އިދިކޮޅުން އެ ވާހަކައެއް ދައްކާތާ އެތައް އަހަރެއް ވެއްޖެއެވެ. ސަޕޯޓަރުން ހިފެހެއްޓުމަށް މުޅިންހެން ކިޔަމުން އަންނަނީ "އިންޑިއާ، އިންޑިއާ" މި ލަވައެވެ. މި ސަރުކާރު އުފެދުނީއްސުރެ މިއަދާ ހަމައަށް ވެސް އިދިކޮޅުން ކުރާ އެންމެ ބޮޑު ތުހުމަތަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް އިންޑިއާގެ ނުފޫޒު ބޮޑު ވާހަކައެވެ. އެންމެ ފަހުން މި ރިޔާސީ އިންތިޚާބުގައި ވެސް އެންމެ ބޮޑަށް ވިއްކީ ނުވަތަ ކާލާމަންނައަކަށް ބޭނުން ކުރީ "އިންޑިއާ އައުޓް" ކާޑެވެ. ސުވާލަކީ ރައީސް ޞާލިޙަށް މި ލިބުނު ދަށް ނަތީޖާގެ ފަހަތުގައި ވަނީ އިންޑިއާ ކާޑުތޯއެވެ؟
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި އެންމެ ގިނައިން ވޯޓު ހޯއްދެވީ އިންޑިއާއާ ދެކޮޅު ސިޔާސަތެއް ވިއްކެވި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒެވެ. އޭނާ 100،959 ވޯޓު ހޯދެއްވިއިރު އެއީ ވޯޓުލީ އާބާދީގެ 46 ޕަސެންޓެވެ. ވެރިކަމުގައި ހުންނެވި ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 85،809 ވޯޓެވެ. އެއީ، 39 ޕަސެންޓެވެ. އެންމެ ގިނައިން ވޯޓު ހޯދި ދެ ކެންޑިޑޭޓުންނަށް ވެސް 50 ޕަސެންޓަށް ވުރެން އިތުރަށް ވޯޓު ލިބިފައިނުވާތީ ދެން ޖެހޭނީ ދެ ވަނަ ބުރަކަށް ދާށެވެ.
އިންތިޚާބުތަކާ ދިމާކޮށް އެންމެ ފަހު ވަގުތު ވޯޓަށް އަސަރު ފޯރުވުމަށް އެކިއެކި ލިޔުންތައް ލީކްކުރުމާއި އެކި ކަންކަން ފަޅާ އަރުވާލުކަމީ ހުރިހާ ގައުމެއްގައި ވެސް ކުރާ ކަމެކެވެ. މި އިންތިޚާބުގައި އިދިކޮޅުން އެކަން ކުރިއެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުން އިންޑިއާއަށް 99 އަހަރަށް ބިން ދޭން އެއްބަސްވެ، ދިވެހި ސަރުކާރާއި އިންޑިއާއާ ދެމެދުވި އެއްބަސްވުމެއް ކަމަށް ބުނާ ލިޔުމެއް ސޯޝަލް މީޑިއާއަށް ލީކްކޮށްލައި ސަރުކާރާ ފާޅުގައި ދެކޮޅު ނޫސްތަކުގައި ޚަބަރުތައް ޖެހިއެވެ. އަދި، ބައެއް ކެންޑިޑޭޓުން ވެސް އެ ލިޔުން ސޯޝަލް މީޑިއާގައި ހިއްސާކުރިއެވެ. ސަރުކާރުން ވަނީ ވަގުތުން އެ ބުނާ ލިޔުމަކީ އަސްލާ އެއްގޮތަށް ހަދާފައިވާ ފޭކް ލިޔުމެއްކަން ހާމަ ކޮށްފައެވެ. އަދި، ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ވެސް އެ ލިޔުމަކީ އަސްލެއް ނޫންކަން ޔަގީން ކޮށްދިނެވެ.
އިދިކޮޅުން އިންޑިއާ ކާޑު ބޭނުންކޮށްގެން ސަރުކާރު ބަލި ކުރުމަށް މިފަދަ އެތައް ކަމެއް ކުރިއެވެ. އިންޑިއާގެ 200 ސިފައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ކަމަށް އަޑުތައް ފެތުރިއެވެ. މީގެ އިތުރުން ވެރިކަން ލިބިއްޖެނަމަ އިންޑިއާ ސިފައިން ރާއްޖޭން ބާލާނެ ކަމަށް ކެންޑިޑޭޓުން ވައުދު ވެސް ވިއެވެ. އަދި، ވޯޓަށް އެ ގައުމުން ނުފޫޒު ފޯރުވާ ކަމަށް ބުނެ ދެކޮޅު ނުޖެހޭ ވާހަކަތައް ހިމެނޭގޮތަށް އެތައް އަޑެއް ފެތުރިއެވެ. ހުރިހާ ކެންޑިޑޭޓުން ބައިވެރިވި ރިޔާސީ ބަހުސްގައި ވެސް އެހެން ކެންޑިޑޭޓުން ރައީސް ޞާލިޙާ ދެކޮޅަށް އެންމެ ގިނައިން ދެއްކެވީ އިންޑިއާގެ ވާހަކައެވެ.
އިދިކޮޅުގެ އެ ތުހުމަތުތައް ސަރުކާރުން ދޮގު ކުރެއެވެ. ބަހުސްގައި ވެސް ރައީސް ޞާލިޙް ވިދާޅުވީ ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން މިލްޓްރީ މަސައްކަތެއް ކުރުމަށް މި ރާއްޖޭގައި ނެތް ކަމަށެވެ. އަދި، ރާއްޖެ އޮތީ މިނިވަން ގައުމެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.
"ބައެއް ފަހަރު އެކްސަސައިޒް ތަކާއި ޓްރެއިނިން ހެދުމަށްޓަކައި އިންޑިއާއެއް ނޫން އިނގިރޭސި ސިފައިން ވެސް މިތަނަށް އާދޭ. ޗައިނާ ސިފައިން ވެސް އާދޭ," ރައީސް ޞާލިޙް ވިދާޅުވިއެވެ.
އިދިކޮޅުގެ ތުހުމަތުތައް ސަރުކާރުން ދޮގުކުރި ނަމަވެސް އިދިކޮޅުގެ ވާހަކަތައް އަޑު އަހާ މީހުން ގިނަވެއްޖެކަން ވޯޓުގެ ނަތީޖާއިން ފެނެއެވެ. ދީނީ ކާޑާއި އެހެން ކާޑުތައް ކޮންމެ އިންތިޚާބަކާ ދިމާކޮށް ޖަހާއިރު މި ފަހަރު ޖެހި އިންޑިއާ ކާޑުގައި ސަރުކާރު ޖެހިފައިވާ ކަމަށް ދިރާސާ ކުރާ ބޭފުޅުން ވިދާޅުވެއެވެ.
"މިނިވަންކަން ގެއްލޭކަށް އެކަކު ވެސް ނޭދޭނެދޯ. އިދިކޮޅުން މުޅިން ދެއްކީ އެކަން ގެއްލޭ ވާހަކަ. ކެމްޕެއިންގައި ވެސް އަދި އޭގެ ކުރިން ވެސް ސަރުކާރަށް އެކަމަށް ދޭން ޖެހޭ އަސްލު ރައްދެއް ނުދެވޭ. އެހެންވެ މި އިންތިޚާބުގައި ދީނީ ކާޑަށް ވުރެން ބޮޑަށް ސަރުކާރާ ދެކޮޅަށް ވިކިފައި އެވަނީ އިންޑިއާ ކާޑު،" ސަލާމަތީ ބާރެއްގެ އެންމެ އިސް މަގާމު އަދާކުރައްވާފައިވާ ބޭފުޅަކު ވިދާޅުވިއެވެ.
ރައީސް ޞާލިޙަށް އިންތިޚާބުގައި ލިބުނު ވޯޓު ދަށްވި އަނެއް މައިގަނޑު ސަބަބަކީ އެމްޑީޕީގެ އެތެރޭގައި އުފެދުނު ދެބަސްވުންތަކެވެ. ޑިމޮކްރެޓްސްއިން ހޯދި 15،453 ވޯޓުގެ ތެރޭގައި ގިނަ ވާނީ އެމްޑީޕީގެ ފިކުރުގެ ވޯޓު ކަމަށް ބެލެވެއެވެ. ނަމަވެސް އެ ވޯޓުތަކާއި ރައީސް ޞާލިހަށް ލިބިލެއްވި ޖުމުލަ ވޯޓު އެއް ކުރުމުން ވެސް މުއިއްޒަށް ވުރެން އިތުރުވަނީ 365 ވޯޓެވެ. އެހެންކަމުން އިދިކޮޅު ވަރަށް ބަދަހިކޮށް އޮތްކަން ފެނެއެވެ.
ވަންނަން ނުވާ ކަމެއްގެ ތެރެއަށް ރާއްޖެ ވަދެއްޖެ
ގައުމެއްގެ ހަމަޖެހުން ގުޅިފައި ވަނީ ހަމައެކަނި އެތެރޭގެ ސިޔާސީ ކަންކަމަކާ ނޫނެވެ. ޖިއޯ ޕްލިޓިކްސްއަކީ ވަރަށް މުހިންމު ރޯލެއް ކުޅޭ ކަމެކެވެ. އެއީ، ޖިއޯގްރަފީގެ ސަބަބުތަކާހުރެ ދައުލަތްތައް ހިންގުމާއި ބާރުތައް ބެހުމާއި އިއްތިހާދުތައް އުފެދުމާއި ޑިޕްލޮމެސީ ހިންގުމަށް އަސަރު ކުރާތީއެވެ. ޖިއޯޕޮލިޓިކްސްއިން ވިސްނަނީ ބޯޑަރުތަކާއި ގުދުރަތީ ވަސީލަތްތަކާއި އެހެން ގައުމުތަކާ ގާތްވުން ފަދަ ކަންކަމުގެ ސަބަބުން ގައުމެއްގެ ޚާރިޖީ ސިޔާސަތާއި ސްޓްރެޓެޖިކް ނިންމުންތައް ބައްޓަން ކުރެވިދާނެ ގޮތަށެވެ.
ދުނިޔޭގެ ބޮޑު ދެ ބާރު ކަމަށްވާ ޗައިނާ އާއި އިންޑިއާއިން އެއް ގައުމަށް ވުރެން އަނެއް ގައުމު ކުރިއަރައި ދިއުމަށް އުފެދިފައިވާ ޒަމާންވީ ބޮޑު ވާދައިގެ ތެރެއަށް ވަދެވޭވަރަށް ވުރެން ރާއްޖެއަކީ މާ ކުޑަ ގައުމެކެވެ. އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބެލި ނަމަވެސް އެއީ ރާއްޖެއާ އެކަށީގެންވާ ކަމެއް ނޫނެވެ. ނަމަވެސް މިހާރު މިއޮތީ އެކަމުގެ ތެރޭގައޭ ބުނުން އެއީ ދޮގަކަށް ނުވާނެއެވެ. މިކަން ދިމާވީ ވަކި ބޭފުޅަކާ ހިސާބުންނެވެ.
ބާރުތައް އެއް ކުރައްވައިގެން، އަދި ގައުމުގެ ތަރައްގީއަށް ވުރެން ވެރިކަމުގައި ގިނަ ދުވަހު ހުންނެވޭނެ ގޮތަކަށް ބައްލަވައިގެން ރައީސް މައުމޫން އަބްދުލްގައްޔޫމު ކުރެއްވި ދިގު 30 އަހަރުގެ ވެރިކަމުގައި އެންމެ ރަނގަޅަށް ތަންފީޒު ކުރި އެއް ސިޔާސަތަކީ ޚާރިޖީ ސިޔާސަތެވެ. ފަތުހުﷲ ޖަމީލް، 27 އަހަރު ޚާރިޖީ ވަޒީރުކަން ކުރެއްވިއިރު ގައުމުތަކާ ބާއްވަމުން ގެންދެވީ ވަރަށް ގާތް ގުޅުމެކެވެ. ވަކި ގައުމަކަށް ބަރޯސާ ނުވެ ގެންގުޅުއްވީ ގައުމުތަކާ ވަރަށް ހަމަހަމަ ސިޔާސަތެކެވެ. އޭގެ ސަބަބުން ރާއްޖޭގެ ދާޚިލީ ކަންކަމަކާ ބެހުމުގެ ފުރުސަތު ބޭރު ގައުމުތަކަކަށް ނޯވެއެވެ.
މައުމޫންގެ ވެރިކަން ނިމުމަކަށް ގެންނަވައި 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތީ ހިންގުމުގެ ތަޖުރިބާ އެހާ ބޮޑަށް ލިބިވަޑައިގެންފައިނުވާ ރައީސް މުޙައްމަދު ނަޝީދެވެ. ނަޝީދުގެ އެ ވެރިކަމަކީ ރާއްޖެއިން އަމަލު ކުރަމުން އައި ހަމަހަމަ ޚާރިޖީ ސިޔާސަތުގެ ނިމުމުގެ ފެށުމެވެ. ޚާއްސަކޮށް މައުމޫންގެ ވެރިކަމުގައި ހިފަހައްޓަމުން ގެންދެވި ޑިޕްލޮމެޓިކް ހަރުދަނާ އުސޫލުތައް ދޫކޮށްލެއްވިއެވެ. އިންޑިއާއަށް ނަޝީދު ވަރަށް ބޮޑަށް ބަރޯސާވިއެވެ.
ވަކި ގައުމަކާ ޖެހިގަނެގެން އުޅުމަކީ ނަޝީދުގެ ވެރިކަމާ ހަމައަށް ރާއްޖޭގައި އޮތް ސިފައެއް ނޫނެވެ. ނަމަވެސް އެ ބިރުވެރި، އަދި ނުރައްކާ އަމަލު ވެސް އެ މަނިކުފާނު ކުރެއްވިއެވެ. އެގޮތުން ޕޯޑިއަމްތަކާއި ސޯޝަލް މީޑިއާގައި ފާޅުގައި އިންޑިއާއާ ވާދަވެރި ޗައިނާއަށް ފާޑުވިދާޅުވިއެވެ. އަދިވެސް ގެންދަވަނީ ދެކޮޅު ނުޖެހޭ އެ އަމަލު ހިންގަވަމުންނެވެ.
ނަޝީދަށް ފަހު އިންތިޚާބަކުން ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެން ރައީސް އަބްދުﷲ ޔާމީންގެ ޚާރިޖީ ސިޔާސަތަކީ ވެސް ވަކިއަތަކަށް ގޮސް ހުސްވެފައިވާ ސިޔާސަތެކެވެ. އެ މަނިކުފާނުގެ ސިޔާސަތު ވަރަށް ތަފާތެވެ. ދިވެހީންގެ ޒަމާންވީ އެކުވެރިޔާ، އަދި އެންމެ އަވައްޓެރި އިންޑިއާ ދޫކުރައްވައި ޗައިނާއަށް ކަންކަމުގައި ބަރޯސާވިއެވެ. "އިންޑިއާ ފަސްޓް ޕޮލިސީ" އެ މަނިކުފާނުގެ ނަމުގައި ހެއްދެވި ނަމަވެސް އަމަލު ކުރައްވަމުން އައީ އެގޮތަކަށް ނޫނެވެ. އަދި، ގަތަރާއި ކޮމަންވެލްތާ އޮތް ޒަމާންވީ ގުޅުން ކަނޑާލެއްވުންފަދަ ދެއުޅި އެއްނުވާ އެތައް ކަމެއް ކުރެއްވިއެވެ. ވެރިކަން ނިމުނު ފަހުން ޔާމީން ވެސް ފެނިވަޑައިގަތީ ނަޝީދު ހިންގެވިމަގުން ހިންގަވާތަނެވެ. ވަކި ގައުމަކާ ޖެހިގެން މަސައްކަތް ކުރައްވާތަނެވެ.
މި ވެރިކަމަށް ބަލާއިރު ވެސް ފެންނަނީ ވަކި ގައުމަކަށް މާ ބޮޑަށް ބަރޯސާވެފައިވާ މަންޒަރެވެ. ހުރިހާ ކަމެއްގައި ކަހަލަ ގޮތަކަށް އިންޑިއާއަށް ވަނީ ވަރަށް ބޮޑަށް ބަރޯސާވެފައެވެ. އިދިކޮޅު ފަރާތްތަކުން ބޮޑެތި ތުހުމަތުތަކެއް ކުރަނީ އެހެންވެއެވެ. ނަމަވެސް އެހެން ސަރުކާރުތަކުން ފެނުނު ގޯސް އަމަލުތަކެއް މި ސަރުކާރަކުން އަދި ނުފެނެއެވެ. އެއީ ވަކި ގައުމަކާ ޖައްސާލައިގެން އުޅުމެވެ. ޔާމީންގެ ވެރިކަމުގައި ގުޅުން ކަނޑާލި ގަތަރާއި ކޮމަންވެލްތާ މި ސަރުކާރުން އަލުން ގުޅުން ބަދަހި ކުރިއެވެ. އަދި، ރާއްޖެއާއި ޗައިނާއާ ވެސް އޮތީ ގޯސް ގުޅުމެއް ނޫނެވެ. އޭގެ އިތުރުން އެތައް ގައުމަކާ އަލަށް ސިޔާސީ ގުޅުން ބަދަހިކޮށްފިއެވެ. އެ ކަންކަމުގެ ކްރެޑިޓް މި ސަރުކާރަށް ހައްގެވެ. ނަމަވެސް ވަކި ގައުމަކަށް ބަރޯސާވެފައި އޮތްއޮތުން މާ ބޮޑު ކަމަށް ފެނެއެވެ.
ރިޔާސީ އިންތިޚާބުގެ ފައިނަލަށް ދެން ނުކުންނަން ޖެހޭއިރު އެންމެ ބޮޑު ޕްރެޝަރެއް އޮތީ ސަރުކާރަށެވެ. އެޅިފައިވާ ބަދުނާމުތަކުން ސަލާމަތްވުމަށް އޮތީ ކުޑަ ދުވަސްކޮޅެކެވެ. މި ފަހަރުގެ ނަތީޖާ ސަރުކާރަށް ދަށްވި މައިގަނޑު އެއް ސަބަބަކީ އިންޑިއާ ކާޑުން ސަލާމަތް ނުވުން ކަމަށް ބެލެވެއެވެ. އެއީ، އިންތިޚާބު ކާމިޔާބު ކުރުމަށް ސަރުކާރުން ވިސްނަން ޖެހޭ ކަމެކެވެ. ފެންނަ ފެނުމުގައި ސަރުކާރާ ދެކޮޅަށް އިދިކޮޅުން ޖެހި ކާލާ މަންނައަކީ "އިންޑިއާ އައުޓް"އެވެ.