ވެރިން ބަދަލު ކޮށްކޮށް ގޮތް ހުސްވެއްޖެ!

ގްރެފިކްސް - ބީހޭންޑްސް

ސަރުކާރުގެ ބޮޑު ކުންފުންޏެއްގެ ކުރީގެ މެނޭޖިން ޑިރެކްޓަރަކާ އެކު ދެކެވުނު ވާހަކައެކެވެ. ހުޅުމާލޭ ސެކައުންޑް ފޭސްގައި ހުރި ކެފޭއެއްގައި އަޅުގަނޑާއި އޭނާ ވާހަކަ ދައްކަމުން ދިޔައީ ގައުމުގެ ހާލަތާއި ދެން ވާން ޖެހޭ ގޮތާ މެދުގައެވެ. ނިސްބަތުން ރަނގަޅު އާމްދަނީއެއް ގައުމަށް ލިބޭއިރު މި ވަރުގެ ކުޑަ އާބާދީއެއް ތަރައްގީ ނުކުރެވިގެން މިއުޅެނީ ކީއްވެތޯއެވެ. ލައްކަ ސުވާލު ކުރީމެވެ. އޭނާ ދެއްވީ ސާފު އެންމެ ޖަވާބެކެވެ. ސިޔާސީ މީހުންގެ އިހުލާސްތެރިކަމެއް ނެތީއެވެ.

ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ރިސޯޓުތައް މި ރާއްޖޭގައި އެބަ ހިންގައެވެ. ރާއްޖޭގެ އާބާދީއަށް ވުރެން އެތައް ގުނައެއް އިތުރަށް ކޮންމެ އަހަރަކު ފަތުރުވެރިން މި ގައުމަށް އައިސް އެތައް މިލިއަން ޑޮލަރެއް އެބަ ހޭދަ ކުރެއެވެ. އެކަމަކު ދިވެހީންނަށް ހަމަ އަގުގައި ޑޮލަރެއް ނުލިބޭތާ ބޯހިޔާވަހިކަމެއް އަދި އަސާސީ ހިދުމަތްތައް ފުރިހަމައަކަށް ނުލިބެއެވެ. ދިރިއުޅުމުގެ ހަރަދުތައް ދެކޮޅު ނުޖެހިގެން މީހުން ހަފުސް ވަނީއެވެ. ސިޔާސީ މީހުންނަށް މި ކުޑަ އާބާދީއަށް އެ ހިދުމަތް ނުދެވުނެވެ. ހަމަ އިހުލާސްތެރި ކަމެއް ނެތީތީއެވެ.

ރައީސް މުޙައްމަދު ނަޝީދާއި ރައީސް މައުމޫން-- ފޮޓޯ:ވީނިއުސް

ރައްޔިތުން ގާތު ސިޔާސީ މީހުން އެދުނުހާ ކަމެއް ރައްޔިތުން ކޮށްދީފިއެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރަމުން އަންނަނީ އަނިޔާވެރި، ހުދުމުހުތާރު ވެރިކަމެއް، ކަމަށް ވިދާޅުވުމުން އެ ވެރިކަން ބަދަލުކޮށްދީފިއެވެ. ރައީސް މުޙައްމަދު ނަޝީދަކީ ގައިރުގާނޫނީ އަމުރު ކުރައްވާ، އަދި އެއްވެސް ވިޝަންއެއް ނެތް ބޭފުޅެއް ކަމަށް ވިދާޅުވުމުން އެ ވެރިކަން ވެސް ބަދަލު ކޮށްދިނެވެ. ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކަކީ ވަފާތެރިކަމެއް ނެތް، ބަގާވާތް ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވީމާ އެ ވެރިކަން ވެސް ބަދަލު ކޮށްދީފިއެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަނިޔާވެރިކަމާއި ކޮރަޕްޝަނުން ގައުމު ސަލާމަތް ކޮށްދޭށޭ އެ ސިޔާސީ ބޭފުޅުން އެ ދުމުން އެ ވެރިކަން ވެސް ބަދަލު ކޮށްދީފިއެވެ. މިހާރު އަނެއްކާ ވެސް މި އެދެނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ބަދަލު ކޮށްދިނުމަށެވެ. ވަކި ގައުމަކަށް އަޅުވެތިވެ ވެރިކަން ކުރައްވާތީ ކަމަށް ވިދާޅުވެއެވެ.

ރައްޔިތުން ފޫގަޅައިގެން ނުކުމެވީ އަނެއްކާ ވެސް މި ވެރިކަން ބަދަލު ކުރަންތޯއެވެ؟ ކޮންމެ ބޭފުޅަކު ވެރިކަމަށް ވަޑައިގަންނަވަން އެ ދައްކަވާ ވާހަކަތައް ކޮބާތޯއެވެ؟ ވިދާޅުވިހާ ކަމެއް ރައްޔިތުން ކޮށްދޭއިރު ސިޔާސީ ބޭފުޅުންގެ ޒިންމާ ކޮބާތޯއެވެ؟ ހުރިހާ ވެރިކަމެއްގައި ވެސް ވެރިކަން ދިނުމުން ދެން ވިދާޅުވަނީ މަޖިލީސް ވެސް ދިނުމަށެވެ. އެ ބާރު ދިނުމުން ދެން އެ ދެނީ އެހެން ބާރަކަށެވެ. ނޫނީ އެހެން ދައުރަކަށެވެ. ހުރިހާ ކަމެއް ރައްޔިތުން ކޮށްދެއެވެ. ނަމަވެސް އަންނަން ޖެހޭ ހެޔޮ ބަދަލު ގާތަކަށް ވެސް ނާދެއެވެ.

އަވަށްޓެރި ގައުމުތަކާއި ރާއްޖެ ފަދަ އެހެން ގައުމުތައް ކުރިއަރައިގެން އެދަނީ ހަލުވި ދުވެލީގައެވެ. ބައެއް ގައުމުތަކުން ހަނދަށް ދަނީއެވެ. އަނެއްބައި ގައުމުތަކުން ބޮޑެތި އީޖާދުތައް ކުރަނީއެވެ. ފައިސާ ހޯދާނެ އިތުރު ގޮތްތައް ހޯދައި އާމްދަނީ ދެގުނަ ކުރަނީއެވެ. އަޅުގަނޑުމެން މި އުޅެނީ އަދި އަސާސީ ހިދުމަތްތައް ނުދެވިގެންނެވެ. ބޮޑު ގައުމެއްގެ ސިޓީއެއްގެ ބްލޮކެއްގައި އުޅޭ މީހުންނަށް ވުރެން މި ގައުމުގެ އާބާދީ ކުޑައިރު މި އެންމެންނަށް ބޯހިޔާވަހިކަން ދޭން ސަރުކާރުތަކުން މިވަނީ ނުކުޅެދިފައެވެ. ކޮންމެ އަހަރެއްގެ ބަޖެޓުގައި ބޮޑީ ދަރަންޏެވެ.

ސިންގަޕޫރުގެ ތަރައްގީގެ ބާނީ ލީ ކުއާން ޔޫ އާއި މިއަހަރު ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން-- ސަން ގްރެފިކްސް: އިބްރާހީމް ފަހީމް

ކޮންމެ އިންތިޚާބަކާ ގާތްވުމުން ރައްޔިތުންނާއި ގައުމު ދެކެ މާ ލޯބިވާ ބަޔަކަށް ވެގެން ސިޔާސީ ބޭފުޅުން މެނިފެސްޓޯތައް ހުށަހެޅި ނަމަވެސް އެ ކަންކަން ގަބޫލުކުރަން ހަގީގަތުގައި ވެސް ވަރަށް އުނދަގުލެވެ. ވިދާޅުވާ އެއްޗަކާއި އަމަލާ ދިމާނުވާތީއެވެ.

ރައްޔިތުންނަށް ކަމެއް ކޮށްދޭންވީމައި އަބަދު ވެސް ގައުމު ވެފައި އޮންނަނީ ވަސީލަތް މަދު ގައުމަކަށެވެ. އެކަމަކު، ސިޔާސީ ބޭފުޅުން އެ މަދު ވަސީލަތް ބޭނުން ކޮށްގެން މަހުޖަނުންނަށްވެ ނިމިއްޖެއެވެ. ރައީސް މައުމޫންގެ ވެރިކަމުން ފެށިގެން މިއަދާ ހަމައަށް ބަލަމާތޯއެވެ. ސިޔާސީ ގިނަ ބޭބޭފުޅުންގެ ގެތައް އުސްވެފައި ހުރީ ބިލެއް އުނި އަރާ އުސޫލުންނެވެ. ދައުރެއް ނިމޭއިރު އޭރެއްގެ ސަރުކާރަށް ނިސްބަތްވާ ސިޔާސީ ބޭފުޅުންގެ ކުންފުނިތަކަށް ދައުލަތް އޮންނަނީ ދަރާފައެވެ. ރަށާއި ފަޅާއި ގިރިތައް އޮންނަނީ ބަހާ ހުސްވެފައެވެ. މުއްސަނދިވެ އަރާމު ދިރިއުޅުމެއް ލިބެނީ މަދު ސިޔާސީ މީހުންނަށެވެ. އާއްމު ރައްޔިތުންނަށް އަދި ގައުމަށް ލިބޭ މާ ބޮޑު އެއްޗެއް ނޯވެއެވެ. ހެޔޮ ބަދަލެއް ނާންނަ ވާހަކައެއް ނޫނެވެ. އެކަމަކު، އަންނަން ޖެހޭ ބަދަލު ގާތަށް ވެސް ނާންނަ ވާހަކައެވެ.

ރިޔާސީ އިންތިޚާބެއް ކުރިއަށް އޮތްއިރު ސިޔާސީ ބޭފުޅުންގެ އަރިހުން އާދޭހާ އެކު އެދެން އޮތީ އެންމެ ކަމަކަށެވެ. އިހުލާސްތެރި ވުމަށެވެ. ސިންގަޕޫރު ތަރައްގީވީ ރާއްޖެ ފަދަ ގައުމެއްގެ ގޮތުގައި އޮވެއެވެ. ރާއްޖެއަށް ނުލިބި އެ ގައުމަށް ލިބުނު ނަސީބަކީ އިހުލާސްތެރި ވެރިއެކެވެ. އިހުލާސްތެރިކަމެއް ހުރެއްޖެނަމަ މި ކުޑަކުޑަ ރާއްޖެ އެހެން ހަރުފަތަކަށް ގެންދިއުމަކީ ކުރެވޭނެ ކަމެކެވެ. ބޭނުން ވަނީ ރަނގަޅު ޕްލޭނަކާއި ސާފު ހިތެކެވެ.

ހަމައެކަނި ޓޫރިޒަމަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެންނަން އެބަޖެހެއެވެ. ޓޫރިޒަމް ވެސް ފުޅާ ކުރުމާ އެކު އިގްތިސާދު ޑައިވާސިފައި ކުރަން އެބަޖެހެއެވެ. ރާއްޖެ މިއޮތް ލޮކޭޝަންގެ ފައިދާ ނަގައި މެރިޓައިމް ދާއިރާއަށް ވަދެ، އޭގެން ބޮޑު ނަފާ ހޯދެން އޮތްއިރު އެކަން ކުރަން އެބަޖެހެއެވެ. ރާއްޖޭގެ 99 ޕަސެންޓަކީ މޫދު ކަމަށްވާއިރު ކަނޑާއި ފަޅުން ފައިދާ ހޯދަން ޖެހެއެވެ. ސީފުޑް އުފައްދައި އެކްސްޕޯޓް ކުރާ ގައުމަކަށް ވާންވީއެވެ. ކާށި ހޮވަން ފަޅު ރަށްތައް ނުބަހައްޓައި އިންޑަސްޓްރިއަލް މަސައްކަތްތައް ކުރަންވީއެވެ. ބާނާ މަސްކޮޅު ރޯ މަހުގެ ގޮތުގައި އެކްސްޕޯޓްކޮށް ލިބޭ ކުޑަ އާމްދަނީއަށް ބަރޯސާނުވެ ވެލިއު އެޑްކޮށްގެން އެކްސްޕޯޓް ކުރަންވީއެވެ. މިއީ، އާމްދަނީ އިތުރު ކުރެވޭނެ ގޮތްގޮތެވެ.

އެކަން ވީމާއި ރައްޔިތުންގެ ދިރިއުޅުން ބަދަލު ކޮށްދޭންވީއެވެ. ދިރިއުޅެން ފަސޭހަ ގައުމަކަށް ރާއްޖެ ބަދަލު ކޮށްދޭންވީއެވެ. ހަތަރު ލައްކަ ހަމަނުވާ ގައުމެއްގައި ބޯހިޔާވަހިކަން ނުދެވިގެން އުޅޭ ވާހަކަ އެހެން ގައުމެއްގެ މީހަކަށް އަޑު އިވިއްޖެނަމަ ހިނި ވެސް އަންނާނެއެވެ. އެ މީހުންގެ އަވަށްޓެރިންގެ އަދަދު ވެސް މި ގައުމުގެ އާބާދީއަށް ވުރެން ބޮޑުވާނެތީއެވެ. ކަންކަމާ ވިސްނާއި އީޖާދު ކުރެވޭނެ ސިކުނޑިތައް އުފެއްދުމަށް އިންވެސްޓް ކުރަންވީއެވެ. ޓިކްޓޮކުގެ ނެށުންތަކަށް ވުރެން ގިނައިން ފޮތް ކިޔަން ވަގުތު ހޭދަ ކުރާ ޖީލެއް އުފައްދަންވީއެވެ. ކުށް ކުރުމަށްވުރެން އަމިއްލަ ކުރިއެރުމަށް މަސައްކަތް ކުރާ ރައްޔިތުން އުފައްދަންވީއެވެ. މި ކަންކަމަކީ އިހުލާސްތެރި ކަމެއް ހުރެއްޖެނަމަ ކުރެވޭނެ ކަންކަމެވެ.

އެއް ވެރިކަމަށް ފަހު އަނެއް ވެރިކަން ބަދަލުކޮށް ދޭން ސިޔާސީ ބޭފުޅުން އެދުނީމައި ރައްޔިތުން އެކަން ކޮށްދީފިއެވެ. އެކަމަކު، ނަތީޖާއެއް ނުފެއެވެ. މުއްސަނދިވެ، ތަނަވަސް ވަނީ ސިޔާސީ މީހުން އެކަންޏެވެ. ގައުމަށް އަންނަން ޖެހޭ ހެޔޮ ބަދަލެއް ނާދެއެވެ. މިއީ އެއްގޮތަކަށް ވެސް ދިވެހިންނަށް ހައްގު ދިރިއުޅުމެއް ނޫނެވެ. މައްސަލަ ވަރަށް ސާފެވެ. ހައްލު އަދި މާ ސާފެވެ. ހާލަތު ބަދަލު ކުރެވޭނީ އިހުލާސްތެރި، ވިޝަނަރީ ލީޑަރަކަށެވެ.

comment ކޮމެންޓް