އެތައް އެޑްވައިޒަރުންނާއެކު ވީ ބޮޑު ބަލި، ސަބަބަކީ ކޮބާ؟

ގާސިމް އިބްރާހިމާއި މުހައްމަދު ނާޒިމްގެ އިތުރުން އެ ދެ ބޭފުޅުންގެ ބައެއް އެޑްވައިޒަރުން-- ސަން ގްރެފިކްސް: އިބްރާހީމް ފަހީމް

ރާއްޖޭގެ އާބާދީ ކިތަންމެ ކުޑަ ނަމަވެސް، އަދި ހިޔާލުފާޅުކުރުމާއި ސިޔާސީ ހަރަކާތްތައް ހިންގުމުގެ މިނިވަންކަން ލިބުނުތާ މާ ގިނަ އަހަރުތަކެއް ނުވިޔަސް، ފެންނަ ފެނުމަށް ރާއްޖެއަކީ ސިޔާސީ މުފައްކިރުންނާއި މުދައްރިބުން ގިނަ ގައުމެކެވެ. އެ ސިޔާސީ ތަޖުރިބާކާރުން ޕޯޑިއަމްތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ދައްކާ ވާހަކަތަކުން ހައިރާންކަން ލިބެއެވެ. ދުރުވިސްނި، ހާލަތު މާބޮޑަށް ވެސް އެނގިލައްވައެވެ. އަދި ހައްލުތައް އެއަށް ވުރެން ބޮޑަށް އެނގިލައްވައެވެ. ރައްޔިތުންގެ ވިސްނުމާއި ތާއީދު ހޯދާނެ ގޮތް ވެސް އެނގިލައްވަނީ މާބޮޑަށެވެ. އެފަދަ އެންމެ ގިނަ ސިޔާސީ ތަޖުރިބާކާރުން ގެންގުޅުއްވާ ދެ ބޭފުޅުންނަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބަށް ބަލާއިރު ހަގީގަތުގައި އެންމެ ދަށް ނަތީޖާއެއް ލިބިލެއްވެ ދެ ބޭފުޅުންނަކީ ނާޒިމާއި ގާސިމެވެ. ކުރެއްވި ހަރަދާއި ދެއްކެވި ވާހަކަފުޅާއި މަންޒަރާ އަޅާބަލާއިރު ލިބުނީ ހައިރާން ކުރުވަނިވި ދަށް ނަތީޖާއެކެވެ. މީގެ ކުރިން ކިންގްމޭކާއެއްގެ މަގާމުގައި ހުންނެވި، އަދި އެމަނިކުފާނުގެ ޕާޓީގައި 17000 އެއްހާ މެމްބަރުން ހިމެނޭ ގާސިމަށް ލިބިލެއްވީ އެންމެ 5460 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 2.4 ޕަސެންޓެވެ. ގާތްގަނޑަކަށް ދިހަ ހާސް މެމްބަރުން ހިމެނޭ ޕާޓީއަކާއެކު ނުކުންނެވި ނާޒިމަށް 1907 ވޯޓް ލިބިލެއްވިއިރު އެއީ ވޯޓްލީ މީހުންގެ 0.86 ޕަސެންޓެވެ. ސުވާލަކީ އެންމެ ގިނަ އެޑްވައިޒަރުންނާއި ސިޔާސީ ތަޖުރިބާކާރުން ފަހަތުލައިގެން ނުކުންނެވި މި ދެ ބޭފުޅުންނަށް މިހާ ދަށް ނަތީޖާއެއް ލިބިލެއްވީ ކީއްވެތޯއެވެ؟

https://sun.mv/181835

ގާސިމް: ސިޔާސީ ހަޔާތުގައި ކަޅު ލައްގަނޑެއް

ދިވެހި ގައުމަށާއި އެތައް ދިވެހީންނަކަށް އަގުނުކުރެވޭ ފަދަ ގިނަ ހިދުމަތްތަކަކާއި އެހީތަކެއް ދެއްވާފައިވާ ގާސިމް މިހާލަތަށް ވެއްޓުނުއިރު އަރިހުގައި ގިނަ ބޭފުޅުންތަކެއް ތިއްބެވިއެވެ. އެ މަނިކުފާނުގެ އެޑްވައިޒަރުންގެ ތެރޭގައި ކުރީގެ ރައީސުންނާއި ކުރީގެ ނައިބު ރައީސުންގެ އިތުރުން ކުރީގެ ވަޒީރުންނާއި މަޖިލީހުގެ އޭރާއި މިހާރުގެ މެމްބަރުން ތިއްބެވިއެވެ. ގާސިމް ރިޔާސީ ރޭހަށް ނެރުމަށް އެންމެ ބޮޑަށް ބާރު އަޅުއްވަނީ ވެސް އެބޭފުޅުންނެވެ. މީގެ ތެރެއިން ގިނަ ބޭފުޅުންނަކީ ގާސިމްގެ ފަރާތުން މާލީ އެހީތެރިކަން ލިބޭ ބޭފުޅުންނެވެ. ނަމަވެސް މި ލިބުނު ދަށް ނަތީޖާއަށް ބަލާއިރު އެ ބޭފުޅުންނަށް ކުރެވުނު ކަމެއް އޮތްތަނެއް ނުފެނެއެވެ. އެ އެޑްވައިޒަރުން ނިސްބަތްވާ ރަށްރަށާއި ދާއިރާތަކުން ގާސިމަށް ލިބުނު މަދު ވޯޓުން އެކަން ސާބިތުވެއެވެ.

އަނބިކަނބަލުން އައިޝަތު ނަހުލާގެ ހޯރަފުށިން: 13 ވޯޓް

ރަނިންމޭޓް އަމީން އިބްރާހީމްގެ ތުޅާދުއިން: 97 ވޯޓް

އިލްހާމް އަޙްމަދުގެ ގެމަނަފުށިން: 45 ވޯޓް

ރިޔާޒް ރަޝީދުގެ ވިލިފުށިން: 18 ވޯޓް

އަބްދުﷲ ޖިހާދާއި އަޙްމަދު ނިހާންގެ އިތުރުން އަބްދުﷲ އަޙްމަދުގެ ތިނަދުއިން: 54 ވޯޓް

އަޒްލީން އަޙްމަދުގެ ރަތަފަންދުއިން: 0 ވޯޓް

އަލީ ވަހީދުގެ ތޮއްޑުއިން: 32 ވޯޓް

އަލީ އާރިފްގެ ވަށަފަރުން: 6 ވޯޓް

ޑރ. ހުސައިން ރަޝީދުގެ ވޭމަންޑުއިން: 22 ވޯޓް

އަބްދުﷲ އަމީންގެ ގައްދުއިން: 6 ވޯޓް

ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާއެއްގައި ގާސިމާއި އަރިސްބޭފުޅުން --- ފޮޓޯ: ޖޭޕީ

އެއީ ގާސިމްގެ ބައެއް އަރިސް ބޭފުޅުން ނިސްބަތްވާ ރަށްރަށުގެ ވޯޓް ފޮށިތަކުން ލިބުނު ވޯޓްގެ އަދަދެވެ. އަދި އެހެންމެ ގާސިމަށް ލަފާ ދެއްވާ އަބްދުﷲ ނަވާޒާއި ހަސަން މުޣުނީ ފަދަ ބޭބޭފުޅުންގެ ރަށްތަކާއި ދާއިރާތަކުން ވެސް ގާސިމަށް ލިބުނީ މަދު ވޯޓެވެ. ގާސިމަށް މިހާ ދަށް ނަތީޖާއެއް ލިބިލެއްވިއިރު ކެމްޕެއިންގައި އެންމެ ގާތްކޮށް އުޅުއްވި، އަނބިކަނބަލުން އައިޝަތު ނަހުލާ ވޯޓު ނުލައްވާ ކަމަށް ވެސް ބައެއް ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

މި ދަށް ނަތީޖާއާއެކު ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވީ ގާސިމްގެ އެޑްވައިޒަރުންނަށެވެ. ގާސިމް ރިޔާސީ ރޭހަށް ނެރުއްވަނީ އެ ބޭފުޅުންގެ އަމިއްލަ ފައިދާއަށް ކަމަށް ބުނެއެވެ. އޭގެ ތެރޭގައި އެ ބޭފުޅުންނަށް ލިބޭ މާލީ ފައިދާގެ އިތުރުން އުފެދޭ ސަރުކާރަކުން މަގާމު ހޯދުމަށާއި މަޖިލީހުގެ ގޮނޑި ކަށަވަރު ކުރުމަށް ގާސިމް "ގުރުބާން" ކުރަނީ ކަމަށް ތުހުމަތު ކުރެއެވެ.

"ގައުމުގެ އަޝްރާފުން ޕާޓީގެ ލީޑާޝިޕްގައި ތިއްބަވައި ކުރެއްވި ހަމައެކަނި ކަމަކީ ގާސިމް އިބްރާހީމް ޖޯކަރަކަށް ހެއްދެވުމަށްފަހު މަގުމަތިކޮށްލުން. މިހެން ބުނަން ޖެހުނީ ސާޅީސް އަހަރަށްވުރެ ދިގު މުއްދަތެއްވަންދެން ދިވެހި ގައުމަށް އިސްލާހަށް އެދި މަސައްކަތް ކުރި ހަމައެކަނި ފަރުދަކީ އޮނަރަބަލް ގާސިމް އިބްރާހިމް ކަމަށްވެފައި އަދި މި ލިބުނު ނަތީޖާއަކީ އެމަނިކުފާނުގެ ހައިބަތާއި ދަރަޖަ ކަމަށް ގަބޫލު ނުކުރެވޭތީ،" ޖޭޕީގެ އިސް އެކްޓްވިސްޓް މުޙައްމަދު ސައީދު (ބޮކި ސައީދު) ބުންޏެވެ.

ގާސިމްގެ މިފަހަރުގެ ރިޔާސީ ކެމްޕެއިން ގިނަ ބަޔަކަށްވީ ޖޯކަކަށެވެ. ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރުމަށް ރަށްރަށަށް ވަޑައިގެން އުޅުއްވާއިރު، ވަޑައިގެންނެވުނު ރަށް ހަނދާން ނެތުމާއި ބައެއް ކަންކަމަށް ކިޔާ ނަންތައް ހަނދާން ނެތުން ފަދަ ކަންކަން ގާސިމަށް ކުރިމަތިވެފައި އެބަހުއްޓެވެ. އަނެއްކޮޅުން ގާސިމްގެ ސިއްހީ ހާލަތާއި އުމުރާ މެދު ވެސް ސަޕޯޓަރުންގެ ކަންބޮޑުވުން ހުއްޓެވެ. އެހެންކަމުން މި ފަހަރު ގާސިމް ކުރެއްވި ކެމްޕެއިން ވަރަށް ބޮޑަށް ފެއިލްވި ކަމަށް ބުނެވެން އެބައޮތެވެ.

އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައްދަލު ކުރައްވަނީ -- ފޮޓޯ/ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު

ދަށް ނަތީޖާއާ ގުޅޭގޮތުން ގާސިމްގެ އެޑްވައިޒަރުންގެ ވާހަކަ ތަފާތެވެ. އޭގެ ތެރެއިން ބޭފުޅަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވާގޮތުގައި ގާސިމް ވެރިކަމަށް ވާދަކުރެއްވުމަކީ ވަކި ބައެއްގެ ނުފޫޒުން ދިމާވި ކަމެއް ނޫނެވެ. ގާސިމްގެ މިޒާޖުފުޅު ހުންނަ ގޮތުން އެމަނިކުފާނަކީ މީހަކު ބުނާހާ ގޮތެއް ހައްދަވާނެ ބޭފުޅެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ވޯޓް މަދުވި މައިގަނޑު ސަބަބެއް ކަމަށް އެ އެޑްވައިޒަރު ވިދާޅުވީ އެހެން ފަހަރުތަކުގައި އިންތިޚާބުތަކާ ދިމާކޮށް ގާސިމް ކުރައްވާ ހޭދައާ ގާތަށް ވެސް މިފަހަރު ހޭދައެއް ނުކުރެއްވުމެވެ.

"ޖޭޕީއަކީ ފައިސާ. އެއީ ހަގީގަތް. ޖޭޕީއަށް ވޯޓް ލިބޭނީ ފައިސާ ހަރަދުކޮށްގެން. އެކަމަކު މިފަހަރު އެކަމެއް ނުކުރޭ. ބަޖެޓް ލިބުމުގައި ގާސިމަށް ވެސް ދަތިތަކާ ކުރިމަތިވި. އެ ސަބަބުތަކާ ހުރެ މިހެންވީ،" އެ ބޭފުޅާ ވިދާޅުވިއެވެ.

ޒަމާނުންސުރެ ސިޔާސީ މައިދާނުގައި ހޯދަމުން ދިޔަ ބާރުވެރިކަން ގާސިމަށް މިވަނީ ގެއްލިފައެވެ. އެހެން ފަހަރުތަކާ ހިލާފަށް މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ގާސިމްގެ ތާއީދާ ނުލައި ކާމިޔާބު ކުރެއްވުމުގެ ފުރުސަތު ވާދަވެރި ދެ ކެންޑިޑޭޓުންނަށް ވެސް އެބައޮތެވެ.

ނާޒިމް: ދެއްކި މަންޒަރާއި އަޑަކާ ދިމަލެއް ނުވި

މި ފަހަރުގެ ރިޔާސީ ރޭހަށް އެންމެ ކުރިއާލާ ތައްޔާރުވި އެއް ބޭފުޅަކަށް އެމްއެންޕީގެ ކެންޑިޑޭޓް ނާޒިމް ވާނެއެވެ. ކުރީގެ ޑިފެންސް މިނިސްޓަރުކަމާއި ހަވާލު ކުރެވުނު އެހެންކަންކަން އަދާ ކުރެއްވުމުގައި ދައްކަވާފައި ހުންނެވި ލީޑާޝިޕްގެ ސަބަބުން ނާޒިމަކީ އާއްމުންގެ ތެރޭގައި މަގުބޫލު ވެސް ބޭފުޅެކެވެ. މަޖިލިސް މެމްބަރުކަން ހޯދައިދެއްވި ގާސިމްގެ ޖުމްހޫރީ ޕާޓީ ދޫކުރައްވައި ނާޒިމް ނުކުންނެވީ ރިޔާސީ ރޭހަށް ތައްޔާރުވުމަށް އަމިއްލަފުޅު ޕާޓީއެއް އުފެއްދުމަށެވެ. ނާޒިމް އެކަން ކުރެއްވިއެވެ. ނާޒިމްގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އެކުގައި ނުކުންނަވައި ނުވަހާހަށް ވުރެން ގިނަ މެމްބަރުން ޕާޓީއަށް ހަމަކުރިއެވެ. އެއީ ގިނަ އަހަރުތަކެއް ވަންދެން ހިންގަމުން އައި ޕާޓީތަކަށް ވެސް ނުވެ އޮތް ކަމެކެވެ.

https://sun.mv/181836

އާއްމު މެމްބަރުންގެ އިތުރުން ސިޔާސީ ގޮތުން ރާއްޖޭގައި ނަގާކިޔާ ފަދަ ބޭބޭފުޅުން ނާޒިމް އޭނާގެ ކޮޅަށް ގެންނެވިއެވެ. އޭގެ ތެރޭގައި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ވެސް ހިމެނެއެވެ. މި ޓީމާއެކު ނާޒިމް ރިޔާސީ ރޭހަށް ނުކުންނެވީ އޭނާއަކީ ވެސް ލީޑަރެއްކަން ސާބިތުކޮށް ދިނުމަށެވެ. ނަމަވެސް ވީއެހެނެއް ނޫނެވެ. ލިބުނީ ވަރަށް ވެސް ދަށް ނަތީޖާއެކެވެ.

ނާޒިމަށް ލިބުނު ނަތީޖާއަށް ބަލާއިރުވެސް ކައިރީގައި ތިއްބެވި ސިޔާސީ މުފައްކިރުންގެ އެއްބާރުލުން ނުލިބުނުކަން ހާމަވެއެވެ. އެންމެ އަރިސް ރިޔާޒްގެ ރަށް ކަމަށްވާ ތ. ތިމަރަފުށިން ވެސް ލިބުނީ އެންމެ 85 ވޯޓެވެ. ވިލިމާލެ ދާއިރާގެ މެމްބަރު އަދި ނާޒިމްގެ ތަރުޖަމާން އަޙްމަދު އުޝާމްގެ ދާއިރާއިން ވެސް ނާޒިމަށް ލިބުނީ އެންމެ 92 ވޯޓެވެ. އަރިސް ބޭފުޅުންގެ އެހީތެރިކަމެއް ވޯޓްގައި ލިބުނު މަންޒަރެއް ނުފެނުނެވެ.

އެމްއެންޕީން ރޭ ބޭއްވި ޖަލްސާގެ ތެރެއިން --- ފޮޓޯ: އެމްއެންޕީ

އެޑްވައިޒަރުންގެ ބާރެއް ނެތް، ކީއްވެ؟

ގާސިމާއި ނާޒިމަށް މި ލިބުނު ނަތީޖާތަކަށް ބަލާއިރު އެބޭފުޅުންގެ އަރިހުގައި ގެންގުޅުއްވާ ސިޔާސީ ތަޖުރިބާކާރުންގެ ބާރެއް ސިޔާސީ މައިދާނުގައި އޮތް ކަމަކަށް ނުބެލެވެއެވެ. އެ އެޑްވައިޒަރުން ޕޯޑިއަމްތަކުގައްޔާއި މީޑިއާތަކުގެ އިތުރުން ސޯޝަލް މީޑިއާގައި ވެސް އެތައް މަސައްކަތެއް ކުރިއެވެ. އެކަމަކު ނަތީޖާއެއް ނުފެނުނެވެ.

"ވަރަށް ސާފު ވީގޮތް. ރައްޔިތުން އިތުބާރު ނުކުރަނީ އެ ސިޔާސީ ބޭފުޅުންނަށް. އެ ބޭފުޅުން އަދި އަމިއްލަފުޅަށް ކިތަންމެ ބޮޑު ބޭފުޅުންނެއް ކަމަށް ގަބޫލު ކުރިޔަސް. ރައްޔިތުންނަށް އެނގޭ އެބޭފުޅުން ވަކި މީހެއްގެ ފަހަތުގައި އެ ހުންނަނީ އަމިއްލަ ފައިދާއަށްކަން،" ރާއްޖޭގެ ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވިއެވެ.

ދެން އޮތް އަނެއް ގޮތަކީ ވަކި މީހަކު ވިދާޅުވެގެން ވޯޓް ދިނުމަށްވުރެން ސިޔާސަތަށް ވޯޓް ދޭ އާއްމުން ގިނަވުމެވެ. އަދި ހަމައެކަނި ދައްކާ ވާހަކައަށް ނުބަލައި އެ ބޭފުޅެއްގެ މާޒީއަށް ބަލައި ވޯޓް ދޭ އާއްމުން ވެސް ގިނަވުމެވެ.

ގާސިމާއި ނާޒިމަށް މި ޖެހުނު ހާލުން ވެސް ރައްޔިތުންގެ ތާއީދު ހޯދަން ކައިރިއަށް ނަމުން މަޝްހޫރު ބޭބޭފުޅުން ގެނައުމަށް ވުރެން ސިޔާސަތު ވިއްކުން މުހިންމުކަން ޔަގީންވެއެވެ. އެ ދެ ބޭފުޅުންނަށް މި ލިބުނު ދަށް ނަތީޖާގެ ޒިންމާ އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި އަރިސް ބޭފުޅުން ނަންގަވަން ޖެހެއެވެ. އެ ބޭފުޅުން ނިސްބަތްވާ ދާއިރާއަކުން ވެސް ކުޑަ މިނުން ތާއީދެއް ނުހޯދުނެވެ. އެހެންކަމުން ނާޒިމާއި ގާސިމާއެކު އެންމެ ބޮޑަށް ފެއިލްމިވީ ކައިރީގައި ތިއްބެވި ބޭފުޅުންނެވެ.

comment ކޮމެންޓް