އެމްޑީޕީ މެންބަރުން ތަޅުމަށް ނުވަދެގެން މަޖިލިސް ނުފެށިފައި

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުން ތަޅުމަށް ހާޒިރުނުވާތީ، މަޖިލީހުގެ ކޯރަމް ހަމަނުވުމުން މިއަދުގެ ޖަލްސާ ނުފެށި ދިގުލައިގެން ގޮސްފިއެވެ.

ޖަލްސާ ފެށުމާ އެކު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކޯރަމް ހަމަނުވުމުން އިތުރަށް ބައި ގަޑިއިރު ކޯރަމް ހަމަވޭތޯ މަޑުކުރައްވައިފައެވެ.

އެކަމަކު، މިއަދު 9 ޖެހީއިރު ފެށި ޖަލްސާއަށް އަދިވެސް ކޯރަމް ހަމަވެފައެއް ނުވެއެވެ. ޖަލްސާ ކުރިއަށް ގެންދެވޭނީ ތަޅުމުގައި މަދުވެގެން 22 މެންބަރުން ހާޒިރުވެ ތިއްބަވާނަމައެވެ. ރިޔާސަތުގައި އިންނަވާ ނަޝީދު ވަނީ މަޖިލީހުގެ މެޖޯރިޓީ މެންބަރުން ހިމެނޭ އެމްޑީޕީގެ މެންބަރުން މި ކަމަށް ސަމާލުވުމަށް އެދިވަޑައިގެންފައެވެ.

"އަދިވެސް އެބަ އިއުތިރާޒު ކުރައްވާ މަޖިލީހުގެ ތަޅުމަށް ވަދެވަޑައިގަތުމަށް. އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރުން އެބަތިބި ކުޑަ ދަށުގައި،" އެ މަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އެމްޑީޕީގެ މެންބަރުން ކުޑަ ދަށުގައި ތިއްބެވި ކަމަށާއި އަދި ތަޅުމަށް ވަދެވަޑައިނުގަންނަވާ ސަބަބެއް ވިދާޅުނުވާ ކަމަށެވެ. އެހެންވެ، އެ މަނިކުފާނު ވަނީ އަދިވެސް މަޖިލީސް ފެށޭތޯ މަސައްކަތް ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ 56 މެންބަރުން ތިއްބަވާ އިރު ނަޝީދު ވަނީ މަޖިލީހުގައި، މިއަދުގެ ޖަލްސާއަށް ގިނަ މެންބަރުން ވަޑައިނުގަންނަވާ ކަން ފާހަގަކުރައްވައި، އެކަން ހައްލުކޮށް ދެއްވުމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ އަރިހުން އެދިވަޑައިގަތްފައެވެ.

"ޖަލްސާ ބޭއްވުން މުހިންމު. އަޅުގަނޑުމެން ކުރަން ހުރި މަސައްކަތް އެބަހުރި،" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ މެންބަރުން ހާޒިރުނުވާ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް، އެ ޕާޓީއަށް ނިސްބަތްވާ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) އާއި ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ތަޅުމުގައި ތިއްބެވިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އުޅުއްވާތީ، ގިނަ މެންބަރުންތަކެއް މަޖިލީހަށް ހާޒިރުނުވެއެވެ. އެގޮތުން ތިންވަނަ ދައުރު ފެށުނު ފަހުން ކޯރަމް ހަމަނުވެގެން ދެ ޖަލްސާއެއް މީގެ ކުރިން ވެސް ވަނީ ކެންސަލް ކޮށްފައެވެ. އެއާ އެކު އިންތިޚާބަށް ފަހު މަޖިލިސް އޮންނަ ގޮތަށް ވަނީ މަޖިލީހުގެ ޖަލްސާތަށް ވެސް ފަސްކޮށްފައެވެ.

އެހެންނަމަވެސް އިންތިޚާބުގެ ފުރަތަމަ ބުރަށް ފަހު މިދިޔަ ހަފުތާގައި މަޖިލީހުގެ ޖަލްސާތައް ވަނި ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް