އަބަދު އިންޑިއާ، ޗައިނާ: ކީއްވެ؟

ރޭ މުޅި ރާއްޖޭގެ ނަޒަރު ހުއްޓިފައި އޮތީ ރިޔާސީ ކެންޑިޑޭޓުންގެ ބަހުސަށެވެ. އެތައް ހާސް ބަޔަކު ދިޔައީ ވަގުތުން އެ މަންޒަރުތައް ބަލައި ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ. އާއްމުކޮށް އެހެން ގައުމުތަކުގެ މިފަދަ ބަހުސްތަކުގައި މުޅިންހެން ވާހަކަ ދައްކަނީ އެ ގައުމަށް ދިމާވެފައިވާ މައްސަލަތަކާއި އެކަމުގެ ހައްލުގެ މައްޗަށެވެ. އެކަމަކު ރާއްޖޭގައި ވަރަށް ތަފާތެވެ. ރާއްޖޭގެ ވާހަކައާއެކު އަވައްޓެރި އިންޑިއާގެ ނަން ކިޔުން ވަރަށް އިތުރެވެ.

ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ވާހަކައެވެ. އެ މީހުން ރާއްޖެއިން ބާލާނެ ވާހަކައެވެ. އެއީ ގިނަ ކެންޑިޑޭޓުންގެ ރިޔާސީ ވައުދެކެވެ. އެ ހިސާބަށް ކަންކަން ގޮސްފިއެވެ. ހަމައެއާއެކު ދެން ދެކެވެނީ ލޯނު ދީގެން އެ ގައުމުންނާއި ޗައިނާއިން ރާއްޖެ ދަންތުރައެއްގައި ޖެއްސި ވާހަކައެވެ. އިންޑިއާގެ މީހުން ރާއްޖޭގެ ވިޔަފާރިތަކުގެ ކޮންޓްރޯލް ނެގި ވާހަކައެވެ. ވަކި ކެންޑިޑޭޓަކު ހޮވަން އެ ގައުމުން ހަރަދު ކުރާ ވާހަކައެވެ. ސިއްރު އޮޕަރޭޝަންތައް ރާއްޖޭގައި ހިންގާ ވާހަކައެވެ. އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަކަށް ވުރެން ކުރިއަރަން، ހާއްސަކޮށް ސަރުކާރުގެ ކުށް ދައްކަން އެންމެ ގިނައިން މި ދެކެވެނީ އިންޑިއާގެ ވާހަކައެވެ. އެއަށްފަހު ޗައިނާގެ ވާހަކައެވެ.

ބަހުސްގައި އެވާހަކަތައް ދެކެވުނުއިރު އޯޑިއަންސްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އިތުރުން އެހެން ސިޔާސީ ފިކުރުތަކުގެ އިސް ބޭފުޅުން ތިއްބެވީ ކަނުލާ އަޑުއަހާށެވެ.

މިއުޅެނީ ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ވެރިކަން ހަވާލު ކުރާނެ ބޭފުޅެއް ކަނޑައެޅުމަށެވެ. މިއީ މިނިވަން އަމިއްލަ ގައުމެކެވެ. އެއްވެސް ގައުމެއްގެ އަވަށެއް ނުވަތަ ބައެއް ނޫނެވެ. ދައްކަންވީ މި ގައުމު ކުރިއަރުވާ ވާހަކައެވެ. ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް އުފާވެރި ރާއްޖެއެއް ހޯދައިދޭނެ ގޮތުގެ ވާހަކައެވެ. ވަކި ގައުމެއްގެ ނުވަތަ ގައުމުތަކެއްގެ ނަން އަބަދު ކިޔަން މިޖެހޭ ސަބަބާ ދޭތެރޭ ފުންކޮށް ވިސްނާލަން ޖެހެއެވެ.

ގައުމެއްގެ ހަމަޖެހުން ގުޅިފައި ވަނީ ހަމައެކަނި އެތެރޭގެ ސިޔާސީ ކަންކަމަކާ ނޫނެވެ. ޖިއޯ ޕްލިޓިކްސްއަކީ ވަރަށް މުހިންމު ރޯލެއް ކުޅޭ ކަމެކެވެ. އެއީ ޖިއޯގްރަފީގެ ސަބަބުތަކާހުރެ ދައުލަތްތައް ހިންގުމާއި ބާރުތައް ބެހުމާއި އިއްތިހާދުތައް އުފެދުމާއި ޑިޕްލޮމެސީ ހިންގުމަށް އަސަރު ކުރާތީއެވެ. ޖިއޯޕޮލިޓިކްސްއިން ވިސްނަނީ ބޯޑަރުތަކާއި ގުދުރަތީ ވަސީލަތްތަކާއި އެހެން ގައުމުތަކާ ގާތްވުން ފަދަ ކަންކަމުގެ ސަބަބުން ގައުމެއްގެ ހާރިޖީ ސިޔާސަތާއި ސްޓްރެޓެޖިކް ނިންމުންތައް ބައްޓަން ކުރެވިދާނެ ގޮތަށެވެ.

ދުނިޔޭގެ ބޮޑު ދެބާރު ކަމަށްވާ ޗައިނާ އާއި އިންޑިއާއިން އެއްގައުމަށް ވުރެން އަނެއް ގައުމު ކުރިއަރައި ދިއުމަށް އުފެދިފައިވާ ޒަމާންވީ ބޮޑު ވާދައިގެ ތެރެއަށް ވަދެވޭވަރަށް ވުރެން ރާއްޖެއަކީމާ ކުޑަ ގައުމެކެވެ. އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބެލިނަމަވެސް އެއީ ރާއްޖެއާ އެކަށީގެންވާ ކަމެއް ނޫނެވެ. ނަމަވެސް މިހާރު މިއޮތީ އެކަމުގެ ތެރޭގައޭ ބުނުން އެއީ ދޮގަކަށް ނުވާނެއެވެ. މިކަން ދިމާވީ ވަކި ބޭފުޅަކާ ހިސާބުންނެވެ.

"ނޭވާ ހޮޅިއަށް" ނަމުގައި އިދިކޮޅުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހާރިޖީ ސިޔާސަތު ނީލަން ކިޔުއްވީ ނަޝީދާ ހަމައިން؟

ބާރުތައް އެއްކުރައްވައިގެން، އަދި ގައުމުގެ ތަރައްގީއަށް ވުރެން ވެރިކަމުގައި ގިނަ ދުވަހު ހުންނެވޭނެ ގޮތަކަށް ބައްލަވައިގެން ރައީސް މައުމޫން އަބްދުލްގައްޔޫމު ކުރެއްވި ދިގު 30 އަހަރުގެ ވެރިކަމުގައި އެންމެ ރަނގަޅަށް ތަންފީޒުކުރި އެއް ސިޔާސަތަކީ ހާރިޖީ ސިޔާސަތެވެ. ފަތުހުﷲ ޖަމީލް، 27 އަހަރު ހާރިޖީ ވަޒީރުކަން ކުރެއްވިއިރު ގައުމުތަކާ ބާއްވަމުން ގެންދެވީ ވަރަށް ގާތް ގުޅުމެކެވެ. ވަކި ގައުމަކަށް ބަރޯސާ ނުވެ ގެންގުޅުއްވީ ގައުމުތަކާ ވަރަށް ހަމަހަމަ ސިޔާސަތެކެވެ. އޭގެ ސަބަބުން ރާއްޖޭގެ ދާހިލީ ކަންކަމަކާ ބެހުމުގެ ފުރުސަތު ބޭރު ގައުމުތަކަކަށް ނޯވެއެވެ. އޭގެ ބަދަލުގައި އެތައް ގައުމަކުން އެތައް މިލިއަން ޑޮލަރެއްގެ އެހީތައް ރާއްޖޭގެ ތަރައްގީއަށް ދިނެވެ. މައުމޫނުގެ އެ ދިގު 30 އަހަރުގެ ވެރިކަން ނިމުމާހަމައަށް ކަންކަން ކުރައްވަމުން ގެންދެވީ އެ ރަނގަޅު އުސޫލުގެ މަތިންނެވެ.

މައުމޫންގެ ވެރިކަން ނިމުމަކަށް ގެންނަވައި 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތީ ހިންގުމުގެ ތަޖުރިބާ އެހާ ބޮޑަށް ލިބިވަޑައިގެންފައި ނުވާ ރައީސް މުޙައްމަދު ނަޝީދެވެ. އެހާތަނަށް އެމަނިކުފާނުގެ މުޅި ހަޔާތް ހޭދަކުރައްވަމުން ގެންދެވީ ސިޔާސީ އެކްޓްވިސްޓެއްގެ ގޮތުގައި މަގުމައްޗާއި ޖަލުގައެވެ. ނަޝީދުގެ އެ ވެރިކަމަކީ ރާއްޖެއިން އަމަލު ކުރަމުން އައި ހަމަހަމަ ހާރިޖީ ސިޔާސަތުގެ ނިމުމުގެ ފެށުމެވެ. ޚާއްސަކޮށް މައުމޫންގެ ވެރިކަމުގައި ހިފަހައްޓަމުން ގެންދެވި ޑިޕްލޮމެޓިކް ހަރުދަނާ އުސޫލުތައް ދޫކޮށްލެއްވިއެވެ. އިންޑިއާއަށް ނަޝީދު ވަރަށް ބޮޑަށް ބަރޯސާވިއެވެ.

ރައީސް ޔާމީނާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދެކަނބަލުން --- ފޮޓޯ: ޒިންހުއާ ނިއުސް

"އޭރު ހުންނެވި ސަފީރަކު އަޅުގަނޑުމެން ކައިރި ވިދާޅުވި މައުމޫންގެ އެޕޮއިންޓްމަންޓެއް ހޯދަން ވެސް އެތައް ދުވަހަކު މަސައްކަތް ކުރަން ޖެހޭ ކަމަށް. ހަމަ ހުރެލާފައި ގޮސް ބައްދަލު ނުވާ ކަމަށް. އެކަމަކު ނަޝީދު ވެރިކަމަށް ވަޑައިގެން އެމަނިކުފާން އިސްވެ ފޯނުން ގުޅުއްވުމަށް ފަހު ގެއަށް ވެސް ވަޑައިގަންނަވަނީ ކަމަށް. އެ ހިސާބަށް ކަންކަން ދިޔައީ ކަމަށް،" ރާއްޖޭގެ ތަޖުރިބާކާރު ނޫސްވެރިއަކު ބޭރުގެ ސަފީރަކާ ހަވާލާދެއްވައި އޭރުގެ ހާލަތު ކިޔައިދެއްވިއެވެ.

ވަކި ގައުމަކާ ޖެހިގަނެގެން އުޅުމަކީ ނަޝީދުގެ ވެރިކަމާ ހަމައަށް ރާއްޖޭގައި އޮތް ސިފައެއް ނޫނެވެ. ނަމަވެސް އެ ބިރުވެރި، އަދި ނުރައްކާ އަމަލު ވެސް އެމަނިކުފާން ކުރެއްވިއެވެ. އެގޮތުން ޕޯޑިއަމްތަކާއި ސޯޝަލް މީޑިއާގައި ފާޅުގައި އިންޑިއާއާ ވާދަވެރި ޗައިނާއަށް ފާޑުވިދާޅުވިއެވެ. އަދިވެސް ގެންދަވަނީ ދެކޮޅު ނުޖެހޭ އެ އަމަލު ހިންގަވަމުންނެވެ.

ނަޝީދަށް ފަހު އިންތިޚާބަކުން ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެން ރައީސް އަބްދުﷲ ޔާމީންގެ ހާރިޖީ ސިޔާސަތަކީ ވެސް ވަކިއަތަކަށް ގޮސް ހުސްވެފައިވާ ސިޔާސަތެކެވެ. އެމަނިކުފާންގެ ސިޔާސަތު ވަރަށް ތަފާތެވެ. ދިވެހީންގެ ޒަމާންވީ އެކުވެރިޔާ، އަދި އެންމެ އަވައްޓެރި އިންޑިއާ ދޫކުރައްވައި ޗައިނާއަށް ކަންކަމުގައި ބަރޯސާވިއެވެ. "އިންޑިއާ ފަސްޓް ޕޮލިސީ" އެމަނިކުފާންގެ ނަމުގައި ހެއްދެވި ނަމަވެސް އަމަލު ކުރައްވަމުން އައީ އެގޮތަކަށް ނޫނެވެ. އަދި ގަތަރާއި ކޮމަންވެލްތާ އޮތް ޒަމާންވީ ގުޅުން ކަނޑާލެއްވުންފަދަ ދެއުޅިއެއްނުވާ އެތައް ކަމެއް ކުރެއްވިއެވެ. ވެރިކަން ނިމުނު ފަހުން ޔާމީން ވެސް ފެނިވަޑައިގަތީ ނަޝީދު ހިންގެވިމަގުން ހިންގަވާތަނެވެ. ވަކި ގައުމަކާ ޖެހިގެން މަސައްކަތް ކުރައްވާތަނެވެ.

މިވެރިކަމަށް ބަލާއިރު ވެސް ފެންނަނީ ވަކި ގައުމަކަށް މާބޮޑަށް ބަރޯސާވެފައިވާ މަންޒަރެވެ. ހުރިހާ ކަމެއްގައި ކަހަލަ ގޮތަކަށް އިންޑިއާއަށް ވަނީ ވަރަށް ބޮޑަށް ބަރޯސާވެފައެވެ. އިދިކޮޅު ފަރާތްތަކުން ބޮޑެތި ތުހުމަތުތަކެއް ކުރަނީ އެހެންވެއެވެ. ނަމަވެސް އެހެން ސަރުކާރުތަކުން ފެނުނު ގޯސް އަމަލުތަކެއް މިސަރުކާރަކުން އަދި ނުފެނެއެވެ. އެއީ ވަކި ގައުމަކާ ޖައްސާލައިގެން އުޅުމެވެ. ޔާމީންގެ ވެރިކަމުގައި ގުޅުން ކަނޑާލި ގަތަރާއި ކޮމަންވެލްތާ މި ސަރުކާރުން އަލުން ގުޅުން ބަދަހި ކުރިއެވެ. އަދި ރާއްޖެއާއި ޗައިނާއާ ވެސް އޮތީ ގޯސްގުޅުމެއް ނޫނެވެ. އޭގެ އިތުރުން އެތައް ގައުމަކާ އަލަށް ސިޔާސީ ގުޅުން ބަދަހިކޮށްފިއެވެ. އެކަންކަމުގެ ކްރެޑިޓް މި ސަރުކާރަށް ހައްގެވެ. ނަމަވެސް ވަކި ގައުމަކަށް ބަރޯސާވެފައި އޮތްއޮތުން މާބޮޑު ކަމަށް ފެނެއެވެ.

ޖޫން 8، 2019: ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅު ތަކާއި ދެޤައުމުގެ ދެމެދުގައި އެއްބަސްވުންތައް ބަދަލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ތިލަފަތް ހަމަހަމަ ކުރަން ޖެހޭ!

ގައުމަކާ އެކަށީގެން ނުވާ ކަންކަމުގެ ތެރެއަށް ވަދެ އުޅުމަކީ ހުރިހާ ގޮތަކުން ބެލިނަމަވެސް ވަރަށް ނުރައްކާތެރި ކަމެކެވެ. ކުރިއަށް ރިޔާސީ އިންތިޚާބެއް އޮތްއިރު ދިވެހި ރައްޔިތުންގެ ތެރޭގައި ނަފުރަތާއި ރުޅި އިސްކޮށް ވަކި ގައުމުތަކެއްގެ ނުފޫޒުގެ ވާހަކަ މިދެކެވެނީ މާ ބޮޑަށެވެ. ރާއްޖޭގެ ދާހިލީ ކަންކަމާ ވަކި ގައުމުތަކަކުން ބެހޭ ކަމަށް ބުނެ ދެކެވޭ އަޑު މާގަދައެވެ. މިނިވަން ގައުމެއްގެ ރައްޔިތުން ވިސްނަން ނުޖެހޭ ވަރަށް އެ އަޑު ގަދަވެއްޖެއެވެ. މިކަން ދިމާވާނީ ރައީސް ނަޝީދާ ހަމައިންނެވެ.

ރާއްޖޭގެ ހަމަޖެހުމަށްޓަކައި މިކަން ނިމުމަކަށް ގެންނަން ޖެހެއެވެ. ދެން އެކަން ވާނީ ހަރުދަނާ އަދި ދުރުރާސްތާ އުސޫލުތަކެއްގެ ތެރެއިންނެވެ.

ޖިއޯ ޕޮލިޓިކްސް ދިރާސާ ކުރައްވާ، ރާއްޖޭގެ ދިފާއީ ބާރެއްގައި މަސައްކަތް ކުރައްވާ އިސް އޮފިޝަލަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިގޮތުގައި ރާއްޖެ ފަދަ ކުޑަ ގައުމަކަށް މިއަދުގެ ދުނިޔޭގެ ސިޔާސީ މަޝްރަހުގައި ހަމަޖެހިގެން ތިބުމަށް އެންމެ މުހިންމު، އަދި ރައްކާތެރި ގޮތަކީ ހަމަހަމަ ހާރިޖީ ސިޔާސަތެއް ގެންގުޅުމެވެ.

"އިންވެސްޓް ކުރަން ވެސް ފުރުސަތު ދޭންވީ ހުރިހާ ގައުމަކަށް ވެސް. އޭރުން ހުރިހާ ގައުމެއްގެ މަސްލަހަތު ރާއްޖޭގައި އޮންނާނެ. އިންވެސްޓްމަންޓުތައް ހިމާޔަތް ކުރުމުގެ ބޭނުމުގައި ވެސް ހުރިހާ ގައުމެއް ރާއްޖެއާ ގުޅޭނެ،" ދިފާއީ ބާރެއްގައި މަސައްކަތް ކުރައްވާތާ 20 އަހަރަށް ވުރެން ގިނަ ދުވަސްވެފައިވާ އެ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވެސް ވިދާޅުވިގޮތުގައި ރައީސް ނަޝީދު ޗައިނާއާ ދެކޮޅަށް ވާހަކަ ދެއްކެވުމާއި ރައީސް ޔާމީން އިންޑިއާއާ ދެކޮޅަށް ވާހަކަ ދެއްކެވުން ފަދަ ކަންކަމަކީ ދިވެހި ވެރީން ކޮށްގެން ވާނެ ކަންކަމެއް ނޫނެވެ. ސަބަބަކީ އެ ގައުމުތަކަކީ ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެއަށް ފިއްތުންތައް ކުރިމަތި ކުރެވޭހާ ބާރުގަދަ ގައުމުތައް ކަމަށް ވުމެވެ.

އިގުތިސާދީ ގޮތުން ވަކި ގައުމަކަށް ބަރޯސާ ވުމުން އަޅުވެތިކަމުގެ އިހުސާސް މީގެ ކުރިން ވެސް ދިވެހީން ވަނީ ކުރަން ޖެހިފައެވެ. ވަކި ބަޔަކަށް އިގްތިސާދީ ދާއިރާގެ ކޮންޓުރޯލް ދިނުމުންކަންވާ ގޮތުގެ މިސާލަކީ 1857 ވަނަ އަހަރު ހުޅަނގު އުތުރު އިންޑިއާއިން ރާއްޖެއައި ވޯރާ ވިޔަފާރިވެރިންގެ ހާދިސާ އެވެ. އެ މީހުންނަށް ރާއްޖޭގައި ވިޔަފާރިކުރަން ތިބުމުގެ ހުއްދަ ދިނުމާއެކު ދިވެހިންގެ ވިޔަފާރި ހުއްޓުވައި ރާއްޖޭގެ ވިޔަފާރީގެ ކޮންޓުރޯލް އެ މީހުން ނެގިއެވެ. ނަތީޖާއަކަށްވީ ދިވެހިންގެ ކަންކަމަށް އެމީހުން ބަސް ކިޔުމެވެ.

"ޖިއޯޕޮލިޓިކްސް"ގެ ތެރެއިން ދުނިޔޭގެ ބާރުވެރިކަން ހޯދުމަށް އެއްގައުމުން އަނެއް ގައުމަށް ފޮނުވާ ނުފޫޒަކީ ހިނގަމުން އަންނަ ކަންކަމެވެ. ލެޓިން އެމެރިކާގެ ގައުމުތަކަށް އެމެރިކާގެ ނުފޫޒުގެ ސަބަބުން ކުރިއަރައި ނުދެވިވާ ސަބަބު އެއީ އޭގެ އެއް މިސާލެވެ. އެމެރިކާ އިން ބޭނުންހާ އެއްޗެއް ހަދަން ގެންގުޅޭ ކުޅިބަޔަކަށް އެގައުމުތައް ހަދާނެ ކަމަށް އެމެރިކާގެ ވެރިން ދިޔައީ އަދި ދަނީ ބުނަމުންނެވެ.

ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް އެހެން ގައުމުތަކުގެ ނުފޫޒު ވަނުން ހުއްޓުވޭނީ ހަމަހަމަ ހާރިޖީ ސިޔާސަތެއް ގެނެސްގެންނެވެ. ހުރިހާ ގައުމަކާ އެކުވެރި ސިޔާސަތެއް ތަންފީޒުކޮށްގެންނެވެ. ދިވެހީންގެ ތެރޭގައި ކަންބޮޑުވުމާއެކު މިވާހަކަތައް ދައްކަންޖެހޭ ޖެހުން ނިމުމަކަށް ގެންނަން ޖެހެއެވެ. އަބަދު ވަކި ގައުމުތަކެއްގެ ނަން މިހާރު ކިޔަން ޖެހިފައި މިވަނީ ބިރުގަންނަ މިންވަރަކަށެވެ.

comment ކޮމެންޓް