4 ގަޑިއިރުގެ މަސައްކަތުން ވެސް ކޯރަމް ހަމަނުވުމުން މަޖިލިސް ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގައި ޖަލްސާއެއް ކުރިއަށް ދަނީ -- ފޮޓޯ/ މަޖިލީސް

ހަތަރު ގަޑިއިރު މަޑުކޮށްގެން ވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވުމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަޖިލިސް ނިންމަވާލައްވައިފިއެވެ.

މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވޭނީ ތަޅުމުގައި މަދުވެގެން 22 މެންބަރުން ހާޒިރުވެ ތިއްބަވާނަމައެވެ.

މިއަދު ހެނދުނު 09:00 ގައި ފެށި ޖަލްސާގެ ކޯރަމް ހަމަނުވާތީ ހަތަރު ގަޑިއިރަށް ވަނީ ޖަލްސާ ދިގުދަންމާފައެވެ. އެހެންނަމަވެސް މެންދުރު 13:00 ޖެހި އިރުވެސް ކޯރަމް ހަމަނުވުމުން ވަނީ ޖަލްސާ ނިންމާލާފައެވެ.

ނަޝީދު ވިދާޅުވީ، މަޖިލީހުގެ ޖަލްސާ ކޯރަމް ހަމަވޭތޯ ދިގު ދެންމިއިރުވެސް ކޯރަމް ހަމަނުވުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ކުރަން ހުރި މަސައްކަތް އެބަހުރި ކަމަށާއި އެ މަސައްކަތްތައް ކުރެއްވުމަށް މެންބަރުން މަޖިލީހަށް ހާޒިރުވުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.

"އަޅުގަނޑު ހިތުން އަޅުގަނޑު އަތުގަ ތަޖުރިބާ ނެތިދާނެ ސިޔާސީ ޕާޓީއަކަށް ލަފާދިނުމުގެ. އެހެންނަމަވެސް އަޅުގަނޑަށް ދެންނެވޭނީ މަޖިލީހަށް ހާޒިރުނުވުމުން ލިބިވަޑައިގަންނަވާ އާންމު ވޯޓު އިތުރުވެދާނެ ކަމަށް ދެކެވަޑައިގަންނަވާ ނަމަ އެއީ ކުށްހީއެކޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުންގެ ރުހުމާއި ތާއީދު ހޯއްދެވޭނީ ރައްޔިތުންގެ ހައްގުގައި ކުރާ ވަކާލާތުގައި ބައިވެރިވެވަޑައިގެން ކަމަށެވެ. އަދި ރައްޔިތުންނަށް ކުރާ ވެރިކަމެއް ޖަވާބުދާރީ ކުރުވުމަށް ލާޒިމުވެފައި އޮތީ މަޖިލީހަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރިޔާސަތުގައި އިންނަވާ ނަޝީދު ވަނީ މަޖިލީހުގެ މެޖޯރިޓީ މެންބަރުން ހިމެނޭ އެމްޑީޕީގެ މެންބަރުން މި ކަމަށް ސަމާލުވުމަށް އެދިވަޑައިގެންފައެވެ. އެބޭފުޅުން ވަނީ މިއަދުގެ މަޖިލީހުގެ އެޖެންޑާގައި ހިމަނާފައިވާ ކަންކަމާ ބަހުސް ކުރުމަށް ދެކޮޅު ހައްދަވާފައެވެ.

https://sun.mv/182127

މިއަދުގެ ޖަލްސާގައި ވަނީ، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ރާއްޖޭގެ މަސްކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރަށް ގޮވާލުމަށް ހުށަހަޅާފައިވާ ގަރާރެއްގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާފައިވާ އިންތިޚާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރުފޯރުވަމުންދާތ،ީ އިންތިޚާބުތައް އިންސާފުވެރި ކުރުމަށާއި މިނިވަންކުރުމަށް ވެފައިވާ ވަޢުދާ އެއްގޮތަށް ސަރުކާރުން ކަންކަން ތަންފީޒުކޮށް މަގުފަހިކުރުމަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރެއް ވެސް އެޖެންޑާ ކޮށްފައެވެ.

އެހެންނަމަވެސް އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން، ހާޒިރުވުމަށް ފަހު ވެސް މަޖިލީހުގެ ތަޅުމަށް ވަޑައިނުގެން ވަނީ ކުޑަދަށުގައި މަޑުކުރައްވާފައެވެ. އަދި އެބޭފުޅުން ތުހުމަތުކުރައްވާ ގޮތުގައި އިދިކޮޅުން ވަނީ މަޖިލީހުގެ މަސައްކަތްތައް ވެސް އެއީ އިންތިޚާބަށް ކެމްޕޭން ކުރުމަށް ކުރާ ކަންކަމުގެ ގޮތުގަ ފާހަގަކުރައްވާފައެވެ.

https://sun.mv/182132

ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި އުޅުއްވާތީ، ގިނަ މެންބަރުންތަކެއް މަޖިލީހަށް ހާޒިރުނުވެއެވެ. އެގޮތުން ތިންވަނަ ދައުރު ފެށުނު ފަހުން ކޯރަމް ހަމަނުވެގެން ދެ ޖަލްސާއެއް މީގެ ކުރިން ވެސް ވަނީ ކެންސަލް ކޮށްފައެވެ. އެއާ އެކު އިންތިޚާބަށް ފަހު މަޖިލިސް އޮންނަ ގޮތަށް ވަނީ މަޖިލީހުގެ ޖަލްސާތަށް ވެސް ފަސްކޮށްފައެވެ.

އެހެންނަމަވެސް އިންތިޚާބުގެ ފުރަތަމަ ބުރަށް ފަހު މިދިޔަ ހަފުތާގައި މަޖިލީހުގެ ޖަލްސާތައް ވަނި ކުރިއަށް ގެންގޮސްފައެވެ.

މަޖިލީހުގައި 85 މެމްބަރުން ތިއްބަވާއިރު އެ ބޭފުޅުންނަކީ ބޮޑު މުސާރައާއި އިނާޔަތްތައް ލިބޭ ބޭފުޅުންނެވެ. އަދި އިތުރު އިނާޔަތްތަކުގެ ގޮތުގައި ރާއްޖެއާއި ބޭރުން އާއިލާ ހިމެނޭގޮތަށް ހިލޭ ބޭސްފަރުވާ ކުރުން ފަދަ އެތައް ކަމެއް ވެސް ހިމެނެއެވެ.

comment ކޮމެންޓް