ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރަން އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން މިއަދު ނިންމައިފިއެވެ.
މަޖިލީސް ހިނގާ ގޮތާ މެދު ހިތްހަމަނުޖެހި، އެމްޑީޕީގެ މެންބަރުން ނުރުހުން ފާޅުކުރާތާ އެތައް ދުވަހެއް ވެފައިވާއިރު، މިއަދު އެ ޕާޓީން ބޭއްވި ޕީޖީ ބައްދަލުވުމެއްގައި ވަނީ ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކިކުރަން ނިންމައިފައެވެ. އެހެންވެ، އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ބޭނުންވާ ސޮއި ހަމަކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.
ޕީިޖީ ބައްދަލުވުމުގައި ބައިވެރިވި 41 މެންބަރުންގެ ތެރެއިން 36 މެންބަރުން ވޯޓް ދެއްވީ ނަޝީދުގެ އިތުބާރު ނެތް ކަމަށެވެ.
އެ މަނިކުފާނާ މެދު ހިތްހަމަނުޖެހުން ބޮޑުވެފައިވަނީ އިމުގެ މައްސަލައިގައި އިދިކޮޅު ޕާޓީތަކުން އެކުވައިލި އިއްތިހާދުން ހުށަހެޅި ބަންޑާރަނައިބު އިބްރާޙިމް ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޑުޖައްސާލަން މިއަދު ނަޝީދު ނިންމެވުމާ އެކުގައެވެ.
ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ބަހުސްގައި ބާކީ އޮތް ބައި ކުރިއަށް ގެންދަން މިއަދަށް އޮތީ ތާވަލުކޮށްފައެވެ. އެކަމަކު، ރިއްފަތު މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ބުނާ މައްސަލައެއް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވަނީ ހުށަހަޅައިފައެވެ.
ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް އެ މައްސަލަ ހުށަހެޅުއްވީ، ތަޅުމުގައި ބަހުސްކޮށް އިމްތިޔާޒާ ބެހޭ ކޮމިޓީއަށް ހުށަހެޅުމަށެވެ. އެއާ އެކު، ރިޔާސަތުގައި އިންނަވާ ނަޝީދު ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ވެސް އަދި ސީދާ ކޮމިޓީއަށް ވެސް ހުށަހެޅޭނެ ކަމަށެވެ. އެކަމަކު، އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ.
އެއާ އެކު، ދެ ފަރާތުން އަޑުގަދަކޮށް، އިހުތިޖާޖު ކުރާތީ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ނިޒާމު ވެސް ގެއްލި، ހެނދުނުގެ ސައި ގަޑިއަށް ފަހު ޖަލްސާ ވަނީ ކުރިއަށް ނުގެންގޮސް، ނިންމާލައިފައެވެ.
މަޖިލީހުގައި ނަޝީދާ ނުލައި އެމްޑީޕީގެ 55 މެންބަރުން ތިއްބަވައެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ފާސްކުރަން ބޭނުންވަނީ 43 މެންބަރުންގެ ވޯޓެވެ. އެހެންވެ، އެމްޑީޕީން ބޭނުން ވެއްޖެ ނަމަ، ނަޝީދު އެ މަގާމުން ވަކި ކުރެވޭނެއެވެ.