އިންތިޚާބަށް މުޅި އިދިކޮޅު ލީޑާޝިޕުގެ ކުށުގެ ރެކޯޑު ސާފު ކުރަނީ

އިދިކޮޅު ޕީޕީއެމްގެ/ޕީއެންސީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަރިހުގައި -- ފޮޓޯ/ ޕީޕީއެމް

ސެޕްޓެމްބަރު ނުވައެއްގައި އޮންނަ ރިޔާސީ އިންތިޚާބުގައި ޕީއެންސީން ވާދަކުރައްވާނެ ބޭފުޅަކު ކަނޑަނޭޅި އޮއްވައި، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ހުރިހައި ބޭފުޅުންގެ ކުށުގެ ރެކޯޑު ސާފު ކުރަން ހުށަހަޅައިފިއެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓު އަރުވާފައިވަނިކޮށް، ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ޖަލުގައި ހުންނަވައިގެން ކެންޑިޑެސީ ފޯމުގައި ސޮއި ކުރައްވައި ފޯމު ހުށަހަޅުއްވައިފައެވެ. އެކަމަކު، އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އެ މަނިކުފާނުގެ ޝަރުތު ހަމަނުވާ ކަމަށެވެ.

އެ މައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. ޝަރީއަތުން ވެސް ޔާމީނަށް ކާމިޔާބު ނުވެއްޖެ ހާލަތެއްގައި ވާދަކުރަން، ޕީއެންސީން ކެންޑިޑޭޓަކު ނެރެން އެ މަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

https://sun.mv/180269

އިތުބާރު ހުރި މަސްދަރުތަކުން "ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ޕީއެންސީގެ ސެނެޓުން ކެންޑިޑޭޓަކު ކަނޑައަޅަން ތަކުރާރުކޮށް ޔާމީން އިރުޝާދު ދެއްވި ނަމަވެސް، ޕާޓީގެ މަސްލަހަތަށް ބަލައި އެ ނިންމުން، ޔާމީން ނިންމެވުމަށް މިއަދު ވެސް ލީޑާޝިޕުން ވަނީ އެދިފައެވެ.

އެހެންވެ، މި ފަހަރު އެ މަނިކުފާނު ކެންޑިޑޭޓެއް ކަނޑައަޅުއްވާނެ ކަމަށް އެ ބޭފުޅުން ގަބޫލުކުރައްވައެވެ.

އެ ހާލަތެއްގައި، އަދި ޔާމީން ވަކި ބޭފުޅަކު ކަނޑަނޭޅުއްވި ނަމަވެސް ކުރިމަތިލާނެ ކެންޑިޑޭޓެއް ނިންމުމުން، މިއޮތް މުއްދަތުގައި، ފަހު ވަގުތު ގާނޫނީ ކަންކަން ފުރިހަމަ ކުރަން ދަތިވާނެއެވެ. އެހެންވެ، އެ ކޯލިޝަނުން ނިންމާފައިވަނީ މުޅި ލީޑާޝިޕްގެ ކުށުގެ ރެކޯޑު ސާފު ކުރާށެވެ.

ޕީޕީއެމްގެ ޖަލްސާއެއްގެ ތެރެއިން ސަޕޯޓަރެއް، ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕޯސްޓަރެއް ހިފައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާާ

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ، މިދިޔަ ޑިސެމްބަރު 25 ގައި ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އޭނާގެ ކެންޑިޑެސީ އީސީން ބަލައިގެންފައެއް ނުވެއެވެ.

އީސީގެ ނިންމުމުގައި ބުނެފައިވަނީ، ޔާމީން މިހާރު ވެސް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ، ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ޅ ގައި ބަޔާންކުރާ ޝަރުތު ހަމަނުވާ ކަމަށެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ، ޖީނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާނަމަ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް