ރާއްޖެއަށް ލިބުނީ ބޮޑު މޮޅެއް، އެއްވެސް ގެއްލުމެއް ނެތް: ޕްރޮފެސާ ޕަޔަމް

އިޓްލޮސްގެ ނިންމުމާ ގުޅިގެން ރާއްޖޭގެ ލީޑް ކައުންސެލް ޕްރޮފެސާ ޕަޔަމް އަހަވަން ބޭއްވި ނޫސްވެރިންގެ ބައްދުލުވުމުގެ ތެރެއިން ---

ރާއްޖެއަށް މިނިވަންކަން ލިބުނީއްސުރެ، މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ބަހަން އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން މިއަދު ނިންމި ނިންމުމަކީ ރާއްޖެއަށް އެއްވެސް ގެއްލުމެއް ނެތް، ބޮޑު މޮޅެއް ކަމަށް މި މައްސަލައިގައި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރެއްވި ލީޑް ކައުންސެލް ޕްރޮފެސާ ޕަޔަމް އަހަވަން މިރޭ ވިދާޅުވެއްޖެއެވެ.

އެ މައްސަލައިގައި އިޓްލޮސްއިން މިއަދު ނިންމީ ރާއްޖެއިން ވަކާލާތު ކުރި ގޮތަށް ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ދެ ގައުމުގެ ފުށުއަރާ އިގްތިސާދީ ސަރަހައްދު ބަހާލައިށެވެ.

އިޓްލޮސް އިން ނިންމީ ފުށުއަރާ ބައި އިކުއި ޑިސްޓެންޓު އުސޫލުން ބަހާލައިށެވެ. މިގޮތަށް އިގްތިސާދީ ސަރަހައްދު ބެހުމުގައި ދެ ގައުމުގެ ދެމެދުގައި ހިޔާލު ތަފާތުވުން އުފެދުނީ ހަމައެކަނި ހިކި ދިޔައިގައި ފެންނަ ބްލެންހެމް ރީފުން ފެށިގެން މިން އަޅަން މޮރިޝަސް އިން އެދުމުންނެވެ. އެކަމަކު، ރާއްޖެއިން ވަކާލަތު ކުރީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ. އިޓްލޮސް އިން ވެސް މިއަދު ނިންމީ މޮރިޝަސްގެ ހުށަހެޅުންތައް ބަލައިނުގަނެވޭނެ ކަމަށެވެ.

އެ ނިންމުމާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަން"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޕްރޮފެސާ ޕަޔަމް ވިދާޅުވީ އިދިކޮޅުން ތުހުމަތުތަކެއް ކުރެއްވި ނަމަވެސް، ރާއްޖޭގެ މިއަދުގެ ނިންމުމަކީ ރާއްޖެއަށް އެއްވެސް ގެއްލުމެއް ލިބޭނެ ނިންމުމެއް ނޫން ކަމަށެވެ. އަދި، މިއީ ވަރަށް ބޮޑު ކާމިޔާބެއް ގޮތުގައި އޭނާ ވަނީ ސިފަ ކުރައްވައިފައެވެ.

"މިއީ ރާއްޖެއަށް އެއްވެސް ގެއްލުމެއް ލިބޭނެ ނިންމުމެއް ނޫން. މި ވީހާތަނަށް އިން ކަނޑަނޭޅި އޮތް ސަރަހައްދެއްގެ އިން، ރާއްޖެއިން ބޭނުންވި ގޮތަށް މި ވަނީ ކަނޑައެޅިފައި،" އޭނާ ވިދާޅުވިއެވެ.

https://sun.mv/176662

ބައިނަލްއަޤްވާމީ ކަނޑުގެ މައްސަލަތަކުގައި ވަކާލާތު ކުރުމުގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ޕަޔަމް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ވެސް މި ނިންމުމުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.

"100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ބައިނަލްއަޤްވާމީ ކަނޑުގެ ގާނޫނުގައި ވާގޮތުން ދެ ގައުމުގެ ދެމެދުގައި ފުށުއަރާ ކަނޑުގެ ސަރަހައްދު ޖެހޭނީ އިކުއިޑިސްޓޭންޓް އުސޫލުން ބަހަން. ބޮޑު ބައި، 47،000 އަކަ ކިލޯމީޓަރު ލިބުނީ ރާއްޖެއަށް. މޮރިޝަސްއަށް ލިބުނީ 45،000 އަކަ ކިލޯމީޓަރު. ކޮންމެ ގޮތަކުން ބެލިޔަސް އެއީ ވަރަށް ރަނގަޅު ނަތީޖާއެއް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް އެއްވެސް އެއްޗެއް ނުގެއްލޭ ކަމަށެވެ. އޭގެ ބަދަލުގައި ރާއްޖެއަށް އިތުރު ކަނޑުގެ ސަރަހައްދެއް ލިބުނީ ކަމަށް އޭނާ ވިދާޅުވިއެވެ.

"މަސްވެރިކަމަށް އަސަރެއް ނުކުރާނެ"

މި ނިންމުމުގެ ސަބަބުން މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ދާ އަޅައިގެން މަސްވެރިކަން ކުރާތީ، އެ ކަމުގެ ނޭދެވޭ އަސަރު ދިވެހި މަސްވެރިކަމަށް ކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތައް ރައްދުދެއްވަމުން ޕަޔަމް ވިދާޅުވީ މި މައްސަލައިގައި ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިވެހި މަސްވެރިންނަށް މުހިއްމުވާ މިންވަރު ވަރަށް ބޮޑަށް ސާފު ކޮށްދީފައިވާނެ ކަމަށެވެ.

"މޮރިޝަސްއިން ވަނީ މެރިން ޕްރޮޓެކްޓެޑް ސަރަހައްދެއް ކަނޑައަޅާނެ ކަމަށް ނިންމާފައި. މެރިން އެންވަޔަރަމަންޓާއި ފިޝަރީޒްއާ ގުޅޭ މައްސަލަތައް ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކޮށްގެން ކުރިއަށް އޮތްތާނގައި ނިންމޭނެ، އެއީ ސީދާ ގޮތުން މި މައްސަލައާ ގުޅުންހުރި ކަންކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

"1992ގެ ޔޫއެން ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީގެ ދަށުން މެރިން އެންވަޔަރަމަންޓާއި ފިޝަރީޒް ހިމާޔަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް، ހާއްސަކޮށް ހިޖުރަ ކުރާ މަސްމަހާމެހީގެ. އަދި، މަޝްވަރާތަކުގެ އިތުރުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެފަދަ ގެއްލުމެއް ވާނަމަ، އިޓްލޮސްގައި ދައުވާ ކުރުމުގެ ހައްގު ވެސް ރާއްޖެއަށް އޮންނާނެ،"

އިޓްލޮސްގައި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރެއްވި ދެ ބޭފުޅުން ---

ޕަޔަމް ވިދާޅުވި ގޮތުގައި މި ނިންމުން ބޮޑު ކާމިޔާބަކަށް ވަނީ ބަލިވި ނަމަ 11،000 އަކަ ކިލޯމީޓަރު ގެއްލުނީތީ ކަމަށެވެ. އެކަމަކު، އިޓްލޮސްގައި މި މައްސަލަ ބެއްލެވި ނުވަ ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ، މޮރިޝަސްއިން ކުރި ދައުވާތައް ބަލައިނުގަންނާށެވެ.

އެހެންވެ، އިޓްލޮސްއިން މިއަދު ނިންމީ، ދެ ގައުމުގެ ދެމެދުގައި ފުށުއަރާ ކަނޑުގެ ސަރަހައްދުން ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަަށް ބަހާށެވެ. މި ނިންމުމާ އެކު، ރާއްޖެއަށް އިތުރު 4687 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބޭނެއެވެ. މޮރިޝަސް އިން ވަކާލާތު ކުރި ގޮތަށް މައްސަލަ ނިމުންނަމަ، އެ ސަރަހައްދު ލިބޭނީ މޮރިޝަސް އަށެވެ.

comment ކޮމެންޓް