ޔާމީނަށް ތާއިދު ކުރުމުގައި ޝަރުތެއް ނޯންނާނެ، އަބަދުވެސް ވަފާތެރިވާނަން: މުއިއްޒުު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން ވެސް އެންމެ ގަބޫލުކުރާ ޝަހުސިއްޔަތު ކަމަށާއި އެމަނިކުފާނަށް އަބަދުވެސް ވަފާތެރިވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެވިދާނެކަމާމެދު ވަނީ ސުވާލު އުފެދިފައެެެވެ. އެހެންކަމުން ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހޯއްދަވަން ޑރ. މުއިއްޒު މަސައްކަތް ކުރައްވާކަމުގެ އަޑުތަކެއް ވަނީ އަރާފައެވެ.

ޑރ. މުއިއްޒުއަށް ކުރާ ތުހުމަތުތަކަށް ރައްދު ދެއްވައި ޗެނަލް 13 މެދުވެރިކޮށް ދެެއްވި ވީޑިއޯ މެސެޖެއްގައި އޭނާ ވިދާޅުވީ ރައީސް ޔާމީނަށް އޭނާގެ ހިތުގައި އޮތް ސަޕޯޓަކީ އިއްޔެއަކު މިއަދަކު ފެށުނު އެއްޗެއް ނޫން ކަމަށެވެ. އެގޮތުން އެމަނިކުފާނަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން، ޑރ. މުއިއްޒު ލޯބިވާ އަދި ގަބޫލުކުރައްވާ ޝަހުސިއްޔަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ އޭނާއަށް ތަފާތު ތުހުމަތުތައް ކުރަމުން އަންނަތާ ދުވަސްތަކެއް ފާއިތުވެއްޖެ ކަމަށާއި ނަމަވެސް މިހާތަނަށް ވެސް އުޅުނީ އެފަދަ ވާހަކަތަކަށް ސަމާލުކަމެއް ނުދީ ކަމަށެވެ.

"ސަބަބަކީ އަޅުގަނޑަށް އެނގޭ އަޅުގަނޑުގެ ޒަމީރު. އަޅުގަނޑުގެ ހިތް. އަޅުގަނޑު ކަންކަމުގައި އަމަލުކުރަނީ އަޅުގަނޑު ހިތުގެ އަޑިން ގަބޫލުކުރާ ގޮތަށް. ހިތުގެ އެންމެ ފުންމިނުން ގަބޫލުކުރާ ގޮތަށް ނޫނީ އަޅުގަނޑު ޢަމަލެއް ނުބަހައްޓަން،" ޑރ. މުއިއްޒު ވިދާޅުވޮއެވެ.

ނަމަވެސް އޭނާ ވާހަކަ ނުދައްކާ ހުންނެވުމުގެ ސަބަބުން ޕާޓީގެ ބައެއް މެންބަރުންގެ ތެރޭގައި ހިތްނުތަވަސްކަން ފެތުރޭކަން ގަބޫލު ކުރެވޭ ކަމަށާއި އެހެންކަމުން މި ވާހަކަތައް ދައްކަވަން ޖެހުނީ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"ރައީސް ޔާމީނަށް އަޅުގަނޑުގެ ތާއީދު، އަޅުގަނޑުގެ އޮތް ސަޕޯޓަކީ އިއްޔެއަކު މިއަދަކު އޮތް އެއްޗެއް ނޫން. ޔާމީނަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން އަޅުގަނޑު ލޯބިވާ އަޅުގަނޑު ގަބޫލުކުރާ ސަހުޝިއްޔަތެއް. އެހެންވީމަ އެކަނިކުފާނުގެ ހައްގުގައި އެމަނިކުފާނަށް ތާއީދު އޮތުމުގައި އެއްވެސް ކަހަލަ ކޮންޑިޝަންއެއް ނޯންނާނެ. އަންޑިވައިޑެޑް ލޯޔަލްޓީއެއް އަޅުގަނޑު ރައީސް ޔާމީންނަށް އޮންނާނެ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދު ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވަނީ ހަމަ ޔާމީންގެ ލީޑާޝިޕް ކަމަށާއި މިއަދު ގައުމު ނަގައި ކޮޅަށް ޖެހުމުގައި ބޭނުންވަނީ ޔާމީން ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"އެހެންވީމަ އެމަނިކުފާނު މިނިވަން ކުރަން ކުރެވޭ ހުރިހާ މަސައްކަތެއްގައި ވެސް އަޅުގަނޑު މި ދަނީ ހިތްހަމަޖެހުމާއި އުފަލާއެކު އެންމެ ފުޅާ މިނުގައި ބައިވެރިވަމުން،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އެމަނިކުފާނަށް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް ހުރަސްތަކެެއް ކުރިމަތިވެފައެވެ. ނަމަވެސް ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް ޔާމީން ވަނީ ރިޔާސީ ކެންޑިޑެސީ ފޯމްގައި ސޮއިކުރައްވާފައެވެ. އަދި ކެންޑިޑެސީއާ ގުޅުންހުރި ލިޔެކިޔުންތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުގެ މަސައްކަތްތައް ޕީޕީއެމްއިން ދަނީ ކުރަމުންނެވެ.

comment ކޮމެންޓް