އިންތިޚާބާ ޖެހުނީމައި ލޯބި އުތުރި އަރަނީ!

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ހެނދުނު އުޅުއްވީ ރޯނު ވަށަން، ލީލި އެޅުމުގައެވެ. ދި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް އުޅުއްވީ ރިހާކުރު ކެއްކުމުގައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް، ތުއްތު ކުދިން އުރުމާއި ސެލްފީ ނެންގެވުމުގައެވެ. ކާނަލް މުޙައްމަދު ނާޒިމް ދުވަސްވީ މީހުންގެ ކަންކަން ބެއްލެވުމުގައެވެ. ގާސިމް އިބްރާހީމް، މީހުންނަށް ދެއްވާފައިވާ ލޯނުތައް މައާފު ކުރެއްވުމުގައެވެ. މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. ހުރިހާ ކެންޑިޑޭޓުން ވެސް ސީދާ ނުކުމެ އެ އުޅުއްވަނީ ރައްޔިތުންނަށް އެހީވުމުގައެވެ.

ސޯޝަލް މީޑިއާއަށް ވަނުމާ އެކު ފެންނަނީ އެފަދަ މަންޒަރެކެވެ. ސިޔާސީ ގޮތުންނާއި މާލީ ގޮތުން ތަނަވަސް ބޭބޭފުޅުން ގޭގެއަށް ވަޑައިގެން އުޅުއްވާ ތަނެވެ. ފެންވަރައިގެން ފާހާނާއިން ނުކުންނައިރު ހެނދުން ހިފައިގެން ކޮޓަރީގައި އެބަހުރެއެވެ. ކައިގެން އަތް ނުދޮވެނީސް ސަލާމް އެބަ ކުރެއެވެ. ސައި ހޮޓަލެއްގައި ވެސް އިނދެވޭކަށް ނެތެވެ. ކެންޑިޑޭޓުން ވަޑައިގެން ސަލާމް ކުރައްވާ ފޮޓޯ ނަގާވަރުންނެވެ. ކޮންމެ ފަދަ މަސައްކަތެއް ކުރަން ހުއްޓަސް އައިސް އެ ކަމެއްގައި އެބަ ބައިވެރިވެއެވެ. ކިހިނެއް ކުރާ ކަމެއްތޯ އެތައް ސުވާލެއް ކުރެއެވެ. ގޭގެއަށް ވަޑައިގެން ކުދިންނަށް ކިޔަވައިދޭން އެބަ އުޅުއްވައެވެ.

ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް ކެމްޕެއިންގައި-- ފޮޓޯ: ޑިމޮކްރެޓްސް

ބައެއް ކެންޑިޑޭޓުން ކުދިން އުރާލައި ދޮންދީ ހަދާއިރު ހީވަނީ އެތައް އަހަރަކު ބޯޓު ދަތުރު ކުރަން ރާއްޖޭން ބޭރުގައި އުޅެފައި ރާއްޖެ އައުމުން ދަރިފުޅު ފެނިގެން އުޅޭހެންނެވެ. ދުވަސްވީ މީހުން ގައިގައި ސިޔާސީ މީހުން ފިރުމާއިރު އެއީ އެތައް އަހަރެއް ފަހުން ބައްދަލުވި، އެ ބޭފުޅާގެ މަންމަ ނުވަތަ ބައްޕަ ނޫންހެން ހަމަ ހީވެސް ނުވެއެވެ. އެހާ ވެސް ލޯތްބާއި އަޅާލުމާ އެކުއެވެ.

މިއީ ހަމަ ކޮންމެ އިންތިޚާބަކާ ޖެހުނީމަ ވެސް ކަންވާގޮތެވެ. ފިނި ކޮޓަރިތަކުން ނުކުމެ، ފަންކާގެ ފިނި އެކަނި ލިބޭ ކޮޓަރިތަކަށް އެ ބޭފުޅުން ވަދެއެވެ. އެނބުރޭ ގޮނޑިތަކުން ތެދުވެ، އާދައިގެ ގޮނޑިތަކުގައި އިށީނދެވެއެވެ. އަގު ބޮޑު ކެއުންތައް ފަރިއްކުޅުވާ ބޭބޭފުޅުން ސައި ހޮޓާތަކަށް އެރުން ގިނަވެއެވެ. ހަމަ ކުއްލިއަކަށް ހޮޓާތަކުގެ ކެއުންތައް މީރުވަނީއެވެ. ހިތްތިރީއެވެ. އޯގާތެރީއެވެ. އާދައިގެ ދިރިއުޅުމަށް ލޯބި ކުރަނީއެވެ. ހަމަ ކުއްލިއަކަށެވެ.

ދިވެހީންގެ ތެރޭގައި ސިޔާސީ މީހުން މަޝްހޫރު ވެފައި އޮންނަނީ އެ ބޭފުޅުން ބޭނުންވާ ކަމެއް ކުރުމަށް ކޮންމެ ފަދަ ކަމެއް ވެސް ކުރާ ބައެއްގެ ގޮތުގައެވެ. ކޮންމެ ފަދަ ދޮގެއް ވެސް ހަދަން ޖެހުލިން ނުވާ ބައެއްގެ ގޮތުގައެވެ. އެ ބޭފުޅުން އެއަށް ދޮގު ހެދުމެކޭ ނުކިޔައެވެ. ވިދާޅުވަނީ ސިޔާސީ ގޮތުން ދެއްކި ވާހަކައެއް ކަމެވެ.

ރިޔާސީ އިންތިޚާބަށް މަހަކަށް ވުރެން ކުޑަތަން ވެފައިވާއިރު އެ މަންޒަރު ރާއްޖޭން ވަރަށް ބޮޑަށް އެބަ ފެނެއެވެ. ރައްޔިތުން ދެކެ އިންތިހާއަށް ލޯބިވާން ފަށައިފިއެވެ. ނުފުއްދޭހާ ނަދުރު ބުނަން ފަށައިފިއެވެ. ވައުދުތައް ފުނިޖެހިއްޖެއެވެ.

ރައްޔިތުން މިކަމަށް ހޭލަން ވެއްޖެއެވެ. މި ދައްކާ އަވާމެންދުރަށް ނުހެއްލެން ވެއްޖެއެވެ. ދުނިޔޭގެ ތަރައްގީ ވެފައިވާ ގައުމުތަކަށް ބަލާއިރު ވޯޓު ބޭނުންވީމައި ހިތްތިރި ބަޔަކަށް ވެގެން އައުމަކީ އެ ގައުމުތަކުގެ ރައްޔިތުން ބަލައިގަންނަ ކަމެއް ނޫނެވެ. ކުރިން ނޫޅޭ ގޮތަކަށް ކުއްލިއަކަށް އުޅޭތީ އެއީ އަމިއްލަ އެދުމުން ފުރިގެންވާ އަމަލެއްކަން ރައްޔިތުން ގަބޫލު ކުރަން ޖެހެއެވެ. އެހެންކަމުން ނިކަމެތި މީހާގެ ފޮޓޯ ބޭނުން ކޮށްގެން ސިޔާސީ މަންފާ ނެގުމުގެ ފުރުސަތު ނުދޭން ޖެހެއެވެ.

ވައުދުތައް ގަބޫލުކުރާއިރު ވެސް ރައްޔިތުން އަމިއްލަ ސިކުނޑިން ވިސްނަން ޖެހެއެވެ. އެވާ ވައުދަކީ ހަމަ ހަގީގަތުގައި ވެސް ފުއްދޭނެ ވައުދެއްތޯ ޔަގީން ކުރަން ޖެހެއެވެ.

މިސާލަކަށް ފްލެޓްތަކުގެ ކުލި މައާފު ކޮށްދޭނެ ކަމަށް ވައުދުވާ ކެންޑިޑޭޓުގެ މާޒީއަށް ބަލަން ޖެހެއެވެ. އެ ބޭފުޅަކު އަމިއްލަ މުވައްޒަފުންނާ ދޭތެރޭ ކަންތައް ކުރަނީ އަދި ކޮށްފައި ހުރީ ކިހިނެއްތޯ ބަލައި ޔަގީން ކުރަން ޖެހެއެވެ. ހަމަ ކަމެއް ކޮށްދޭނެ ކަމަށް ވިދާޅުވިޔަސް އެކަން ގަބޫލު ކުރާކަށް ނުވާނެއެވެ. ކިތަންމެ ސަރުކާރެއް ބަދަލުވެއްޖެއެވެ. މެނިފެސްޓޯތަކުގައި ލިޔެ، މަގުތަކުގައި ދެމި ބެނާތަކުގައި ލިޔެފައި ހުރި ކަންކަން ވެފައިވަނީ ވަރަށް މަދުންނެވެ. އެހެންކަމުން ކަންކަން ގަބޫލު ކުރަން ވާނީ އަމިއްލައަށް ވިސްނުމަށް ފަހުގައެވެ.

ސިޔާސީ ބޭފުޅުން ކެމްޕެއިންގައި--

ސިޔާސީ ބޭފުޅުން މިއަދު އުޅުއްވާގޮތުން އަބަދު ވެސް އިންތިޚާބެއް އޮންނަ ނަމައޭ ހިތަށް އަރައެވެ. އޭރަށް އާއްމު މީހާއަށް ލީލި އަޅައިދޭނެ މީހުންނާއި ރިހާކުރު ކައްކަ ދޭނެ މީހުން އަބަދު ވެސް ތިބޭނެތީއެވެ. މިހާރު ކަން ވާގޮތަކީ ސިޔާސީ މީހުން އުޅެނީ ވޯޓާ ޖެހެންދެނެވެ. ވޯޓު ނިމުމުން އެ ގެއްލުނީއެވެ. ރައްޔިތުން އުޅޭ ހާލު ފެނި ސިޔާސީ މީހުން މިއަދު ކަރުނަ އަޅައި ރޮއެވެ. އެކަމަކު މަގާމު ލިބުމުން އެކަމެއް ހަނދާނެއް ނުހުރެއެވެ. ދެން އުޅުއްވަނީ ދައުލަތުގެ ވަސީލަތްތައް ބޭނުން ކޮށްގެން އެ ބޭފުޅަކު ތަނަވަސްކަން ހޯދުމެވެ. ރައްޔިތުންގެ ވޯޓު ގަންނަން ސިޔާސީ މީހުން ހޭދަ ކުރާ ފައިސާއަކީ ދައުލަތުގެ ވަސީލަތްތައް ބޭނުން ކޮށްގެން ހޯދާ ފައިސާއެވެ. ވެން މަސް ވެނަށް ކާންދޭ އުސޫލުންނެވެ.

މި ސަކަރާތްތައް ހުއްޓެން ވެސް އޮތީ ރައްޔިތުންނަށެވެ. ދައްކާހާ މަންޒަހަރަކާއި ބުނާހާ އެއްޗެއް އަޑުއެހުން ހުއްޓާލަން ޖެހެއެވެ. ތެދުވެރި ވީމައި ނޫނީ ވޯޓު ނުދޭންވީއެވެ. ކަންކަން ރަނގަޅު ވާނީ އޭރަށެވެ. ރައްޔިތުން ހެއްލުން ހުއްޓެންވީއެވެ. ޖަޒުބާތުތައް ދޫކޮށް އަމިއްލަ ސިކުނޑިން ވިސްނަންވީއެވެ.

comment ކޮމެންޓް