޓްސް އަށް އެންމެ ފައިދާ ހުރި ގޮތަކީ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ނާކާމިޔާބުވުން ކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ޑިމޮކްރެޓްސް އަކީ ރާއްޖޭގައި މިހާރު އޮތް އެންމެ އުންމީދީ ޕާޓީ ކަމަށެވެ.

"އަޅުގަނޑުމެން ކަހަލަ ޕާޓީއެއް ކޮންމެހެނަކުން ވަކި ކޮޅަކަށް އަރާކަށް ނުޖެހޭ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ގޮތުގައި ތިބެވޭނެ" އީވާ ވިދާޅުވިއެވެ.

އެ ޕާޓީގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރައްވާ 15،000އަށް ވުރެ ގިނަ ވޯޓު ހޯއްދަވާފައެވެ. އެއީ ތިންވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭޓެވެ.

އެއާއެކު، އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރާ ދެ ޕާޓީން ވެސް ވަނީ ޑިމޮކްރެޓްސް އާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

އެ ޕާޓީން ބުނި ގޮތުގައި ސޮއިކޮށްފައިވާ އެއްބަސްވުމެއް އެކުލަވާލުމަށް ޕީޕީއެމުން ދެކޮޅު ހެދުމުން އެޕާޓީއާ މެދު ކުރިއަށް ދިޔަ މަޝްވަރާތައް އޮތީ ހުއްޓިފައެވެ. އޭގެ ފަހުން، ރައީސް ނަޝީދު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ބައްދަލުކުރައްވަން އުޅުއްވުމުން، އެކަމަށް އިންކާރު ކުރެއްވުމުން އެކަން ވެސް ވަނީ ނާކާމިޔާބުވެފައެވެ.

އެހެންކަމުން، ޑިމޮކްރެޓްސް އިން މިހާރު މަޝްވަރާ ކުރަމުންދަނީ ހަމައެކަނި އެމްޑީޕީއާ އެކުގައެވެ.

އެމްޑީޕީން މިހާރު ވަނީ ރިޔާސީ އިންތިޚާބަށް ފަހު، ނިޒާމީ ވޯޓަށް ދިޔުމަށް އެއްބަސްވެފައެވެ. ނަމަވެސް، ޑިމޮކްރެޓުން ބޭނުންވަނީ ރިޔާސީ އިންތިޚާބުގެ ދެ ބުރު ދޭތެރޭ އެ ވޯޓު ބޭއްވުމަށެވެ.

comment ކޮމެންޓް