ނަޝީދާއި ޕީޕީއެމް އިސްވެ، އިދިކޮޅު އިއްތިހާދެއް އެކުލަވައިލަނީ

އިމުގެ މައްސަލައިގައި އެކުގައި މަސައްކަތް ކުރަން އިދިކޮޅު ޕީޕީއެމާއި އެމްޑީޕީގެ ފިކުރެއްގެ ދިރުން އިސްވެ އޮވެ، ހަދާ އިއްތިހާދާ ގުޅޭ ބައްދަލުވުމެއް-- ފޮޓޯ/ ޕީޕީއެމް

މޮރިޝަސްއާއި ރާއްޖެއާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބައި ކުރި ގޮތުން ހިތްހަމަނުޖެހިގެން އިދިކޮޅު ޕީޕީއެމާއި އެމްޑީޕީގެ ފިކުރެއްގެ ދިރުން އިސްވެ، އެ މައްސަލައިގައި އިދިކޮޅު އިއްތިހާދެއް އެކުލަވައިލުމުގެ މަޝްވަރާ ބައްދަލުވުމެއް ރޭ ބާއްވައިފިއެވެ.

މަނީލޯންޑްރިންއާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ވަނީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ބަހަން، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުމާ ގުޅިގެން އެކުގައި މަސައްކަތް ކުރެވޭނެ އެންމެހާ ބޭފުޅުންނާ އެކު މަސައްކަތް ކުރަން ޕީޕީއެމްގެ ލީޑާޝިޕަށް ލަފާ ދެއްވައިފައެވެ.

އެ ލަފާފުޅުގެ މަތިން އެ ކޯލިޝަނުން ގެންދަނީ އެ މައްސަލައިގައި އެކުގައި މަސައްކަތް ކުރަން ސަރުކާރާ ދެކޮޅު ފިކުރުތަކާ އެކު މަޝްވަރާ ކުރައްވަމުންނެވެ. އެގޮތުން، އެމްއެންޕީއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހިންގަވާ ފިކުރެއްގެ ދިރުމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ފަރާތުން ވަނީ އެ މައްސަލައިގައި އެކުގައި މަސައްކަތް ކުރުމުގެ މަޝްވަރާތަކުގައި ބައިވެރިވެފައެވެ.

ރޭ ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެފައިވަނީ:

  • ޕީޕީއެމް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ
  • ޕީޕީއެމްގެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް
  • ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް)
  • މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް (އެމްޑީޕީގެ ފިކުރެއްގެ ދިރުން ފެކްޝަން)
  • އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް
  • ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސަލީމް (މާޒް ސަލީމް)
  • ޖޭޕީގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން (ޖޭޕީގެ ފަރާތަކުން ނޫން)

އިމުގެ މައްސަލައިގައި އެކުގައި މަސައްކަތް ކުރަން އިދިކޮޅު ޕީޕީއެމާއި އެމްޑީޕީގެ ފިކުރެއްގެ ދިރުން އިސްވެ އޮވެ، ހަދާ އިއްތިހާދާ ގުޅޭ ބައްދަލުވުމެއް-- ފޮޓޯ/ ޕީޕީއެމް

ރޭގެ ބައްދަލުވުމާ ގުޅިގެން ޕީޕީއެމް/ޕީއެންސީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު "ސަން"އަށް ވިދާޅުވީ ރޭގެ ބައްދަލުވުމުގައި ބައިވެރިވީ އިމުގެ މައްސަލައިގައި އެކުގައި މަސައްކަތް ކުރަން އެއްބަސްވި ޕާޓީތަކާ އެކު މަޝްވަރާ ކުރަން އެކުލަވައިލާފައިވާ ކޮމެޓީގެ މެންބަރުން ކަމަށެވެ.

"ގާތްގަނޑަކަށް އިއްތިހާދެއް އެކުލަވައިލެވިފައި މިވަނީ މިހާރު. އިރާދަކުރެއްވިއްޔާ ވީކެންޑް [ހަފުތާ ބަންދު]ގެ ކުރިން ކުރިއަށް ދާނެ ގޮތްތަކެއް ނިންމޭނެ،" އޭނާ ވިދާޅުވިއެވެ.

އެކަމަކު، އެ މައްސަލައިގައި ކުރިއަށް ދާނެ ވަކި ގޮތެއް އަދިވެސް ނިންމާފައިނުވާ ކަމަށް އަދުރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިމުގެ މައްސަލައިގައި ޕާޓީތަކާ އެކު މަޝްވަރާތައް ކުރިއަށް ގެންދަނީ ކުރިއަށް ގެންދާނެ ގޮތްތަކެއް ރޭވުމަށް ކަމަށެވެ.

އިމުގެ މައްސަލައިގައި ނަޝީދު ގެންދަވަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އަދި، ޗާގޯސްއަކީ ދިވެހިންގެ ތަނެއް ކަމަށް ވެސް އެ މަނިކުފާނު ވަނީ މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައެވެ.

https://sun.mv/177130

ސަރުކާރާ ފެޔަށް ޖެހި އެމްޑީޕީ ތެރޭގައި ވަކި ހަރަކާތެއް ހިންގަވަން ފައްޓަވާފައިވާ ނަޝީދާ އެކު މިދިޔަ ހޯމަ ދުވަހު ވެސް ޕީޕީއެމުން ވަނީ މަޝްވަރާ ކޮށްފައެވެ.

ރާއްޖެއިން ވަކާލާތު ކުރި ގޮތަށް އިޓްލޮސްއިން ނިންމި ނަމަވެސް ކަނޑުން ބައެއް ގެއްލިފައިވާ ކަމަށް ތުހުމަތު ކުރައްވައި ސަރުކާރާ ދެކޮޅު ޕާޓީތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަޙައްދު ފުށުއަރާ 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދު ކުރިން ރާއްޖެއިން ބޭނުން ކުރި ނަމަވެސް އެއީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ނޫނެވެ. އަދި، އެއީ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް އިން ކަނޑައެޅިފައިވާ ސަރަހައްދެއް ނޫނެވެ. އެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބުނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.

އިދިކޮޅު ޕާޓީތަކުން ނުރުހުން ފާޅުކުރަމުން އަންނަނީ އެ ސަރަހައްދު އެއްކޮށް ލިބެންވާނީ ރާއްޖެއަށް ކަމަށް ބުނެއެވެ.

comment ކޮމެންޓް