''މައްސަލަތައް ހައްލު ވާން އޮތީ އަމިއްލަ މަސްލަހަތު ދޫކޮށްގެން''

ދިވެހި ރާއްޖެއަށް ދިމާވެފައިވާ މައްސަލަތައް ގިނަ ކަމަށާއި އެ މައްސަލަތައް ހައްލު ކުރެވޭނީ, އަމިއްލަ ބޭނުންތައް ފަހަތަށް ޖައްސައި، ރައްޔިތުންގެ މަސްލަހަތު ކުރިއަށް ނެރުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ސަން އޮންލައިންގެ މި ހަފުތާގެ 'އެޑިޓަރުގެ ސުވާލު' ޕްރޮގްރާމުގައި ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ އަދި އިގްތިސާދީ މައްސަލަތައް ހައްލު ނުވެގެން އުޅޭ ސަބަބާ ގުޅޭގޮތުން ގިނަ ސުވާލު ތަކެއް ވަނީ ނާޒިމާ އަމާޒު ކޮށްފައެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ، މައްސަލަތައް އިސްލާހުނުވެ، ލަސްވަނީ އެކަންކަން ބަލަން ތިބޭ މީހުންގެ އަމިއްލަ ބޭނުމެއް އޮތުމުގެ ސަބަބުން ކަމަށެވެ.

އެހެންވީމަ އެކަން [އަމިއްލަ ބޭނުން] އަޅުގަނޑުމެން ފަހަތަށް ޖައްސާލާފައި. އަޅުގަނޑުމެނަށް ރައްޔިތުންގެ މަސްލަހަތު ކުރިއަށް ނެރެވިއްޖެއްޔާ އަޅުގަނޑު ގަބޫލުކުރަނީ ހަމަ ހުރިހާ ކަމެއް ވެސް ހައްލުވެގެންދާނެޔޭރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް

ސަން އޮންލައިންގެ އެޑިޓަރުގެ ސުވާލު ޕްރޮގްރާމުގެ ތެރެއިން: ނާޒިމް ވިދާޅުވީ މައްސަލަތަކަށް ހައްލުލިބޭނީ އަމިއްލަ ބޭނުން ފަހަތަށް ޖައްސައި، ރައްޔިތުންގެ މަސްލަހަތު އިސްކުރުމުން ކަމަށް ---- ފޮޓޯ/ މަޖިލީސް

ބައެއް މައްސަލަތައް ހައްލު ކުރުމުގައި ނިންމަން ޖެހެނީ ވަރަށް އުނދަގޫ ނިންމުތަކެއް ކަމަށާއި ރައްޔިތުން ތިބީ 'އެއް ގޯސްވެފައި' ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި، ސޯޝަލްމީޑިއާއިން ފެނިފައި ހުރި ޕޯސްޓުތަކުން ރައްޔިތުންގެ އެކްސްޕެކްޓޭޝަން ވަރަށް މަތިކަން އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިސާލެއް ދަންނަވަންޏާ، އާސަންދައިން އެބަ ހުރި އެންމެ މީހަކަށް އެކަނި އެއްލައްކަ ޑޮލަރު ޚަރަދުކޮށްފައި، 1.5 މިލިއަން ރުފިޔާގެ ވާހަކަ މިދައްކަނީ އެންމެ މީހަކަށް. ދެން އަނެއްކާ 65 އަހަރުގެ މީހަކަށް ރާއްޖޭން ބޭރުން އިތުރު ފަރުވާ ކުރިއަށް ގެންދެވޭނެ [އިންތިޒާމު] ނެތިގެން ސޯޝަލްމީޑިއާގައި އާއިލާއިން ޝަކުވާ ކުރީމައި، އެއަށް އާސައިންދައިން ދިން ޖަވާބުވެސް އަޅުގަނޑަށް ފެނުނު." ނާޒިމް ވިދާޅުވިއެވެ.

"އެ ދުވަހާ ހަމައަށް ވެސް އޮތީ 89،000 ޑޮލަރު ސަރުކާރުން ޚަރަދުކޮށްފައި، އެކަމަކު އެ ވެސް އެކަށީގެންވާ އަދަދެއް ކަމަށް ރައްޔިތުން ގަބޫލެއް ނުކުރޭ. އެންމެ މީހަކަށް އެކަނި."

ނާޒިމް ވަނީ ރާއްޖޭގެ ސަބްސިޑީ ނިޒާމަށް ވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން ބޭރު ގައުމުތަކުގައި އެފަދަ ކަންކަމުގައި އަމަލުކުރާ ގޮތަށް ބަލާއިރު، ރާއްޖޭގައި އޮންނަނީ 'ސަމުސަލުން ލަވައިގެން ކާންދިނުން' ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް: އޭނާ ވިދާޅުވީ ޓާގެޓުކޮށްގެން ގޭބީސީތަކަށް ސަބްސިޑީ ދީގެން ނޫނީ އިޖުތިމާއީ އަދާލަތު ގާއިމުކުރެވެން ނެތް ކަމަށް ---- ފޮޓޯ/ މަޖިލީސް

އެގޮތުން ނާޒިމް ވިދާޅުވީ ޓާގެޓް ސަބްސިޑީގެ މުހިންމު ވާހަކައެވެ. މެލޭޝިއާ ފަދަ ގައުމުތަކުގައި ސަބްސިޑީ ދެނީ އެ އާއިލާއަކަށް ލިބޭ އާމްދަނީއަށް ބަލާފައި ކަމަށާއި ރާއްޖޭގައި އޮންނަ އުސޫލު ބަދަލު ކުރަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ޕައިލެޓުން އެބަ އުޅޭ، އެކައުންޓެންޓުން އެބައުޅޭ. ނިކަމެތި އެންމެ ކުޑަ މުސާރަ ލިބޭ ސިވިލްސާވަންޓުން އެބަ އުޅޭ. ބިލު އަންނަނީ އެންމެނަށް އެއް ރޭޓަކުން. އެެހެންވީމާ އިޖުތިމާއީ އަދާލަތެއް، ހަމަހަމަކަމެއް ނެތޭ ސަބްސިޑީ ދިނުމުގައެއް ވެސް،" އޭނާ ފާހަގަކުރެއްވިއެވެ.

ގިނައިން އާމްދަނީ ލިބޭ މީހުންނާއި މަދުން އާމްދަނީ ލިބޭ މީހުންނަށް ސަބްސިޑީ ހަމަހަމަކޮށް ދޭ އުސޫލު ބަދަލު ކުރަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތުން އެންމެ ކުޑަކޮށް އާމްދަނީ ލިބޭ މީހުންނަށް ސީދާ ސަބްސިޑީ ދިނުމަށް ޕޮލިސީ އެކުލަވާލައިވާލަން ޖެހޭކަން ނާޒިމް ފާހަގަކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ، އެގޮތަށް ޓާގެޓުކޮށްގެން ސަބްސިޑީ ދީގެން ނޫނީ މި ގައުމުގައި އިޖުތިމާއީ އަދާލަތު ގާއިމު ނުކުރެެވޭނެ ކަމަށެވެ. އެހެން ނޫންނަމަ މުއްސަނދިންނާއި ފަގީރުންގެ ފަރަގު މާ ބޮޑުވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި، މިހާރު ތިލަވާ މައްސަލަތައް ހައްލުނުވެ ހުރީ ކުރިން ހެދިފައި ހުރި ގޯސްތަކުގެ ސަބަބުންކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް