ރާއްޖެއިން ބައެއް ގެއްލުނީތަ؟ އިތުރުވީތަ؟

ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ އިމުގެ މައްސަލައިގައި 58 އަހަރު ވީއިރު ވެސް ވަކި ގޮތެއް ނުނިންމެއެވެ.

ޗާގޯސް އަކީ އައްޑޫ ސިޓީގެ ދެކުނަށް އޮންނަ ޖަޒީރާއެކެވެ. މޮރިޝަސްއަށް ވުރެ ރާއްޖެއާ އިންވާ ގޮތަށް އޮންނަ އެ ޖަޒީރާއަކީ މިހާރު އިނގިރޭސިން ބަލަހައްޓާ ތަނެކެވެ. އެ ތަނުގައި އާންމު އާބާދީއެއް ނޯންނައިރު، އިނގިރޭސިން އެތަން ބޭނުން ކުރަނީ ވިޔަފާރި އުސޫލުންނެވެ.

ޗާގޯސްގެ މިނިވަންކަމާއި މިލްކުވެރިކަމާ މެދު މޮރިޝަސް އާއި އިނގިރޭސިން އަރާރުންވާތާ އެތައް އަހަރެއް ވެއްޖެއެވެ.

އެ ތަނުގެ މިލްކުވެރިކަމަށް ދިވެހިން ދުވަހަކު ވެސް ދައުވާއެއް ނުކުރެއެވެ. އެއީ، ދިވެހިންގެ ތަނެއްކަމަށް ދައްކާ އެއްވެސް ތާރީޚީ ހެއްކެއް ވެސް ނެތެވެ. އަދި، އިޓްލޮސްއަށް ހުށަހަޅައިގެން އިއްޔެ ހުކުމް ކުރީ ވެސް ޗާގޯސްގެ މިލްކުވެރިކަމާ ބެހޭ މައްސަލައިގައެއް ނޫނެވެ.

ޗާގޯސްގެ ރަށްތައް -- ފޮޓޯ: ގެޓީ

އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި މޮރިޝަސް އޮތް އިރު، 1965ވަނަ އަހަރު އިނގިރޭސިން މޮރިޝަސްގެ އަތުން ޗާގޯސް އަތުލީއެވެ. އެއަށް ފަހު، އިނގިރޭސިން، ޗާގޯސް އަތުލައި އެތަން ހުސްކޮށް އެ ތަނުގައި ވަނީ "ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ" އެކުލަވާލައިފައެވެ.

އެކަމަކު، މިނިވަންކަން ލިބި، އދ އާ ގުޅުމަށް ފަހު މޮރިޝަސް އިން ވަނީ ޗާގޯސް އަނބުރާ ހޯދަން ދައުވާ ކޮށްފައެވެ.

ޗާގޯސްގެ މިލްކުވެރިކަމަށް އެއްވެސް އިރަކު ދިވެހިން ދައުވާއެއް ނުކުރޭ

މި މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ކުރާ އެންމެ ބޮޑު ތުހުމަތަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމެވެ. އަދި، ޗާގޯސްގެ މިލްކުވެރިކަން ދިވެހިން ދޫކޮށްލީ ރައީސް ފޮނުއްވި ސިޓީފުޅުން ކަމަށެވެ. އެކަމަކު، އެއީ އޮޅުމެކެވެ.

އިޓްލޮސްގެ ނިންމުމާ ގުޅިގެން ނުރުހުން ފާޅުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެއީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވެ، އެ ނިންމުން ބަލައިނުގަންނަން ގޮވާލައްވައިފައެވެ.

"ޗާގޮސް އަތޮޅުތަކުގެ ސިޔާދަތީ ބާރު ރާއްޖެއިން ދޫކޮށްލުމުން، މިހާރު މި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައި. އަޅުގަނޑު ދެކޭ ގޮތުގައި މި ކަން ބަލައިނުގަތުމަކީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތް،" އެ މަނިކުފާނު ވިދާޅުވިއެވެ.

https://sun.mv/176671

އިދިކޮޅު ޕީޕީއެމުން ވެސް ދައްކަން އުޅެނީ އެ މަންޒަރެވެ.

ޕީޕީއެމް/ޕީއެންސީ ހިންގެވުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުރައްހީމް އަބްދުﷲ ވެސް ވަނީ އިޓްލޮސްގެ ނިންމުމުން ރާއްޖެ އަތުން ޗާގޯސް ގެއްލުނީ ކަމަށް ސިފަ ކުރައްވައިފައެވެ.

"ބޮޑުތަކުރުފާނު ދިވެހިންނަށް އަނބުރާ ހޯދައިދިން ދިވެހިރާއްޖެ، ދޮންބަންޑާރައިންގެ ގުރުބާނީން އަޅުގަނޑުމެންނަށް ވާރުތަ ކޮށްދެއްވި މި ފަހުރުވެރި ދިވެހި ގައުމު، ހުސައިން އާދަމްގެ ލޭ ދިވެހި ބިމަށް އޮހޮރާލައިގެން އަޅުގަނޑުމެންނަށް ގާއިމްކޮށްދިން އަމާންކަން އަލުން އަނބުރާ ގެނެސް، މި ގައުމުގެ މިލްކުވެރިކަން ފުރިހަމަ ގޮތުގައި ހޯދައިދެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން،" އޭނާ ވިދާޅުވިއެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ/ ޕީޕީއެމް

އެކަމަކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވެސް އަދި، ނަޝީދުގެ ސަރުކާރުގައި ވެސް ޗާގޯސް އަކީ ދިވެހިންގެ ތަނެއް ކަމަށް ވަކާލާތު ކޮށްފައެއް ނުވެއެވެ. އެ ތަނުގެ މިލްކުވެރިކަމަށް ދައުވާކޮށް، ބައިނަލްއަޤްވާމީ ޓްރައިބިއުނަލެއް ނުވަތަ ކޯޓެއްގައި މައްސަލައެއް ވެސް ޖައްސައިފައެއް ނުވެއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި އެއްވެސް ސަރުކާރަކުން އެ މައްސަލައިގައި ޗާގޯސްގެ މިލްކުވެރިކަން ހޯދަން ދައުވާއެއް ނުކުރެއެވެ. ހުރިހާ ސަރުކާރަކުން ވެސް ގެންގުޅުނީ މިހާރު ވެސް ގެންގުޅޭ ސިޔާސަތެވެ. ބައިނަލްއަޤްވާމީ ކަނޑުގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިން ބެހުމެވެ.

"ދައުލަތަކުން ނެތޭ އެއްވެސް އިރެއްގައި ޗާގޯސްއަކީ އަޅުގަނޑުމެންގެ ތަނެކޭ ބުނެ އަޑުއުފުލައިފައެއް. މިހާރު ތިޔަ ވާހަކަފުޅު ދައްކަވާ ވެރިން، ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުން ކަމަށް ވިޔަސް، ބަންޑާރަނައިބުކަން ކުރެއްވި ބޭފުޅުންނަށް ވިޔަސް، އެ ހުރިހާ ބޭފުޅުންނަށް ވެސް އެ ފުރުސަތު ލިބިވަޑައިގަތޭ." އޭނާ ވިދާޅުވިއެވެ.

"ދިވެހިންގެ ހައްގުގައި ނުކުމެވަޑައިގެން މޭގައި އަތް ޖައްސަވައި މީ ތިމަންނަމެންގެ ތަނެކޭ، ނުކުރައްވާ އެ ކަމެއް އޭރަކު."

ކުރީ ސަރުކާރުތަކުގައި ވެސް ޗާގޯސްގެ މިލްކުވެރިކަމަށް ދައުވާ ކުރަން ފުރުސަތު އޮތެވެ. އެކަމަކު، އެއްވެސް ސަރުކާރަކުން އެއީ ދިވެހިންގެ ތަނެއް ކަމަށް ދައުވާ ކޮށްފައެއް ނުވެއެވެ. ރާގު ބަދަލުވެގެން އުޅެނީ މިހާރު އިދިކޮޅަށް ވަޑައިގަތުމަށް ފަހުގައެވެ.

ޗާގޯސްގެ މިލްކުވެރިކަމާއި އިން ވަކިކުރުން: ތަފާތު ދެ ކަމެއް

ޗާގޯސް އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި އަދިވެސް އޮތުމުން މޮރިޝަސްއަށް ފުރިހަމަ މިނިވަންކަން ނުލިބޭ ކަމަށް އދ.އިން ބުނީ 2017ވަނަ އަހަރެވެ. އަދި، އިނގިރޭސިން ވީ އެންމެ އަވަހަކަށް، ޗާގޯސް ދޫކޮށްލުމަށް އޭރު އދ. އިން ވަނީ އެޑްވައިޒަރީ އޮޕީނިއަން އެއް ނެރެ، ހަ މަސް ދުވަހުގެ މުހުލަތެއް ދީފައެވެ. އެކަމަކު، އިނގިރޭސިން އެ ނިންމުމަށް ތަބައެއް ނުވެއެވެ.

ޗާގޮސްގެ ރަށްތައް އިސްތިމާރުކޮށްގެން ތިބި އިނގިރޭސިންނަށް އެ ސަރަހައްދުގެ ބާރު ނޯންނާނެ ކަމަށާއި އެއީ މޮރިޝަސްގެ ބާރު ހިނގާ ސަރަހައްދެއް ކަމަށް ބުނެ އިންޓަނޭޝަން ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019ވަނަ އަހަރު ވަނީ އިސްތިޝާރީ ލަފައެއް ނެރެފައެވެ.

އެކަމަކު، އެ ނިންމުން ގަބޫލުނުކޮށް، އިޓްލޮސްއަށް އިމުގެ މައްސަލަ ނުބެލޭނެ ކަމަށް ރާއްޖެއިން ވަނީ ވަކާލާތު ކޮށްފައެވެ. އެ ނިންމުމާ ރާއްޖެއިން ދެކޮޅު ހެދީ ޗާގޯސްގެ ރަށްތަކުގެ މިލްކުވެރި ކަމަށް ދައުވާ ކުރާތީއެއް ނޫނެވެ. އޭރު އެގޮތަށް ވޯޓު ދިނީ ރާއްޖޭގެ މަސްލަހަތު އޮތް މައްސަލައެއް މޮރިޝަސްއިން ހުށަހަޅާފައިވާތީ އެ ކަމަށް "ޕްރޮޓެސްޓް" ކުރާށެވެ.

ނަމަވެސް އިޓްލޮސްއިން ވަނީ ރާއްޖޭގެ އެ ދިފާއު ގަބޫލުނުކުރާން ނިންމައިފައެވެ. އަދި، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީ (އަންކްލޮސް)ގައި އޮންނަ ގޮތަށް ދެ ގައުމަށް ވެސް 200 މޭލުގެ ކޮންޓިނެންޓަލް ޝެލްފެއް ދޭން ޖެހޭނެ ކަމަށް ނިންމައިފައެވެ.

އެހެންވެ، އިޓްލޮސް މެދުވެރިކޮށް ފުށުއަރާ ސަރަހައްދު ބެހުން ނޫން ހައްލެއް މި ކަމުގައި ނޯންނާނެއެވެ.

ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ބަލައިގަންނަކަން ހާމަކުރައްވައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް، މޮރިޝަސްގެ ބޮޑު ވަޒީރަށް ސިޓީފުޅެއް ފޮނުއްވީ އެ ހިސާބުންނެވެ. ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ރާއްޖެއިން ގަބޫލުކުރި ނަމަވެސް، އިން ވަކި ކުރުމުގައި ރާއްްޖެއިން ގެންގުޅުނު ސިޔާސަތު ބަދަލުކޮށްފައެއް ނުވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވި ގޮތުގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވަނީ ޗާގޯސްގެ ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ރާއްޖެއިން ބަލައިގެންކަމެވެ. އެއީ، އިމުގެ މައްސަލައާ ގުޅިގެން ފޮނުއްވި ސިޓީއެއް ނޫން ކަމަށާއި މިއީ ދެ މައްސަލައެއް ކަމަށް އެ މަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

"އެއް ކަމަކީ (ޗާގޯސްގެ) މިލްކުވެރިކަމުގެ ވާހަކަ، ސިޔާދަތީ ބާރުގެ ވާހަކަ. އަނެއް ކަމަކަށް މި ދައްކަނީ ސަރަހައްދު ބެހުމުގެ ވާހަކަ. ގުޅުމެއް އޮތް ކަމަށް ވަންޏާ އެކަން އޮތީސް މިއަދުގެ ހުކުމުގައި، މުޅިން ދެ ވާހަކައެއް މި ދެ ކަމަކީ. އެހެންވީމާ މިއީ އެއްވެސް ގުޅުމެއްވާ ކަމެއް ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

https://sun.mv/176676

އިއްޔެގެ ހުކުމުން ސާބިތުވީ އެ ކަމެވެ. އިން ވަކި ކުރުމުގައި މޮރިޝަސްއިން ބޭނުންވީ ހަމައެކަނި ހިކި ދިޔައިގައި ފެންނަ ބްލެންހެމް ރީފުން ފެށިގެން މިން އަޅައިށެވެ.

އެކަމަކު، ރާއްޖެއިން ވަކާލަތު ކުރީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ. އިޓްލޮސް އިން ވެސް އިއްޔެ ނިންމީ މޮރިޝަސްގެ ހުށަހެޅުންތައް ބަލައިނުގަނެވޭނެ ކަމަށެވެ. މި ނިންމުމާ އެކު، ރާއްޖެއަށް އިތުރު 4687 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބޭނެއެވެ. މޮރިޝަސް އިން ވަކާލާތު ކުރި ގޮތަށް މައްސަލަ ނިމުންނަމަ، އެ ސަރަހައްދު ލިބޭނީ މޮރިޝަސް އަށެވެ.

ރާއްޖެއާއި މޮރީޝަސްއާ ކަނޑުގެ ސަރަޙައްދުން ފުށުއެރި 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ދީ، މޮރީޝަސްއަށް ދިނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.

ކުރިން، އެހެން ގައުމުތަކެކޭ ވެސް އެއްފަދައިން ރާއްޖެއިން ވެސް އެ ސަރަހައްދު ބޭނުން ކުރީއެވެ. އެކަމަކު، އެއީ ރާއްޖޭގެ ބާރު ހިނގާ ކަނޑުގެ ސަރަހައްދެއް ނޫނެވެ. ފަންސާސް އަށް އަހަރު ފަހުން އިއްޔެ ވަނީ އެ ސަރަހައްދު ބަހައިފައެވެ. މިހާރު ބަހާފައި ލިބުނު ސަރަހައްދަކީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ކަނޑުގެ ސަރަހައްދަށް އިތުރުވި ސަރަހައްދެކެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން، އެއްވެސް ބައެއް އުންޏެއް ނުވެއެވެ. ވީ އިތުރެވެ!

comment ކޮމެންޓް