241 ކޮމިޓީން އެދިއްޖެނަމަ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ހާމަކުރާނަން: ސަރުކާރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއިން ދޫކޮށްލުމާ ގުޅޭ ގޮތުން މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ފޮނުއްވި ސިޓީފުޅު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އިން ހޯދަން ރައީސް އޮފީހުގައި އެދިއްޖެނަމަ އެ ސިޓީފުޅު އެ ކޮމިޓީއަށް ހާމަކުރާނެ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މީގެ ކުރިން ވެސް އެ ކޮމިޓީން އެ ކަމަށް އެދިއްޖެނަމަ ހިއްސާކުރާނެ ކަމަށް ސަރުކާރުން ބުނެފައިވާނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެދިއްޖެ ކަމަށްވާނަމަ 241 ކޮމިޓީއަށް ސިޓީފުޅު [މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވި ސިޓީފުޅު] ހާމަކުރާނެ،" މިއުވާން ވިދާޅުވިއެވެ.

އެހެންނަމަވެސް އޭނާ ވިދާޅުވީ ދެ ގައުމެއްގެ ވެރިންގެ ދެމެދު ހިނގާ މުއާމަލާތްތައް އާންމު ކުރުމަކީ އެއްވެސް ގައުމަކުން ކުރާ ކަމެއް ނޫންކަމަށެވެ. އެއީ، ރާއްޖޭގައި ވެސް ކުރާނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ވަގުތު މޮރިޝަސްގެ ބޮޑުވަޒީީރަށް ރައީސް ފޮނުއްވި ސިޓީފުޅުގެ ވާހަކަ ދައްކަވާ ބޭފުޅުން ދައްކަވަނީ ސިޔާސީ ބޭނުމަށް އެކަނި ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

"ދުނިޔޭގެ ދޭދޭ ލީޑަރުންގެ މެދުގައި ބަދަލުކުރެވޭ ކޮރެސްޕޮންޑެންސަކީ ސިއްރު ހިފެހެއްޓޭ އެއްޗެއް. އެހެންނަމަވެސް ރައްޔިތުންްގެ މަޖިލީހުގެ 241 ކޮމިޓީން އެކަމަށް އެދިއްޖެ ކަމަަށްވާނަމަ އެ ސިޓީ ހިއްސާ ކުރައްވާނެ،" މިއުވާން ވިދާޅުވިއެވެ.

މިދިޔަ އަންގާރަ ދުވަހު އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވަނީ އެންމެ އަވަހަށް އޮންނަ އެ ކޮމިޓީއެއްގެ ބައްދަލުވުމެއްގައި އެ ސިޓީ ހޯދަން ރައީސް އޮފީހުގައި އެދޭނެކަމަށް ވިދާޅުވެފައެވެ.

އެހެން ވިދާޅުވެފައިވަނިކޮށް އިމުގެ މައްސަލައިގައި ސަރުކާރާ ދެކޮޅު އިއްތިހާދުން އިއްޔެ ވަނީ އެ ސިޓީ ހާމަކުރުމަށް އެދި ރައީސް އޮފީހަށް ވެސް ގޮސްފައެވެ.

comment ކޮމެންޓް