އިމުގެ މައްސަލައިގައި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލީހާ ދެކޮޅުވެގެން، ޕާޓީން ވަކިކުރުމަކުން ފަރުވާލެއް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެންބަރު އަލީ އާޒިމް މިރޭ ވިދާޅުވެއްޖެއެވެ.
އިން ވަކިކުރި ގޮތާ މެދު ހިތްހަމަ ނުޖެހި ސަރުކާރާ ދެކޮޅު ޕާޓީތަކުން "ކަނޑު ވިއްކުމާ ދެކޮޅު"ގެ ނަމުގައި އެކުލަވާލައިފައިވާ އިއްތިހާދުން މިރޭ ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމުގައި، މެންބަރު އާޒިމް ވިދާޅުވީ، އެ އިއްތިހާދުގައި ތިބީ އެކި ޕާޓީތަކަށް ނިސްބަތްވާ އެކި ފިކުރުމުގެ މެންބަރުން ކަމަށެވެ.
ނަމަވެސް އިމުގެ މައްސަލައަކީ ގައުމީ ކަމެއް ކަމަށާއި އެ އިއްތިހާދުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު ކަމަށް ނުވަތަ ސަރުކާރުން، ރާއްޖޭގެ ކަނޑުގެ ބައެއް އެހެން ގައުމަކަށް ދިން ކަމަށް ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، ރާއްޖެއަށް ވަރަށް ބޮޑު ގެއްލުމެއް ދެވުނުކަން ސަރުކާރަށް އެނގި، އެކަން ފޫބައްދަަން ވެސް ވަރަށް ގިނަ މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް އިދިކޮޅު އިއްތިހާދުން މަސައްކަތް ކުރަނީ އެ ކަންކަމާ ދެކޮޅަށް ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހަމައެކަނި ރައްޔިތުން މަޖިލީހުން ގޮތް ނިންމަން އޮތް ކަމެއްގައި، ސަރުކާރުން ވަކިން ގޮތް ނިންމުމަކީ ގޯހެއް ކަމަށެވެ.
"އެކަން އެނގިހުރެ ހަމައެކަނި ޕާޓީން ވަކިކޮށް، ޖަލަށް ލައި އަދި އެހެން ކަމެއް ވެދާނެތީ އެ ވާހަކަ ނުދައްކައެއް ނުހުންނާނަން. ރާއްޖެއިން ބައެއް ގެއްލިގެން، މިކަމާ ވަކާލާތު ކޮށްގެން ކުރިމަތިވެދާނެ އެއްވެސް ކަމަކަށް އަޅުގަނޑު ކަންބޮޑު ނުވާތީވެ، މި ބޭފުޅުންނާ އެކު އަޅުގަނޑު މިތާނގައި އިންނާނީ،" އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ރައީސް ޞާލިޙުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ތާއީދުކުރާނަންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން އާޒިމް ވިދާޅުވީ، އިމުގެ މައްސަލައިގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް ހުރި ކަމަށެވެ. އާޒިމަކީ އެމްޑީޕީ ދެކަފިވެ، އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު އެކުލަވައިލި "ފިކުރެއްގެ ދިރުން" ފެކްޝަންގެ މެންބަރަކަށްވާއިރު، އޭނާ ވިދާޅުވީ، މި މައްސަލައިގައި އެ ފެކްޝަނުން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށެވެ.
އާޒިމް މިހެން ވިދާޅުވިއިރު، އެމްޑީޕީން ވަނީ މިކަމުގައި ސަރުކާރާ ދެކޮޅުވެ، ސަރުކާރުގެ ފަރާތްތަކުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ތާއީދުކުރާ މެންބަރުން ޕާޓީން ވަކިކުރާނެ ކަމުގެ އިންޒާރު ދީފައެވެ.
އިދިކޮޅު އިއްތިހާދުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، އިމުގެ މައްސަލައިގައި ރެލީއެއް ބާއްވާނެ ކަން އިއުލާނުކޮށްފައެވެ. އަދި، އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ ނިންމުން ރާއްޖެއިން ބަލައިނުގަންނާނެ ކަމަށް މޮރިޝަސްގެ ސަރުކާރަށާއި އިޓްލޮސްއަށް އަދި ކަމާބެހޭ އެހެނިހެން ފަރާތްތަކަށް އެންގުމާ އެކު އެ މައްސަލަ ބަލައިދިނުމަށް އިޓްލޮސްއަށް ހުށަހެޅުމަށް އެދި ޕެޓިޝަނެއް އެކުލާވާލައި، އޭގައި ސޮއި ކުރަން ފަށާފައިވާކަން ވެސް މިރޭ ވަނީ އިއުލާނު ކޮށްފައެވެ.
މިރޭގެ ބައްދަލުވުމުގައި އެމްއެންޕީއާ، ޖުމްހޫރީ ޕާޓީއާއި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ އިތުރުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ، ކުރީގެ ބަންޑާރަނައިބު ޑރ. މުޙައްމަދު މުނައްވަރާއި އުމަރު ނަސީރުގެ އިތުރުން އެމްޑީޕީގެ ފިކުރެއްގެ ދިރުން ގޮފިން، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ބައިވެރިވެ ވަޑައިގަންނަވާފައިވެއެވެ.
މި މައްސަލައިގައި ސަރުކާރު ގޯސްކޮށް، އިދިކޮޅު އިއްތިހާދުން ވަނީ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް ވައްދައިފައެވެ. އިތުރަށް ވެސް ކުރެވޭނެ ކަންކަމާ މެދު އެ ޕާޓީތަކުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.
ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަހައްދު ފުށުއަރާ 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދު ކުރިން ރާއްޖެއިން ބޭނުން ކުރި ނަމަވެސް އެއީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ނޫނެވެ. އަދި، އެއީ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް އިން ކަނޑައެޅިފައިވާ ސަރަހައްދެއް ނޫނެވެ. އެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބުނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.
އިދިކޮޅު ޕާޓީތަކުން ނުރުހުން ފާޅުކުރަމުން އަންނަނީ އެ ސަރަހައްދު އެއްކޮށް ލިބެންވާނީ ރާއްޖެއަށް ކަމަށް ބުނެއެވެ.