އެ މަނިކުފާނުގެ ސިޔާސީ އިލްމުވެރިކަމުގެ ވާހަކަދެއްކެވީ އަމިއްލަފުޅަށެވެ. ހިސާބު ޖެއްސެވުމުގައި އަރާހަމަ ނުކުރެވޭނެ ކަމަށް ގޮންޖެއްސެވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ)އަކީ މި ވީހާ ދުވަހު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އަރިސް މަދަދުގާރެވެ. އެންމެ ގާތް އެކުވެރިޔާއެވެ.
އަބްދުއްރަޙީމްގެ ސިޔާސީ ބާރުވެރިކަން ގުޅިފައި އޮތީ އެ ގާތްކަމާއި ވަފާތެރިކަމާއި އެކުވެރިކަމާއެވެ.
ރައީސް މުއިއްޒާ މައްސަލަ ޖެހުނު ހިސާބުން އެ ބާރުވެރިކަމަށް ވެސް ލޮޅުން އަތުވެއްޖެއެވެ. ސިޔާސީ ގޮތުން އަބްދުއްރަޙީމްގެ ތަރި އެހާ އުހުގައި ފިޔަޖެހީ ރައީސާ އޮތް ގާތްކަމުންނެވެ. ދެ ބޭފުޅުންގެ ގުޅުމުގެ ވަރުގަދަ ކަމުންނެވެ.
ދަރިކަލުން އިބްރާހިމް ފައިސަލް ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުން ވަކިކުރުމާ އެކު އަބްދުއްރަޙީމް ވަނީ ދިފާއުގައި ވާހަކަދައްކަވާފައެވެ. ދަރިކަލުންނަކީ އިޚުލާސްތެރިއެއް ކަމަށެވެ. ރައީސާ ގުޅުން ގޯސްވެއްޖެ ވާހަކަފުޅެވެ. ކަން ހިނގާ ދިޔައީ ދެރަވަރުކޮށްނޭ ވިދާޅުވިއެވެ. ފައިސަލް ވަކިކުރަން ޖެހޭ ސަބަބެއް ނޯންނާނޭ ވަރަށް ސާފުކޮށް ވިދާޅުވިއެވެ.
އަބްދުއްރަޙީމް އުޅުއްވަނީ މައްސަލަ ހައްލުވޭތޯ
ފައިސަލް ވަކިކުރުމާ އެކު ގުޅުން ގޯސްވެ، ދެން އިތުރަށް ހައްލުނުވާނެ ކަމަށް ހީވިއެވެ. އަބްދުއްރަޙީމް މެލޭޝިއާގައި ހުންނަވާފައި، ދަތުރު ކުރުކޮށްލެއްވުމަށް ފަހު، މާލެ ވަޑައިގެންއިރު ނޫސްވެރިން އެއާޕޯޓާއި މުރައިދޫގޭ ދޮށުގައި މުގޯލި އަޅައަޅައި ތިބީ އެހެންވެއެވެ.
އެކަމަކު، ނޫސްވެރިންނަށް ފިއްލަވައިގެން ބޯޓުން ފައިބައިވަޑައިގެން ގޮތަށް އެރުއްވީ ކާރަށެވެ. ދެން ވަޑައިގަތީ ގެކޮޅަށެވެ. އިންތިޒާރުގައި ތިބި ނޫސްވެރިންގެ ސުވާލުތަކަށް އެ ވެސް ޖަވާބެކެވެ.
"ރައީސާ މައްސަލަ ޖެހުނު ފަހުން އަދުރޭ އެކިއެކި މެންބަރުންނާ ވެސް ބައްދަލުކުރި. މައްސަލަތައް ހައްލުކުރެވޭތޯ އުޅެނީ. ބައެއް މެންބަރުން މުރައިދޫގެއަށް ގެންގޮސްގެން ވެސް ވާހަކަދެއްކި. ކަންކަން ދިމާވި ގޮތާއި މިހާ ހިސާބަށް ދިޔަ ސަބަބާ ގުޅޭ ގޮތުން ވެސް،" ޕީއެންސީގެ މެންބަރަކު ވިދާޅުވިއެވެ.
އެ މެންބަރު ވިދާޅުވި ގޮތުގައި އަބްދުއްރަޙީމާއި ރައީސާ ޖެހުނީ އެއް މައްސަލައެއް ދެ މައްސަލައެއް ނޫނެވެ.
"އަދުރޭ ވިދާޅުވި ކަމަށްވަނީ ތިމަންނަ ވެސް އިދިކޮޅުގައި ފަސް އަހަރު އުޅެފައި، ގޮތްތަކެއް ހޯދަންޖެހޭނެ ނޫންހޭ،" ކުރިން އަބްދުއްރަޙީމާ އެކުގައި އުޅުއްވި މެންބަރަކު ވިދާޅުވިއެވެ.
ޖެހުނީ އެ ފަދަ މައްސަލައެކެވެ. އެކަމަކު، މައްސަލަ ހައްލުކޮށް، ކުރިން އޮތް އިތުބާރާއި ގާތްކަމާއި ރަހުމަތްތެރިކަން އަލުން އިޔާދަވޭތޯ އަބްދުއްރަޙީމް އެ ހުންނެވީ އުންމީދުގައެވެ. ދަރިކަލުން ވަކިކުރިޔަސް އެ މަނިކުފާނު ބަހައްޓަވާނެކަމުގެ އުންމީދުގައެވެ. އެއްޗެއް ވިދާޅުނުވެ، އެ މަނިކުފާނު ކުރައްވަނީ މައްސަލަ ހައްލުކުރުމުގެ މަސައްކަތެވެ.
އެކީ ކައި އުޅުނު ބޭފުޅުން މިހާރު މުރައިދޫގެއަކަށް ނުދޭ
ރައީސާއި އަބްދުއްރަޙީމްގެ ގުޅުން ގޯސްވެފައި އޮންނަނީ ދުވަސްކޮޅެއް ވެއްޖެއެވެ. އެކިއެކި މައްސަލަތައް ޖެހެމުން ޖެހެމުން ގޮހެވެ.
އެކިއެކި މަސްދަރުތަކުން އައީ ފައިސަލް ވަކިކުރާނެ ކަމަށް ބުނަމުންނެވެ. އެ ވާހަކަ ތުންތުން މަތިން އަޑުއިވޭތާ އެތައް ދުވަހެއް ވެއްޖެއެވެ. ސަރުކާރު ތެރޭ ތިބި، އިސްވެރިންނާއި ކުދި ވެރިން ވެސް އެ ވާހަކަ ކިޔައިދެއެވެ. އެކަމަކު، ސާފު ސަބަބެއް ވިދާޅެއް ނުވެއެވެ. އެ ކަން ކުރައްވަން ރައީސް އުޅުއްވާތާ އެތައް ދުވަހެއް ވެއްޖެއެވެ.
ހާލަތު ގޯހުން ގޯހަށް ގޮސް، ފައިސަލް ވަކިކުރުމާ ހަމައަށް ވެސް އަބްދުއްރަޙީމްގެ ވަރަށް އަރިހުގައި ބައެއް މެންބަރުންނާއި ކުންފުނިތަކުގެ ވެރިން ގެންގުޅުއްވިއެވެ.
އެކަމަކު، އެ ހާލަތު ބަދަލުވެއްޖެއެވެ. އެތެރެއިން މައުލޫމާތު ދެއްވާ ޕީއެންސީގެ އެކިއެކި ބޭފުޅުން ވިދާޅުވި ގޮތުގައި މިހާރު އެއްވެސް ބޭފުޅަކު އަބްދުއްރަޙީމާ ވާހަކައެއް ނުދައްކަވައެވެ. އެކީ ކައި އުޅުއްވި ބޭފުޅުން މިހާރު ފޯނެއް ނުނަންގަވައެވެ. އެންމެ ގާތުގައި ގެންގުޅުއްވި ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވެސް މިހާރު މުރައިދޫގެއަށް ވަޑައިނުގަންނަވާ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.
"ކުރިން އަބަދު އެކީ ކައި އުޅުނު މީހުން. މިހާރު އަދުރޭ ގުޅިޔަސް މުރައިދޫ ގެއަކަށް ނުދޭ،" ނުގޮތަކަށް ހީލާފައި މަޖިލިސް މެންބަރަކު ވިދާޅުވިއެވެ.
"ނެތޭ ވަކި އިތުރު ގޮތެއް"
އެ މަނިކުފާނު އަތުރާ ފެންވަރުގައި އެއްވެސް ސިޔާސީ ބޭފުޅަކަށް ކުޅިބައި ނޭތުރޭނެ ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ. ހިތުގެ އަޑިން އެކަން ގަބޫލުކުރައްވައިގެން މޭފުޅުގައި އަތްޖައްސަވާފައެވެ.
"ސައިޒު އޮޅުނީ އަސްލު،" ކުރިން އެތެރެއިން ވާހަކަދެއްކި ތަނުން މެންބަރަކު ހޭން ފަށާފައި ވިދާޅުވިއެވެ.
މި ވެރިކަން ފެށުމާ އެކު އަބްދުއްރަޙީމް އެންމެ ފުރަތަމަ ފާޑުވިދާޅުވީ، ކުރިން 'ބައްޕައެއްގެ' ގޮތުގައި ސިފަކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށެވެ. އެ މަނިކުފާނަކީ ކަންނެތް ބޭފުޅެއް ކަމަށް ވިދާޅުވިއެވެ. ޒާތީ ދުޝްމަނުންނޭ ހީވާ ހިސާބަށް ކޯޅުނެވެ. ހިސާބު ޖެހުމުގައި އަރާހުންނެވި، ސިޔާސީ އެންމެ މޮޅު އިލްމުވެރިއަކީ އެ މަނިކުފާނޭ އަމިއްލައަށް އިއުލާނުކުރެއްވިއެވެ.
"ދެން ނޯންނާނޭ އަބްދުއްރަޙީމަކަށް ވަކި މާ މޮޅު ގޮތެއް،" ސިޔާސީ މަސްރަޙުގައި ހިނގާ ކަންކަން ދިރާސީ ނަޒަރަކުން ބައްލަވާ ބޭފުޅަކު އޭނާގެ ހިޔާލު ވެސް ކިޔައިދިނެވެ.
އެއީ ތެދެކެވެ. ޕާޓީން ވަކިކުރިޔަސް، ޕާޓީން ވަކިވިޔަސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރީ އަބްދުއްރަޙީމްގެ އަތްޕުޅުންނެވެ. އެ މަނިކުފާނު ވެސް ރުހިވަޑައިގެންނެވެ. އެހެންވީމާ، މަޖިލީހުގައި ރިޔާސަތުގައި އިންނެވުން އެކަންޏެއް ނޫނެވެ. ތަޅުމުގައި ކޮޅަށް ވެސް ހުންނެވޭނީ ރައީސް ބޭނުންފުޅު ނަމައެވެ.
"ޕާޓީން ވަކިކޮށްފިއްޔާ ގޮނޑި ވެސް އެބަ ގެއްލޭ. ނުވިތާކަށް، ދެން މި ހުރީ ޕީއެންސީގެ ޗެއާޕާސަންކަމުގައި، އެއީ ވެސް ހަމަ ރައީސް ދެއްވާ މަގާމެއް. އެހެންވީމާ، އަދުރޭއަކަށް ނެތޭ ވަކި މާ ގިނަ ގޮތްތަކެއް. އަނެއްކޮޅުން ރައީސް ޔާމީނާ ވެސް އޮތީ ގާތްނުވެވޭ ވަރަށް ދުރުވެފައި. ހަތުރުންނަށް ނުގޮވާ ވަރަށް އެއްޗެހި ގޮވިއެއްނު؟" އޭނާ އިތުރުކޮށްލިއެވެ.
"އެހެންވީމާ ޕީސް ކުރަން އެ އުޅެނީ. އެއްވެސް ގޮތެއް ނެތި، ގޮތް ހުސްވީމާ ނޫނީ ނެތޭ ދެކޮޅަށް ބަހެއް ބުނެވޭކަށް،"
ހަގީގަތުގައި އަބްދުއްރަޙީމް އެ ހުންނެވީ ގޮތް ހުސްވެފައެވެ. ޕީއެންސީގެ ހުރިހާ ބާރުވެރިކަމެއް މިލްކެއް ގޮތުގައި އޮތީ ރައީސް މުއިއްޒުގެ އަތްޕުޅުގައެވެ. އެ މަނިކުފާނުގެ ރުހުމާއި ތާއީދާ ނުލައި، އަބްދުއްރަޙީމް އެ ވަނީ ބާކީވެފައެވެ. މަޖިލީހުގެ ރިޔާސަތާއި، އުންމީދުގައި ހޯދި ގޮނޑި ގެއްލިދާނެކަމުގެ ބިރަށް ބަނދެވިފައެވެ.
ސިޔާސީ އިލްމުގައި ކިތަންމެ މޮޅަސް، ހިސާބަށް ކިތަންމެ ތޫނަސް، އަބްދުއްރަޙީމް އެ ހުންނެވީ ބާކީވެފައެވެ. މި ފަހަރު ޖެއްސެވި ހިސާބު ދިމާނުވެ، ގޮތް ހުސްވެފައެވެ.