ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރާ އިތުރު ދެ މެމްބަރަކު އެ ޕާޓީން ވަކިވެފައިވާ ކަމަށް ބުނެ މިހާރު އޮތް ގޮތަށް ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރެވެން ނެތުމުން ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާ ނިންމާލައިފިއެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާއަކީ، މަޖިލީހުގެ މުހިންމު މަސައްކަތްތަކެއް ނުކުރެވި ދެވަނަ ދައުރު ނިންމާލުމާ ގުޅިގެން އެމްޑީޕީގެ 29 މެމްބަރަކު އެދިގެން ބޭއްވި ޖަލްސާއެކެވެ. މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ އޭގެ ތެރެއިން ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތެވެ.
އެހެން ނަމަވެސް، ޖަލްސާ ފެށިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު (ޗެކްމާކް ރަޝީދު) އެމްޑީޕީން ވަކިވެވަޑައިގެންފައިވާކަން ފާހަގަކުރައްވާފައެވެ.
މި ބަދަލާ ގުޅިގެން، ދާއިމީ ކޮމިޓީތައް އެކުލަވާލަން މިހާރު ހުށަހަޅާފައިވާ ގޮތަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވިދާޅުވެ އަފީފު ވަނީ ޖަލްސާ ކުރިޔަށް ނުގެންދެވޭނެ ކަމަށް ނިންމަވާފައެވެ. އޭނާ ވިދާޅުވީ ޖަލްސާ ކުރިޔަށް ގެންދެވެނީ މި ބަދަލުތަކާ އެކު މެމްބަރުންނަށް އަލުން ރިޕޯޓު ސާކިލޭޓު ކުރުމަށް ފަހު، އެއަށް އިސްލާހު ހުށަހެޅިގެން ކަމަށެވެ.
"މިއަދުގެ ޖަލްސާ މިއަދު ކުރިޔަށް ގެންދެވެން ނެތް. މި ރިޕޯޓު މެމްބަރުންނަށް [ސާކިއުލޭޓް] ކޮށްފަ، އެއަށް އަނެއްކާ މެމްބަރުން އިސްލާހު ހުށަހެޅުމާ ގުޅިގެން ނޫނީ" އަފީފު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވި ދުވަހުގެ ކުރިން ދެ މެމްބަރުން ވެސް ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް މަސައްކަތެއް ނުކުރެވި ނިންމާލާފައިވާއިރު، ދެވަނަ ދައުރުގެ ފަހުކޮޅުގެ ގިނަ ޖަލްސާތައް ނުބޭއްވި، މަޖިލިސް އޮތީ ޑެޑްލޮކްގައެވެ.
މަޖިލިސް ޑެޑްލޮކަށް ދިޔައީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ވަކިކުރުމުގެ މައްސަލަ އެމްޑީޕީން އިސްވެ ހުށަހެޅުމުންނެވެ. މި މައްސަލައިގައި ނަޝީދާއި އީވާ ވަނީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެެރިވެވަޑައިގެންފައެވެ.