މަރުތަޅު ފިލުވަން ކޯޓަށް ދިއުމަކީ 'ލާސްޓް ރިސޯޓް': އެމްޑީޕީ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓި ޑެޑްލޮކަށް ގޮސްފައިވާ މައްސަލަ ހައްލު ކުރަން ސުޕްރީމް ކޯޓަށް ދިއުމަކީ އެންމެ ފަހު މަރުހަލާ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ނިމުނު އިރު މަޖިލީހުގެ އެތައް މަސައްކަތެއް ނުނިމި އޮތަތީ، އެމްޑީޕީން ވަނީ މަޖިލީހުގެ ގަވާއިދުގެ ދަށުން ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވަން އެދިފައެވެ. މިއަދަށް އެ ޖަލްސާ ތާވަލްކުރި ނަމަވެސް މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރާ އިތުރު ދެ މެމްބަރަކު އެ ޕާޓީން ވަކިވެފައިވާތީ، މިހާރު އޮތް ގޮތަށް ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރެވެން ނެތް ކަމަށް ބުނެ ދެ މިނެޓު ނުވަނީސް ޖަލްސާ ވަނީ ނިންމާލާފައެވެ.

https://sun.mv/179218

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އެ މައްސަލައަށް ހައްލު ހޯދުމަށް ސުޕްރީމް ކޯޓާ ހަމައަށް ދިއުމުގެ ކުރިން އެކަން ކުރެވެން ހުރި އިތުރު އެހެން ހުރިހާ ގޮތްތަކެއް ދިރާސާ ކުރާނެ ކަމަށެވެ.

އެމްޑީޕީން އަދިވެސް ގަބޫލު ކުރަނީ މަޖިލީހުގެ ގަވާއިދުގެ ތެރެއިން މިކަމަށް ހައްލެއް ގެނެވޭނެ ކަމަށެވެ.

އަޅުގަނޑު މެންނަށް ލާސްޓް ރިސޯޓު ސުޕްރީމް ކޯޓަށް ދިއުމަކީ. ކޯޓަށް ދިއުމުގެ ކުރިން އަޅުގަނޑުމެން އެހެން ހުރިހާ މަގެއް އެކްސްޕްލޯ ކުރާނަން. މަޖިލީހުގެ ގަވާއިދު ވެސް މަތިކޮށްފައި ވަނީ ގާނޫނުއަސާސީން. އަޅުގަނޑުމެންނަށް މަޖިލީހުގެ ތެރެއިން މިކަމަށް ހައްލެއް ހޯދޭނެ ކަމަށް އަދިވެސް ގަބޫލު ކުރަނީ. މަޖިލީހުގެ ތެރެއިން މިކަމަށް ހައްލެއް ނުހޯދިއްޖެ ނަމަ އަޅުގަނޑުމެން ކޯޓަށް ދާނީ އެ ހިސާބުން. އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް

މީގެ އިތުރުން އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދަވަން އުޅުއްވަނީ އެ މަގާމުގައި ދެމި ހުންނެވުމުގެ ބޭނުމުގައި ކަމަށެވެ. އަދި ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާއަށް ދައުވަތު ދިނީ ވަގުތު ކުޑަތަން ވެފައި ވަނިކޮށް ކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ، ބައެއް މެންބަރުން ޗުއްޓީގައި ތިއްބައި ކުއްލިއަކަށް ޖަލްސާ ބާއްވަން ނިންމެވީ މަޖިލިސް ނުހިނގާނެ ގޮތަކަށް އަމަލު ކުރަން ރައީސް ނަޝީދު ބޭނުންފުޅުވާތީ ކަމަށެވެ.

އެ މަނިކުފާނަށް އަދިވެސް އިލްތިމާސް ކުރަން ބޭނުންވަނީ، މަޖިލިސް ގަވައިދު ހިންގަވައިދެއްވާށޭ، އެ ކަމަށް އުޒުވެރިވެވަޑައިގަންނަވާ ކަމުގައިވާ ނަމަ، އިސްތިއުފާ ދެއްވާށޭ. އަޅުގަނޑުމެންނަށް މިހާރު މި ފާހަގަކުރެވެނީ މަގާމުގައި ދެމި ހުންނަވަން ބޭނުންފުޅު ވެގެން އަސްލުގަ މިކަން ކުރިއަށް ނުގެންދަވާކަން. އަޅުގަނޑުމެންނަށް އެހެންނަމަވެސް ލަފާ ކުރެވުނީ ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލައިގައި ޗެއާ ކުރައްވަން އާއިލީ ބޭފުޅަކަށް ވާތީ ނުވަތަ އެހެން ސަބަބަކާ ހުރެ ދަތިފުޅު ވަނީ ކަމަށް. ނަމަވެސް އެކަމަށްވެސް އަޅުގަނޑުމެން އިސްލާހު ހުށަހަޅާފަ އެވަނީ އެކަން ކުރެވޭނެ ގޮތަށް. އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް

މިއަދުގެ ޖަލްސާ ނިންމާލާފައިވަނީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ދެން ފެށޭނީ، ކޮމްޕޮޒިޝަނަށް އައި ބަދަލު މެންބަރުންނާ ހިއްސާކޮށް، އަލުން ކޮމިޓީތަކަށް ގެންނަ ބަދަލުތައް ހުށަހަޅައިގެން ކަމަށް ބުނެއެވެ.

ނަމަވެސް އަސްލަމް ވިދާޅުވީ އެއީ މަޖިލިސް ގަވާއިދު ދަންނަ ކަމެއް ނޫން ކަމަށާއި، ރިޔާސަތުން އެފަދައިން އަމަލުކުރުން ވެސް ލާޒިމް ނޫން ކަމަށެވެ.

comment ކޮމެންޓް