މުއިއްޒަށް އިންޒާރު ދިނީ ލީޑާޝިޕް ބައިބައި ކުރަން: ޕީޕީއެމް

އިދިކޮޅު ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ޕީޕީއެމް

މާލޭގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބަޔަކު އިންޒާރު ދިނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެއީ އެ ޕާޓީގެ ލީޑާޝިޕު ބައިބައި ކުރަން ކޮށްފައިވާ ކަމެއްގެ ގޮތުގައި ޕީޕީއެމުން މިއަދު ތުހުމަތު ކޮށްފިއެވެ.

ސެޕްޓެމްބަރު ނުވައެއްގައި އޮންނަ ރިޔާސީ އިންތިޚާބަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓު ހޯއްދަވަން އުޅުއްވާ ކަމުގެ ތުހުމަތުގައި ރޭ ބަޔަކު ވަނީ މުއިއްޒުގެ އަނބިކަނބަލުންގެ ފޯނަށް، އިންޒާރުގެ މެސެޖުތަކެއް ފޮނުވައިފައެވެ. އޭނާ ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅައިފައެވެ.

އެ ކަން ކުށްވެރިކޮށް ޕީޕީއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ މުއިއްޒަށް ބިރު ދެއްކުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި، އެ މައްސަލަ ބަލައިދިނުމަށް ފުލުހުންގެ ކިބައިން އެދިފައެވެ.

"މުޢިއްޒަށް ހަމަލާދޭނެކަމަށް ބުނެ ބިރުދައްކާ މަރުގެ އިންޒާރު ދިނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. މިފަދަ ނާތަޙުޒީބު ދަށުދަރަޖައިގެ ފިނޑި ޢަމަލުތަކުން، މިކޯލިޝަންގެ ލީޑަރޝިޕްގައި ބައިބައި ކުރެވިދާނެކަމަށް ހީކުރުމަކީ އެކަން އެކުރާ ބަޔަކަށް ކުރެވޭ ކުށްހީއެކެވެ،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ކޯލިޝަންގެ ލީޑާޝިޕް ވެސް އަދި ސެނެޓް ވެސް މަސައްކަތް ކުރާނީ އެފަދަ ބިރުދެއްކުންތަކާއި އިންޒާރުތަކަށް ބެލުމެއް ނެތި، ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ލީޑަރ، ޕީޕީއެމްގެ ރައީސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދިފާއުގައި ކަމަށެވެ.

https://sun.mv/180267

މުއިއްޒަށް އިންޒާރު ދީ ފޮނުފައިވާ މެސެޖުތަކުގައި ވަނީ އޭނާ، ޔާމީންގެ ނިންމެވުން ބަދަލު ކުރަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކޮށްފައެވެ. އަދި، އެގޮތަށް ކަންތައް ކޮށްފިނަމަ ބޮޑެތި ކަންތައްތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެ ވަނީ އިންޒާރު ދީފައެވެ.

އަދި، ޔާމީނަށް ވާދަ ނުކުރެވިއްޖެ ހާލަތެއްގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓަކަށް ވާނީ އެ މަނިކުފާނުގެ ރަނިންމޭޓު އަދި އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ކަމަށް ވެސް އެ މެސެޖުގައި ވަނީ ބުނެފައެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން، ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.

އީސީގެ ނިންމުން، ސުޕްރީމް ކޯޓުގައި މިއަދު ވަނީ އިސްތިއުނާފު ކޮށްފައެވެ.

އެކަމަކު، ސުޕްރީމް ކޯޓުން ނާކާމިޔާބު ވެދާނެ ހާލަތަކަށް ބަލައި، ޔާމީން ވަނީ ޕީއެންސީން ވެސް ކެންޑިޑޭޓެއް ނެރެން އަންގަވައިފައެވެ. އެ ކެންޑިޑޭޓަށް ވެދާނެ ކަމަށް ބެލެވޭ ބޭފުޅުންގެ ތެރޭގައި މުއިއްޒު ވެސް ހިމެނެއެވެ. އެކަމަކު، އެ ކަމާ ގުޅިގެން އޭނާ މިހާތަނަށް ރަސްމީކޮށް ބަހެއް ބުނެފައެއް ނުވެއެވެ.

https://sun.mv/180058

ޕީޕީއެމް/ޕީއެންސީގެ ސެނެޓުގެ ކޮންޓްރޯލް އޮތީ މުއިއްޒަށް ކަމަށް ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެފައިވާއިރު، މިދިޔަ ހަފުތާގައި މުއިއްޒު ވަނީ ޔާމީންގެ ކެންޑިޑެސީއަށް ގޮންޖެހުން ރަނގަޅު ނޫން ކަމަށް ބުނެ ވާހަކަ ދައްކަވައިފައެވެ. އަދި، ޔާމީންގެ ފަހަތުގައި ހުންނެވިކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުން ޔާމީނަށް ދޫކޮށްލަން ލީޑާޝިޕުން ވަނީ ނިންމައިފައެވެ. އެކަމަކު، އެ މަނިކުފާނު ވަނީ އެ ޕާޓީގެ ސެނެޓުން ކެންޑިޑޭޓަކު ކަނޑައަޅަން އެދިވަޑައިގެންފައެވެ.

comment ކޮމެންޓް