އީވާގެ މައްސަލަ އެޖެންޑާނުކޮށް މަޖިލިސް ކުރިއަކަށް ނުގެންދެވޭނެ: އަސްލަމް

އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން، އެމްޑީޕީން ހުށަހަޅާފައިވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާނުކޮށް، މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލިސް ގަޑުބަޑުކޮށް، ހިންގުން ހުއްޓުވައިލަން އުޅޭ ކަމަށް ތުހުމަތުކޮށް އެމްޑީޕީން ވަނީ ރިޔާސަތުގައި އިންނަވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާގެ އިތުބާރު ނެތް ކަމަށް ހުށަހަޅައިފައެވެ.

އެކަމަކު، އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އޭނާއަށް ފޮނުވި ނޯޓިސް މި މަހުގެ 11 ވަނަ ދުވަހަށް ހަމަވި ނަމަވެސް އެ ދުވަހަށް އެ މައްސަލަ އެޖެންޑާ ނުކުރާން މަޖިލީހުން ވަނީ ނިންމައިފައެވެ. އެހެން ނިންމާފައިވަނީ، މެންބަރުން ޕާޓީ ބަދަލު ކުރުމާ ގުޅިގެން އައި ބަދަލުތައް ކޮމިޓީތަކަށް ނުގެންނާތީ، އެ މައްސަލައިގައި ބަހުސް ކުރާނެ މުއްދަތެއް އާންމު ކޮމިޓީން ނުނިންމާ ކަމަށް ބުނެއެވެ.

އެހެންވެ، ކަންބޮޑުވުން ފާޅުކުރައްވައި މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވީ ކޮމިޓީތައް އެކުލަވައިނުލާ ކަމަށް ބުނެ، ވަކި ބަޔަކު ބޭނުންވީމާ ދައުލަތުގެ އެއް ބާރު ހުއްޓުވައިނުލެވޭނެ ކަމަށެވެ. އަދި، މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން، އެ މަޖިލީހަށް ހުށަހަޅާފައިވާ އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް، އިތުރު މަސައްކަތްތައް ނުކުރެވޭނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެފަދަ މައްސަލައެއް [ރިޔާސަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް] ހުށަހެޅި، ނޯޓިސްގެ މުއްދަތު ހަމަވެފައި ވަނިކޮށް، ދެން މަޖިލީހުގެ އެއްވެސް ކަމެއް ކުރެއްވޭނީ އެ ކަމެއް ނިންމެވުމަށް ފަހު. އެހެންވީމާ، މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން މަޖިލީހުގެ އެއްވެސް ކަމެއް ކުރައްވަން ވާނީ އެ ކަން ނިންމެވުމަށް ފަހު،" އޭނާ ވިދާޅުވިއެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މި ފަހަރު އާންމު ކޮމިޓީތަކަށް ބަދަލު ނުގެނެވިގެން ކަމަށް ވިދާޅުވެ މަޖިލީސް ހުއްޓުވާލާފައިވަނީ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދަން ވެގެންނެވެ. އަސްލަމް ވިދާޅުވީ މެންބަރުން ތިއްބަވާ ޕާޓީ ބަދަލުވުމުން، މީގެ ކުރީގައި ޖެހިގެން އަންނަ ދުވަހު އެކަން އިއުލާނުކޮށް، ގެންނަން ޖެހޭ ބަދަލުތައް ގެންނަ ކަމަށެވެ.

"އާންމު ކޮމިޓީން، މެންބަރުން ވާހަކަދައްކަން ޖެހޭ ވަގުތު ކަނޑަނޭޅިގެން ކަމަށް ބުނެ، މުޅި މަޖިލިސް ހުއްޓުވާލާފައި ބާއްވާނެ ޖާގައެއް ނެތް." އޭނާ ވިދާޅުވިއެވެ.

"ދާއިމީ ކޮމިޓީތަކަކީ ދާއިމަށް ދެމިގެންވާ ކޮމިޓީތަކެއް. މަޖިލީހުން ނިންމާފައިވާ ނިންމުމެއް، އެ ނޫން ގޮތަކަށް މަޖިލީހުން ފާސްނުކުރާހާ ހިނދަކު އެ ދެމި އޮންނާނެ. މިއީ ރައްޔިތުންގެ މަޖިލިސް. އެ މައްޗަށް ރައްޔިތުން އަމަލުކުރާ ގާނޫނުތައް ފާސްކުރާ މަޖިލީހުގެ ވާހަކަ އިނގޭތޯ މި ދަންނަވަނީ،"

އަސްލަމް ވިދާޅުވީ މިހާރު އެކުލަވައިލާފައިވާ ކޮމިޓީތަކަށް މަޖިލީހުން ބަދަލު ގެންނަން ދެން، މިހާރު އެކުލަވާލާފައިވާ ކޮމިޓީތަކަށް ފުރިހަމަ ބާރުވެރިކަން އޮންނާނެ ކަމަށެވެ. އަދި، ކޮމިޓީތައް އެކުލަވައިލާނެ ގޮތަކާ މެދު ޕާޓީތައް އެއްބަސްވާން ވެސް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މަޖިލީހުގެ ފްލޯއަށް އެ މައްސަލަ [ކޮމިޓީތަކަށް ބަދަލު ގެނައުމުގެ މައްސަލަ] ނުގެންނަވައިގެން އެންމެ ބޮޑު މައްސަލައަކަށް ވަނީ. އެހެންވީމަ، ވީހާ ވެސް އަވަހަކަށް އެކަން ނިންމަވާށޭ،" އަސްލަމް ވިދާޅުވިއެވެ.

އެމްޑީޕީގެ 50 މެންބަރުންގެ ސޮޔާ އެކު ހުށަހަޅާފައިވާ އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް މި މަހު 11އަށް ހަމަވި ނަމަވެސް، މަޖިލީހުން ވަނީ އެ މައްސަލަ އެ ދުވަހަށް އެޖެންޑާ ނުކުރާން ނިންމައިފައެވެ. ސަބަބެއް ގޮތުގައި ބުނެފައިވަނީ އާންމު ކޮމިޓީތަކަށް ބަދަލު ގެނެސް، މެންބަރުން ވާހަކަދައްކަން ޖެހޭ ވަގުތު ކަނޑައަޅާފައިނުވާތީ ކަމަށެވެ.

comment ކޮމެންޓް