ދިހަހާސް މެންބަރުން ތިބި ޕާޓީގެ ރައީސަށް ދެހާހެއްހާ ވޯޓު!

އެމްއެންޕީން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޓިކެޓު، އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމަށް އެރުވުން --- ފޮޓޯ/ އެމްއެންޕީ

ޕާޓީ އުފައްދަން ހުއްދަ ދިންތާ ދެ މަސް ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 5،000އަށް ވުރެ ގިނަ ސޮއި ހޯދައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ރެޖިސްޓްރޭޝަނަށް ހުށަހެޅިއެވެ. އޭގެ އެއް މަސް ފަހުން 10،000އަށް މެންބަރުން އިތުރުކޮށް، މާކުރިން އުފައްދާފައިވާ ބައެއް ޕާޓީތައް ފަހަތަށް ޖައްސާލިއެވެ.

ރާއްޖޭގައި ވަޒީފާއެއްގެ ގޮތުގައި އަދާކުރަން ރައީސްކަން ނޫން އިތުރު މަގާމެއް ނެތް ކަމަށް ވިދާޅުވެ، އެ ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ރިޔާސީ ރޭހަށް ނުކުމެވަޑައިގަތީ ވަރަށް ބާރު ސްޕީޑުގައި ކުރި ހޯއްދަވަމުންނެވެ. ނަމަވެސް، މި ރިޔާސީ އިންތިޚާބުން ފެނުނީ ބާރު ސްޕީޑުގައި ކުރިއަށްގޮސް މުޑިއެރިތަނެވެ.

މިހާރު ގާތްގަނޑަކަށް ހުރިހާ ފޮއްޓެއް ގުނާފައިވާއިރު ނާޒިމަށް 2،000 ވޯޓު ވެސް ހަމަވެފައި ނުވެއެވެ. އެއީ އަށް ކެންޑިޑޭޓުން ވާދަކުރި މި އިންތިޚާބުގެ ފުލުން ދެވަނައެވެ. އެއާ އަޅާބަލާއިރު އަމިއްލަ ގޮތުން ވާދަ ކުރެއްވި ދެ ކެންޑިޑޭޓުން ކަމަށްވާ އުމަރު ނަސީރާއި ފާރިސް މައުމޫން ވެސް މާ ގިނަ ވޯޓު ކާމިޔާބު ކުރެއްވިއެވެ.

އުމަރު ނަސީރަށް ލިބުނު ވޯޓުގެ އަދަދު 6000އަށް އަރާއިރު ފާރިސްއަށް ލިބުނު ވޯޓުގެ އަދަދު ވަނީ 3،000 ހުރަސްކޮށްފައެވެ.

ނާޒިމްގެ ސިޔާސީ ހަޔާތް

ނާޒިމް ސިޔާސީ ދާއިރާގައި ފާހަގަކޮށްލެވެން ފެށީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި، ފުލުހުންނާއި ސިފައިންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގެ ތެރެއަށް ވަދެވަޑައިގަތުމަށްފަހު، ސިފައިން ބޭނުންވާ ކަންތައްތަކުގެ ލިސްޓު އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނަށް ގެންގޮސްދިން ހިސާބުންނެވެ. އެ ބައްދަލުވުމަށް ފަހު ޖުމްހޫރީ މައިދާނަށް ނުކުމެވަޑައިގެން، ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވީ ވެސް ނާޒިމެވެ. އެއާއެކު އެމްޑީޕީއަށް އެއީ "ބާޣީ ނާޒިމް" ކަމަށްވިއެވެ.

ހަލަބޮލި ސިޔާސީ މަސްރަހެއްގެ ތެރެއިން، އޭރު އޮތް އެންމެ ބޮޑު ޕާޓީގެ ނުރުހުން ނާޒިމަށް އަމާޒުވެވަޑައިގަތް ނަމަވެސް އޭނާ ދެން ވަޑައިގެންނެވީ ދެން އުފެދުނު، ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ކަމަށެވެ. އެތެރެއާއި ބޭރުގެ ފިއްތުންތަކާއެކު ރައީސް ވަހީދު ކުރެއްވި އެ ވެރިކަން އެންމެ ބޮޑަށް ލީޑް ކުރެއްވި އެއް ބޭފުޅަކީ ނާޒިމެވެ. އެއަށް ފަހު ދެން އުފެދުނު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ޑިފެންސް މިނިސްޓަރަކީ ނާޒިމެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެބިނެޓުގައި ނާޒިމް -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޔާމީން އޭރު އެންމެ ބޮޑަށް އިތުބާރު ކުރެއްވި އެ ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސް އަޙްމަދު އަދީބާއި ނާޒިމްގެ ގުޅުން ގޯސްވުމާއެކު ދެން ފެށުނީ ސިޔާސީ އެހެން ބާބެކެވެ. ކުއްލިއަކަށް ރޭގަނޑެއްގެ ދަންވަރު ފުލުހުން ނާޒިމްގެ ގެކޮޅަށް ވަދެ، ނިދިކުރައްވާ ކޮޓަރިން ހޯދީ ފިސްތޯލެކެވެ. އެއަށްފަހު މާ ގިނަ ދުވަސްތަކެއް ނުވެ ޑިފެންސް މިނިސްޓަރުކަމުން ނާޒިމް ދުރުކުރިއެވެ. އަދި ފަހުން ޖަލަށް ލުމުން ޖަލުގައި އެތައް ދުވަހެއް ހޭދަކުރައްވަން ޖެހިވަޑައިގެންނެވިއެވެ.

އެ މައްސަލައިގައި ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ސިޔާސީ މަސްރަހުން ދުރަށް ޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން ނާޒިމް ދެއްވިއެވެ. އެ ބަންދުން ނާޒިމް ސަލާމަތްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެރިކަން ލިބިލެއްވި ހިސާބުންނެވެ.

ރައީސް ޔާމީންގެ ވެރިކަން ބަދަލުވެ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކޯލިޝަން ސަރުކާރުގައި ނޮވެމްބަރު 2018ގައި ނާޒިމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތެވެ. އެ ޕާޓީގެ ސްލޮޓުގައި ދަނގެތީ ދާއިރާގެ މެންބަރުކަން ހޯއްދެވިއެވެ. އެ ދާއިރާގެ ގޮނޑިއަށް ޖުމްހޫރީ ޕާޓީއިން ވާދަކުރުމަކީ ގާސިމްގެ ވަރަށް އަރިސް ބޭފުޅުންނަށް އެމަނިކުފާން ދެއްވާ ފުރުސަތެކެވެ. އެއީ ގާސިމް ދައްކަވާ ކެންޑިޑޭޓެއް އެ ދާއިރާއިން ހޮވުމުގެ ފުރުސަތު ވަރަށް ބޮޑުވާތީއެވެ.

ގާސިމްގެ ތާއީދާއެކު ގޮނޑި ކާމިޔާބު ކުރައްވައި ނާޒިމް މަޖިލީހަށް ވަޑައިގަތް ނަމަވެސް އެ އަހަރު ތެރޭގައި އޭނާ ގާސިމްގެ އެޑްވައިޒަރުކަން ދޫކޮށްލައްވައި، އެ ޕާޓީގެ އިސް ސަފުން ގެއްލުނެވެ. އަދި 2021 ވަނަ އަހަރު ޖުމްހޫރީ ޕާޓީ ދޫކުރައްވައި ނާޒިމް ނުކުންނެވިއެވެ.

ނާޒިމާއި ގާސިމް އިބްރާހީމް --

ދެން އިވުނީ ނާޒިމް އެމްއެންޕީ އުފައްދަވާ އަޑެވެ. އެއާއެކު ގާސިމްގެ ފާޑު ކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެ، "ސަލާންޖަހަން ގެންގުޅުނު ނާށިގަނޑު މަތިން ހަނދާން ނައްތާނުލުމަށް" ވެސް ގާސިމް ނާޒިމަށް ހަނދާން ކޮށްދެއްވިއެވެ.

ނަމަވެސް ރިޔާސީ އިންތިޚާބާ ދިމާކޮށް އެ ހަތުރުވެރިކަން ދޫކޮށްލައްވައި، ޖޭޕީއާ އެކު ކޯލިޝަން ހަދަން އެމްއެންޕީއަށް ގާސިމް ދައުވަތު ދެއްވިއެވެ. ނާޒިމް ދެއްވި ޖަވާބަކީ ކޯލިޝަން ގަބޫލުނުކުރައްވާ ކަމަށާއި އެ ޕާޓީން އެކަނި ނުކުމެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށެވެ.

ދިހަ ވަރަކަށް ހާސް މެމްބަރުން ހިމެނޭ ޕާޓީއެއްގެ ލީޑަރަކަށް ދެހާސް ވޯޓް ލިބުން މިއީ ވަރަށް މަދުން ނޫނީ ނުފެންނަފަދަ މަންޒަރެކެވެ. ޕާޓީގެ މެމްބަރުން ވޯޓް ނުދިނީ ކީއްވެތޯ؟ ނުވަތަ ޕާޓީއަށް މެމްބަރުން ހަމަކުރީ ކިހިނެއްތޯ މިއީ މިއަދު މީހުން ކުރާނެ ސުވާލެކެވެ.

ނާޒިމްގެ އަރިސް ބައެއް ބޭފުޅުން ކުރިން ވިދާޅުވިގޮތުގައި ނާޒިމް ވެރިކަމަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވަނީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްގެންނެވެ. މި އިންތިޚާބަކީ، ނާޒިމަކީ ލީޑަރެއްކަން ދައްކުވައިދޭ ޕްލެޓްފޯމެއް ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ. ނަމަވެސް މި ފެނުނީ އެފަދަ ނަތީޖާއެއް ލިބިގެންދިޔަ ތަނެއް ނޫނެވެ.

ކުއްލިއަކަށް ސިޔާސީ މައިދާނުން ފެނި، ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދި ނާޒިމަށް މި އިންތިޚާބުގައި މި ލިބުނީ ވަރަށް ވެސް ދަށް ނަތީޖާއެކެވެ. މި އިންތިޚާބުން ލިބުނު ނަތީޖާއިން ވެއްޓުނު އަޑިގުޑަނުން، ނާޒިމް ދެން އަރާވަޑައިގަންނަވަނީ ކިހިނެއްތޯ މިއީ މުހިންމު ސުވާލެކެވެ.

comment ކޮމެންޓް