އެއީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ވަރަށް ފަހުރުވެރިވާ ކަމެކެވެ. އެމަނިކުފާނު މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ފާސްކުރެއްވި އާ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބެއް ކާމިޔާބުވީ ގާސިމް ތާއީދު ކުރައްވާ ބޭފުޅެކެވެ. އެއީ އިންތިޚާބުތަކުގައި ގާސިމަށް ތިން ވަނަ ލިބޭތީއެވެ. އެހެންކަމުން ގާސިމް ވަނީ ކިންގްމޭކާއަށެވެ. ނަމަވެސް މި ފަހަރު ގާސިމަށް ލިބުނީ ވަރަށް ވެސް ދަށް ނަތީޖާއެކެވެ.
އެތައް އެޑްވައިޒަރުންނަކާއެކު އިންތިޚާބަށް ނުކުންނެވި ގާސިމަށް މިފަހަރު ވޯޓްލީ 220000 އެއްހާ މީހުންގެ ތެރެއިން ލިބުނީ އެންމެ ހައެއްކަ ހާސް ވޯޓެވެ. އެއީ ގާތްގަނޑަކަށް އިންތިޚާބުގައި ވޯޓްލީ މީހުންގެ ތިން ޕަސެންޓް ނުވަތަ ދެ ޕަސެންޓެވެ.
މީގެ ކުރިން ގާސިމް ދެ ރިޔާސީ އިންތިޚާބެއްގައި ވާދަ ކުރެއްވިއިރު ރަނގަޅު ނަތީޖާއެއް ހޯދެއްވިއެވެ. އެގޮތުން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވަނީ 27056 ވޯޓް ހޯދާފައެވެ. އެއީ ވޯޓްލީ މީހުންގެ 15.32 ޕަސެންޓެވެ. ދެން ގާސިމް ވާދަކުރެއްވި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ މަނިކުފާން ވަނީ 48131 ވޯޓް ހޯދައިފައެވެ. އެއީ ވޯޓްގެ 23.34 ޕަސެންޓެވެ. އެ ފަހަރު ދެވަނަ ބުރަށް ދިޔަ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ގާސިމާ އޮތީ ވަރަށް ކުޑަ ތަފާތެކެވެ. ދެހާސް އަށާރަވަނަ އަހަރު ގާސިމް ހުންނެވީ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ރާއްޖޭން ބޭރުގައި ކަމަށްވާތީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތެއް ލިބިވަޑައެއް ނުގެންނެވިއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެ އިންތިޚާބު ކާމިޔާބު ކުރެއްވީ ގާސިމްގެ ބޮޑު ތާއީދަކާއެކުއެވެ.
މައްސަލައަކީ އެޑްވައިޒަރުންތަ؟
ފުރަތަމަ ބެލެވުނީ މިހާރު އުމުރުފުޅުން 72 އަހަރު ވެފައިވާ ގާސިމް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރައްވާނެ ކަމަށެވެ. ނަމަވެސް ފަހު ވަގުތު ރިޔާސީ ރޭހަށް ނުކުންނަވައި ބޮޑު ކެމްޕެއިނެއް ފެއްޓެވިއެވެ. ނަމަވެސް ކެމްޕެއިންގެ ކަންކަން ދިޔައީ ވަރަށް ދޯހަޅިކޮށެވެ. ގާސިމް ރަށްރަށުގައި ދެއްކެވި ވާހަކަފުޅުތަކާއި އަމަލުފުޅުތައް ގިނަ މީހުން ނެގީ ޖޯކަކަށެވެ. މުޅި ސޯޝަލް މީޑިއާގައި އޮތީ އެކަމެވެ.
"އަޅުގަނޑު ގަބޫލުކުރާގޮތުގައި ގާސިމަށް މި ލިބުނު ބޮޑު ނާކާމިޔާބީގެ އަސްލަކީ އެމަނިކުފާންގެ އަރިހުގައި ތިއްބެވި ބޭފުޅުން. އެޑްވައިޒަރުންނަށް ގެންގުޅުއްވާ ބޭފުޅުން ބުނިހާ ކަމެއް ކުރަން ހަދައިގެން މިހާބޮޑު ލަދެއްގައި ބެދެން އެ ޖެހުނީ،" ގާސިމްގެ އަރިސްބޭފުޅަކު މި އިންތިޚާބާ ގުޅޭގޮތުން "ސަން" އާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.
ގާސިމާއެކު ކުރިން ސިޔާސީ މަސައްކަތްތައް ކުރި ބޭފުޅަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިގޮތުގައި އިންތިޚާބު ކާމިޔާބު ވާނެ ކަމުގެ އެއްވެސް ފުރުސަތެއް ނެތި ގާސިމް ރޭހަށް ނުކުންނަވަން އެޑްވައިޒަރުން ލަފާ ދެއްވަނީ އެބޭފުޅުންނަށް ލިބޭ މާލީ މަންފާގެ ސަބަބުން ކަމަށެވެ.
"އެޑްވައިޒަރުންނަށް ގިނަވާނީ ގާސިމް ބޮޑެތި މުސާރަތައް ދެއްވާ ބޭފުޅުން. އޭގެ އިތުރުން ވެސް އެކިއެކި ކެމްޕެއިނާ ސިޔާސީ ކަންކަމުގެ ނަމުގައި ފައިސާ ހޯދާނެ. ނޫނީ ދެން އަންނަ ސަރުކާރެއްގައި ކޯލިޝަން ހަދައިގެން މަގާމާއި މަޖިލިސް ގޮނޑި ހޯދަން އުޅުއްވާ ބޭފުޅުން. އެކަން ކުރަން ގާސިމް އެ ނެރުއްވަނީ އިންތިޚާބަށް،" ކުރިން ވާހަކަ ދެއްކި ބޭފުޅާ ވިދާޅުވިއެވެ.
މި ފަހަރު މި ލިބުނު ނަތީޖާއާ ގުޅޭގޮތުން ގާސިމް ވެސް އަދި ޖުމްހޫރީ ޕާޓީއިން ވެސް ވަކި އެއްޗެއް އަދި ނުބުނެއެވެ.
ހަރަދު ކުޑަކޮށް ގާސިމް ކުރެއްވި ކެމްޕެއިން
މިފަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ގާސިމް ގިނަ ރަށްތަކަކަށް ވަޑައިގެންނެވިއެވެ. ރަނިންމޭޓް ޑރ. އަމީން އިބްރާހީމް ވެސް ގިނަ ރަށްތަކަކަށް ވަޑައިގެންނެވިއެވެ. އެބޭފުޅުންގެ ސިޔާސަތު ހުށަހަޅުއްވައި އާދޭސް ދެންނެވިއެވެ. އަދި ގާސިމް މިހާތަނަށް ދިވެހީންނަށް ކޮށްދެއްވި ކަންކަން ހަނދާން ކޮށްދެއްވެވިއެވެ.
ގާސިމާއެކު މިފަހަރުގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅަކު ވިދާޅުވިގޮތުގައި އެހެން އިންތިޚާބުތަކާ ހިލާފަށް މިފަހަރުގެ އިންތިޚާބަށް ގާސިމް އެހާ ބޮޑު ހޭދައެއް ނުކުރައްވައެވެ. ކޮންމެހެން ކުރަން ޖެހޭ ހޭދަތަކަށް ވެސް ބޭނުންވާ ބަޖެޓެއް ހަމަނުޖެހުނު ކަމަށާއި ނަތީޖާ އެންމެ ބޮޑަށް ދަށްވި އެއް ސަބަބަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ސަރުކާރު ހިންގާ ކޯލިޝަންގައި އަދިވެސް ޖޭޕީ ހިމެނޭއިރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ހޯދައި ދެއްވަން ގާސިމް ތާއީދު ކުރައްވާނެ ކަމަށް ވެސް އިރެއްގައި ބެލެވުނެވެ. އެއީ މިވެރިކަން ނޫނިއްޔާ ވޭތުވެދިޔަ ހުރިހާ ވެރިކަމެއްގައި ވެސް ގާސިމްގެ ވިޔަފާރިއާއި އެމަނިކުފާނަށް ގެއްލުންތައް ދީފައި ވުމުންނެވެ. މިވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން އައިޝަތު ނަހުލާއަށް މިނިސްޓަރުކަން ދެއްވުމުގެ އިތުރުން ސަރުކާރުގެ ތެރެއިން ގިނަ މަގާމުތަކަކާއި ބާރުތަކެއް ރައީސް ޞާލިޙް ގާސިމަށް ދެއްވިއެވެ. ރައީސް ޞާލިޙާ ދެކޮޅަށް އިންތިޚާބަށް ނުކުންނަވައިގެން އުޅުއްވާއިރު އަދި ވެސް އެ މަގާމުތަކުގައި ގާސިމްގެ ބޭފުޅުން އެބަތިއްބެވެ.
މިފަހަރުގެ ރިޔާސީ ރޭހަށް ގާސިމް ނެރުއްވަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ. ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ މައްސަލަ ޖެހުނުއިރު ސަރުކާރު ކޯލިޝަން އޮތީ ބަދަހިކޮށެވެ. ގާސިމް، ރައީސް ޞާލިޙާއެކު ހުންނެވުމުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުމުގެ ފުރުސަތު ރައީސަށް ވަރަށް ބޮޑަށް އޮތެވެ. އެއާއެކު ނަޝީދު ފާޅުގައި ވިދާޅުވަމުން ގެންދެވީ މިފަހަރަކީ ގާސިމް ވެރިކަމަށް ވަޑައިގަންނަވަން އެންމެ ރަނގަޅު ފުރުސަތެއް އޮތް ފަހަރު ކަމަށެވެ. އެއާއެކު ނަޝީދުގެ އަރިސްބޭފުޅުންނާއި ގާސިމާއެކު ގިނަ މަޝްވަރާތަކެއް ކުރެއްވިއެވެ. ގާސިމްގެ ސަން އައިލެންޑް ރިސޯޓްގައި ދެ ބޭފުޅުންނާއި އަރިސް ބޭފުޅުން ވަގުތު ހޭދަ ކުރެއްވިއެވެ. އެކަމަކު ނަޝީދު ވެރިކަމަށް ވަޑައިގެންނެވޭ ގޮތަށް ބަރުލަމާނީ ނިޒާމެއް ގެންނަން ޝަރުތުކޮށް ހުށަހެޅުންތަކެއް ހުށަހެޅުމުން ގާސިމް އެކަމަށް އެއްބަހެއް ނުވިއެވެ. އެއާއެކު ދެބޭފުޅުންގެ ގުޅުން ގޯސްވިއެވެ.
އެހާ ހިސާބުން ގާސިމް އެ ބޭފުޅާގެ އަމިއްލަފުޅު ޓީވީއަށް ދެއްވި އިންޓަވިއޫއެއްގައި ވިދާޅުވީ ފައިސާގެ ގޮތުން ދަތި ދުވަސްތަކެއް ކަމަށް ވިދާޅުވުމުން ވެސް، ވެރިކަމަށް ނުކުތުމަށް ނަޝީދު ވަރަށް ބޮޑަށް ބާރުއެޅުއްވި ކަމަށެވެ. ނަމަވެސް ނަޝީދު މަސައްކަތް ކުރެއްވީ އެބޭފުޅާ ބޭނުންކުރައްވައިގެން ނަޝީދު ވެރިކަމަށް ވަޑައިގަންނަވަން ކަމަށާއި ނަޝީދު ނޫން ބޭފުޅަކު ވެރިކަން ކުރަން އެމަނިކުފާން ބޭނުންފުޅު ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
އެހާ ހިސާބަށް ކަންކަން ގޮސްފައި ދެން ފެނުނީ ގާސިމާއި ނަޝީދާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް އެއް މޭޒަކަށް ވަޑައިގެންނެވިތަނެވެ. އެ މަޝްވަރާތަކަށް ފަހު ތިން ބޭފުޅުން އެކުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ވިދާޅުވީ އެއް ކެންޑިޑޭޓެއް ނެރެން އެއްބަސްވެވިއްޖެ ކަމަށެވެ. ނަމަވެސް އެ ކަމެއް އެއްގޮތަކަށް ވެސް ނުހިނގިއެވެ.
ގާސިމަކީ ދިވެހި ގައުމަށް އެތައް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެ މަނިކުފާންގެ އަމިއްލަފުޅު ވިޔަފާރީން ލިބުނު ފައިސާއިން އެތައް ހަރަދެއް ދިވެހީންނަށްޓަކައި ކޮށްދެއްވިއެވެ. ކިންގްމޭކާއެއްގެ ލަގަބު މީގެ ކުރިން ލިބިލެއްވީ އެ ސަބަބުތަކަށްޓަކައެވެ. ގިނަ އެޑްވައިޒަރުންތަކެއް ވެސް ގެންގުޅުއްވާ އެ ފެންވަރުގެ ބޭފުޅަކަށް މިފަހަރުގެ އިންތިޚާބުގައި ލިބުނު މި ނަތީޖާއަކީ ވަރަށް ވެސް ދަށް ނަތީޖާއެކެވެ. ކިންގް މޭކާއަކުން ގާސިމް މި ވެއްޓުވީ ތިން ޕަސެންޓަށެވެ.