ޗާގޯސްގެ ރަށްތަކަކީ ދިވެހިންގެ ތަނެއް ކަމަށާއި ނިމިދިޔަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެ ތަނުގެ މިލްކުވެރިކަމަށް ދައުވާ ނުކުރީ މަސްލަހަތަށްޓަކައި ކަމަށް އިދިކޮޅު ޕީޕީއެމުން ބުނެފިއެވެ.
އެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ނިންމީ ރާއްޖެއިން ވަކާލާތު ކުރި ގޮތަށް ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ދެ ގައުމުގެ ފުށުއަރާ އިގްތިސާދީ ސަރަހައްދު ބަހާލައިށެވެ.
އެކަމަކު، އެ ނިންމުމަށް އިދިކޮޅުން އަންނަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ޕީޕީއެމުން އެކުލަވާލައިފައިވާ "ފޯޅަވަހި" ކޮމެޓީން މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ތަކުރާރުކޮށް ވިދާޅުވީ ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ނޫން ކަމަށާއި އެ ސަރަހައްދު ބަހަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި، ބެހުމުގެ ސަބަބުން ދިވެހިން މަސްވެރިކަން ކޮށް އުޅުނު މަސް ކަނޑުން ބޮޑު ބައެއް ގެއްލިފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.
"ރައީސް އެޑްވާންސްކޮށް ސިޓީއެއް މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުވީމައި، އެ ތަނުގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކްލެއިމް (ދައުވާ) ކުރާ ފަރާތަކަށް އެ ސިޓީ އެބަވޭ ނޫންތޯއޭ ބުރަދަނަކަށް،" ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވިއެވެ.
އެކަމަކު، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާނެކަން ގަބޫލުކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އެ ގައުމުގެ ބޮޑު ވަޒީރަށް ސިޓީފުޅެއް ފޮނުވީ އިޓްލޮސްއިން ރާއްޖޭގެ އެ ދިފާއު ގަބޫލުނުކުރުމުންނެވެ. މި ސަރުކާރުން ވެސް އިޓްލޮސްގައި ފުރަތަމަ ވަކާލާތު ކޮށްފައިވަނީ ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ނޫން ކަމަށެވެ. އެހެންވެ، އިމުގެ މައްސަލަ ނުބެލޭނެ ކަމަށް ބުނި ނަމަވެސް އިޓްލޮސްއިން ވަނީ އެ ދިފާއު ގަބޫލުނުކޮށް، އެ މައްސަލަ ބެލޭނެ ކަމަށް ނިންމައިފައެވެ.
އެހެންވެ، ފުށުއަރާ އިމުގެ ސަރަހައްދު ބެހުން ނޫން ގޮތެއް އެ މައްސަލައިގައި ނޯންނާނެއެވެ. ނަމަވެސް ސައީދު ވިދާޅުވީ ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހިނގާކަން ދައްކަން މޮރިޝަސްގެ އެންމެ ބޮޑު ހެއްކަކަށްވީ ރައީސްގެ ސިޓީފުޅު ކަމަށެވެ.
ޗާގޯސްއަކީ ދިވެހިންގެ ތަނެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ވިދާޅުވާއިރު، ކުރީ ސަރުކާރުގައި އެ ތަނުގެ މިލްކުވެރިކަމަށް ދައުވާ ނުކުރީ ކީއްވެތޯ ސުވާލު ކުރުމުން ވިދާޅުވީ، އޭރު ފުށުއަރާ ކަނޑުގެ ސަރަހައްދަށް ދިވެހިންނަށް ދެވޭ ކަމަށެވެ. އެހެންވެ، މަސްލަހަތު ނަގައިނުލާން ވެގެން މިލްކުވެރިކަމަށް ދައުވާ ނުކުރީ ކަމަށް އެ ސަރުކާރުގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ.
"ނުލާހިކު ސުލްހަވެރިކޮށް އޮތް ތަނެއް، އަޅުގަނޑުމެންނަށް ވެސް މަސް ކަނޑުގެ ތެރެއަށް ނުކުމެ އުޅެވޭ ގޮތަށް އޮތް ތަނެއް. އެހެންވީމާ، އަޅުގަނޑުމެން ސުލްހަވެރިކޮށް މިހެން އޮތް ތަނެއްގައި، ޖިއޯ-ޕޮލިޓިކްސްއާ ކަންކަމަށް ވިސްނާއިގެން ކަމަކަށް ކްލެއިމް ނުކޮށް އޮތުމަކީ، އެއީ އަޅުގަނޑުމެންގެ ތަނެއް ނޫނޭ ބުނުމެއް ނޫން،" ނާޒިމް ވިދާޅުވިއެވެ.
އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި މޮރިޝަސް އޮތް އިރު، 1965ވަނަ އަހަރު އިނގިރޭސިން މޮރިޝަސްގެ އަތުން ޗާގޯސް އަތުލީއެވެ. އެއަށް ފަހު، އިނގިރެސިން، ޗާގޯސް އަތުލައި އެތަން ހުސްކޮށް އިނގިރޭސިން ވަނީ އެ ތަނުގައި "ބްރިޓިސް އިންޑިއަން އޯޝަން ޓެރިޓަރީ" އެކުލަވާލައިފައެވެ.
އެކަމަކު، މިނިވަންކަން ލިބި، އދ. އާއި ގުޅުމަށް ފަހު މޮރިޝަސް އިން ވަނީ ޗާގޯސް އަނބުރާ ހޯދަން ދައުވާކޮށްފައެވެ.
ޗާގޯސް އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި އަދިވެސް އޮތުމުން މޮރިޝަސްއަށް ފުރިހަމަ މިނިވަންކަން ނުލިބޭ ކަމަށް އދ. އިން ބުނީ 2017ވަނަ އަހަރުއެވެ. އަދި، އިނގިރޭސިން ވީ އެންމެ އަވަހަކަށް ޗާގޯސް ދޫކޮށްލުމަށް އޭރު އދ. އިން ވަނީ އެޑްވައިޒަރީ އޮޕީނިއަންއެއް ނެރެ، ހަ މަސް ދުވަހުގެ މުހުލަތެއް ދީފައެވެ. އެކަމަކު، އިނގިރޭސިން އެ ނިންމުމަށް ތަބައެއް ނުވެއެވެ.
ޗާގޮސްގެ ރަށްތައް އިސްތިމާރުކޮށްގެން ތިބި އިނގިރޭސިންނަށް އެ ސަރަހައްދުގެ ބާރު ނޯންނާނެ ކަމަށާއި އެއީ މޮރިޝަސްގެ ބާރު ހިނގާ ސަރަހައްދެއް ކަމަށް ބުނެ އިންޓަނޭޝަން ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019ވަނަ އަހަރު ވަނީ އިސްތިޝާރީ ލަފައެއް ނެރެފައެވެ. އެކަމަކު، އެ ނިންމުން ގަބޫލުނުކޮށް، އިޓްލޮސްއަށް އިމުގެ މައްސަލަ ނުބެލޭނެ ކަމަށް ރާއްޖެއިން ވަނީ ވަކާލާތު ކޮށްފައެވެ.
ނަމަވެސް އިޓްލޮސްއިން ވަނީ ރާއްޖޭގެ އެ ދިފާއު ގަބޫލުނުކޮށް، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީ (އަންކްލޮސް)ގައި އޮންނަ ގޮތަށް ދެ ގައުމަށް ވެސް 200 މޭލުގެ ކޮންޓިނެންޓަލް ޝެލްފެއް ދޭން ޖެހޭނެ ކަމަށް ނިންމައިފައެވެ.
ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަޙައްދު ފުށުއަރާ 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދު ކުރިން ރާއްޖެއިން ބޭނުން ކުރި ނަމަވެސް އެއީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ނޫނެވެ. އެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބިގެން ދިޔައީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ. އިތުރުވީ ސަރަހައްދަކީ މިހާރު ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެކެވެ.