އިލެކްޝަން ކޮމިޝަން(އީސީ) އަށް އިތުބާރު ނެތް ކަމަށް ބުނެ އެ ކަމުގެ ކަންބޮޑުވުން އިދިކޮޅު ސިޔާސީ ޕާޓީތަކުން މިއަދު ހިއްސާކޮށްފިއެވެ.
އިލެކްޝަން ކޮމިޝަނަށް އިތުބާރު ނެތް ކަމަށް ބުނެ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި އެމްއެންޕީ އާއި ޖޭޕީގެ އިތުރުން އެމްއާރުއެމް އާއި އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ދަ ޑިމޮކްރެޓްސްއެވެ.
މިކަމާ ގުޅޭގޮތުން ދަ ޑިމޮކްރެޓްސް އުފެއްދުމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ހަސަން ލަތީފް ވިދާޅުވީ މިދިޔަ އަހަރުގެ ފަހުކޮޅު ހެދި ސާވޭއަކުން ދައްކާ ގޮތުން 57 އިންސައްތަ ރައްޔިތުންގެ ތާއީދު އީސީއަށް ނެތް ކަމަށެވެ.
"އިތުބާރެއް އަޅުގަނޑުމެންގެއެއް ނެތް އިލެކްޝަން ކޮމިޝަނަކަށް މި ވަގުތު ކަންތައްތައް ހިނގަމުންދާ ގޮތަށް ބަލާފައެއް," ހަސަން ލަތީފް ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން ޕިޕީއެމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ހުރިކަން ފާހަގަކޮށް ސިޔާމް ވިދާޅުވީ, އެކަންކަން ހައްލުކޮށްދީ ނުވަތަ އެކަންތައްތަކުގެ ދިފާއުގައި އިސީން އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީގެ ސަޕޯޓަރުންނަށް ދިވެހި ރައްޔިތުންނަށް މިދޭ ޔަގީންކަމަކީ އިލެކްޝަން ކޮމިޝަނަކަށް މިގޮތަކަށް މާ މަޑުން އޮންނާކަށް އަޅުގަނޑުމެން ފުރުސަތު ދޭކަށް ނެތީން," ސިޔާމް ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއެންޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވީ, ދިވެހި ރައްޔިތުންނަށް މިނިވަން އިންސާފްވެރި އިންތިހާބެއް ލިބޭނެކަން ކަށަވަރު ކޮށްދިނުމަކީ ގާނޫނުން އިސީގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. ނަމަވެސް އެ ޒިންމާ އީސީން އަދާނުކުރާ ކަމަށް އުޝާމް ވަނީ ތުހުމަތު ކުރައްވާފައެވެ.
"އެމްއެންޕީގެ ކަންބޮޑުވުން އެބައޮތް އިލެކްޝަން ކޮމިޝަނުން މިހާރު އަމަލުކުރަމުން މިދާ ގޮތުން. އަދި ކަންކަމާ ގުޅޭ ގޮތުން އެކަށީގެންވާ އަވަސް މިނެއްގައި ފިޔަވަޅު ނާޅާ ދޫކޮށްލާ ސަބަބާ ގުޅިގެން އަޅުގަނޑުމެންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި," އުޝާމް ވިދާޅުވިއެވެ.
ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވާ އުފައްދަން މަސައްކަތް ކުރާ ދަ ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީ ކުރުމަށް އިލެކްޝަންް ކޮމިޝަނުގެ ބައެއް މެންބަރުން ހުރަސް އަޅާކަމަށް ތުހުމަތު ކުރައްވާ އެ ބައްދަލުވުމުގައި ބައިވެރިވި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން ވިދާޅުވީ, އެ ކޮމިޝަނަށް ހުރި ނުފޫޒު ވަރަށް ބޮޑަށް ސާފުވެގެން ދާ ކަމަށެވެ.
"އެންމެ ފަހުން ބޭއްވުނު ބައި-އިލެކްޝަން ތަކުގައި ވެސް ސަރުކާރުން އިންތިހާއަށް މި އިންތިހާބްތަކަށް ނުފޫޒު ފޯރުވަމުންދިޔައިރު ވެސް އިލެކްޝަން ކޮމިޝަނުން އެއީ ހަމަ ކަމެއް ނޫން ކަމަށް ހަދައި އެ ބޭފުޅުންގެ މެންޑޭޓްގައި ހިމެނޭ ކަމެއް ނޫން ކަމަށް ހަދައި ލޯ މަރާލައިގެން ތިބި މަންޒަރު އަޅުގަނޑުމެނަށް ފެނިގެން ދިޔަ," އަލީ ހުސައިން ވިދާޅުވިއެވެ.
އީސީއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި އަލީ ހުސައިން ވިދާޅުވީ, އެ ކޮމިޝަނުގެ ބައެއް މެންބަރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ސަރުކާރުގެ އެޖެންޓުންގެ ގޮތުގައި ކަމަށެވެ.
"އިލެކްޝަން ކޮމިޝަނަކީ ވަކި ފަރާތަކަށް ނުވަތަ ވަކި ބަޔަކަށްޓަކައި ވަކިން ހާއްސަކޮށް ސަރުކާރަކަށް ނޫނީ އެ އިރެއްގެ އޮންނަ މެޖޯރިޓީ ޕާޓީއެއްގެ މަސްލަހަތުގައި މަސައްކަތްކުރާ ކޮމިޝަނަކަށް ވެއްޖެ ކަމަށްވާ ނަމަ އަޅުގަނޑުމެން މި ދައްކާ ފަދަ މިނިވަން އިންސާފްވެރި އިންތިހާބެއް ނުބޭއްވޭން. އެކަމުގެ ކަންބޮޑުވުން ޖޭޕީގެ ފަރާތުން ވެސް އޮތީމަ އަޅުގަނޑުމެން މިއަދު އައިސް މި ތިބީ," އަލީ ހުސައިން ވިދާޅުވިއެވެ.
މޯލްޑިވްސް ރިފޯމް މޫމްމެންޓް (އެމްއާރުއެމް)ގެ ފަރާތުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި އިސްމާއީލް ޒަބީހް ވިދާޅުވީ, އެ ޕާޓީން މިހާރު ވެސް އީސާއާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާނެ ކަމަށެވެ. އެއީ އެމްއާރުއެމް އުވާލުމަށް އީސީން ނިންމުން ބާތިލްކޮށްދިނުމަށް އެދިއެވެ.
"އަޅުގަނޑުމެނަށް ދިމާވެފައިވާ ކަންކަމުން އިލެކްޝަން ކޮމިޝަނަށް އިތުބާރު ގެއްލިފައިވާތީވެ ކުރިއަށް މިއޮތީ ރިޔާސީ އިންތިހާބަށް ވެފައި މިކަންކަމުން އަރައިގަތުމަށްޓަކައި އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް މައުލޫމާތު ވެސް އެބަ ދޭން ޖެހޭ," ދާދި ފަހުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން ވަކި ކުރެއްވި ޒަބީހް ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަނުންގެ ބައެއް މެންބަރުން ކަންތައްތައް ކުރައްވަނީ ނޫފޫޒެއްގެ ދަށުވެގެންކަމަށް ތުހުމަތުކުރައްވާ އޭނާ ވަނީ އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގެ މަސައްކަތަށް ތައުރީފް ކުރައްވާފައެވެ. އަދި އެ ކޮމިޝަނަށް ހުރި ގޮންޖެހުންތައް އޭނާ ހާމަކޮށްދިނުމަށް ޒަބީހް ވަނީ ގޮވާލާފައެވެ.