އިމުގެ މައްސަލައިގައި ނަޝީދު ދައްކަވާ ނިފާގުކަން

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް މިނިވަންކަން ލިބުނީއްސުރެ، މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދާ މެދު ގޮތެއް ނިންމިފައެއް ނުވެއެވެ. އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖެއިން ވެސް އެ ސަރަހައްދު ބޭނުންކުރި ނަމަވެސް ޗާގޯސްގެ ރަށްތަކުގެ މިލްކުވެރިކަމަށް ދުވަހަކު ވެސް ރާއްޖެއިން ދައުވާ ކޮށްފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ފުށުއަރާ އިމުގެ މައްސަލައިގައި ގެންގުޅުއްވީ ބައިކޮށް ބެހުމުގެ ސިޔާސަތެވެ. އަދި، އެ މަނިކުފާނު ވެސް ޗާގޯސްގެ މިލްކުވެރިންނަކީ ރާއްޖެ ކަމަށް ވަކާލާތު ކޮށްފައެއް ނެތެވެ.

އެކަމަކު، މި ސަރުކާރާ ފެޔަށް ޖެހުމަށް ފަހުގައި، ދެން މި މައްސަލަ ފެންމަތިވުމުން އެ މަނިކުފާނުގެ ރާގު ވަނީ ބަދަލުވެފައެވެ. ދެން ދައްކަވަން އުޅުއްވީ ޚުދު އެ މަނިކުފާނު ވެސް އިމުގެ މައްސަލައިގައި ގެންގުޅުއްވި ސިޔާސަތަކީ ގެއްލުން ބޮޑު ސިޔާސަތެއް ކަމަށެވެ. އަދި، ޗާގޯސްގެ ރަށްތަކުގެ ހަގީގީ މިލްކުވެރިންނަކީ ދިވެހިން ކަމަށް ވިދާޅުވެ، އެ މަނިކުފާނު ދެއްކެވީ ހައްތަހައި ވެސް ސިޔާސީ ވާހަކަފުޅުތަކެވެ.

މިއީ ސިޔާސީ ބޭފުޅުން، އެ ބޭފުޅުން ބޭނުންވާ ސިޔާސީ މަގުސަދު ހާސިލުކުރައްވަން ގެންގުޅުއްވައި ނިފާގުކަމެވެ.

ފަންސާސް އަށް އަހަރު ފަހުން މިއަދު އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމީ ރާއްޖެއިން ވަކާލާތު ކުރި ގޮތަށް ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ދެ ގައުމުގެ ފުށުއަރާ އިގްތިސާދީ ސަރަހައްދު އިކުއި ޑިސްޓެންޓު އުސޫލުން ބަހާލައިށެވެ.

https://sun.mv/176662

މިގޮތަށް އިގްތިސާދީ ސަރަހައްދު ބެހުމުގައި ދެ ގައުމުގެ ދެމެދުގައި ހިޔާލު ތަފާތުވުން އުފެދުނީ ހަމައެކަނި ހިކި ދިޔައިގައި ފެންނަ ބްލެންހެމް ރީފުން ފެށިގެން މިން އަޅަން މޮރިޝަސް އިން އެދުމުންނެވެ. އެކަމަކު، ރާއްޖެއިން ވަކާލަތު ކުރީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ. އިޓްލޮސްއިން ވެސް އިއްޔެ ނިންމީ މޮރިޝަސްގެ ހުށަހެޅުންތައް ބަލައިނުގަނެވޭނެ ކަމަށެވެ.

ނަޝީދު ވެސް ޗާގޯސްގެ މިލްކުވެރިކަމަށް ދައުވާއެއް ނުކުރޭ

އިޓްލޮސްގެ ނިންމުން ގޯސް ކަމަށް ތުހުމަތު ކުރައްވައި ނަޝީދު މަސައްކަތް ކުރެއްވީ މައްސަލަ ވެސް އޮޅުއްވާލައްވައިށެވެ. ޗާގޯސްގެ ރަށްތަކުގެ ސިޔާދަތީ ބާރު ދޫކޮށްލެއްވީ ކަމަށާއި އޭގެ ސަބަބުން ދިވެހި އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލުނީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ޗާގޯސްގެ އަތޮޅުތަކުގެ ސިޔާދަތީ ބާރު ރާއްޖެއިން ދޫކޮށްލުމުން، މިހާރު މި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައި،" އިޓްލޮސްގެ ނިންމުމާ ގުޅިގެން އެ މަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކަމަކު، މިއީ ޗާގޯސްގެ މިލްކުވެރިކަމާ ގުޅިގެން ކުރި ދައުވާއެއް ނޫނެވެ. ޗާގޯސްގެ މިނިވަންކަމާއި މިލްކުވެރިކަމާ މެދު މޮރިޝަސް އާއި އިނގިރޭސިން އަރާރުންވާތާ އެތައް އަހަރެއް ވެއްޖެއެވެ. ރާއްޖެއިން ދުވަހަކު ވެސް އެ ރަށްތަކުގެ މިލްކުވެރިކަމަށް ދައުވާއެއް ނުކުރެއެވެ. ނަޝީދުގެ ވެރިކަމުގައި ވެސް އެކަން ކުރެއްވީ އެ މަގުންނެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި ނަޝީދުގެ ސަރުކާރުގައި ވެސް ވަނީ ދެ ގައުމުގެ ފުށުއަރާ ކަނޑުގެ ސަރަހައްދާ މެދު މަޝްވަރާ ކޮށްގެން އިން ކަނޑައެޅުމަށް ނިންމައިފައެވެ.

މިނިސްޓަރު ވިދާޅުވީ ނަޝީދުގެ ސަރުކާރުގައި މޮރިޝަސްއާ އެކު ބޭއްވި ބައްދަލުވުންތަކަށް ފަހުގައި ދެ ގައުމުގެ ދެމެދުގައި އިމާ ގުޅޭ މަޝްވަރާތައް ކުރަން ނިންމައި، އިނގިރޭސިވިލާތާ އެކު މަޝްވަރާ ނުކުރާނެ ކަމަށް ވިދާޅުވެ، އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ސޮއިކުރައްވާފައިވާ ކަމަށެވެ.

"ދެ ގައުމުގެ ދެމެދުގައި މެރިޓައިމް ބައުންޑްރީ ކަނޑައަޅަން މަޝްވަރާ ކުރަން އެއްބަސްވެފައި ސޮއިއެއް ނުކުރާނެތާ ރައީސް ނަޝީދުގެ ސަރުކާރަކުންނެއް މި ތަނަކީ ދިވެހިރާއްޖޭގެ ތަނެއް ކަމުގައި ވަންޏަކާ،" ޝާހިދު ވިދާޅުވިއެވެ.

ނަޝީދު މަސައްކަތް ކުރެއްވީ މައްސަލައިގެ ހަގީގަތް އޮޅުއްވާލައްވާށެވެ. އިޓްލޮސްއަށް ހުށަހަޅައިގެން ބެލީ ޗާގޯސްގެ މިލްކުވެރިކަމާ ގުޅުންހުރި މައްސަލައެއް ނޫނެވެ. އިއްޔެ ހުކުމް ކުރީ މޮރިޝަސްއާއި ރާއްޖޭގެ އިން ކަނޑައަޅާއިރު ދެ ގައުމުން ފުށުއަރާ ސަރަހައްދުގެ މައްސަލައެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ފޮޓޯ/ ރައީސް އޮފީސް

"ދައުލަތަކުން ނެތޭ އެއްވެސް އިރެއްގައި ޗާގޯސްއަކީ އަޅުގަނޑުމެންގެ ތަނެކޭ ބުނެ އަޑުއުފުލައިފައެއް. މިހާރު ތިޔަ ވާހަކަފުޅު ދައްކަވާ ވެރިން، ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުން ކަމަށް ވިޔަސް، ބަންޑާރަނައިބުކަން ކުރެއްވި ބޭފުޅުންނަށް ވިޔަސް، އެ ހުރިހާ ބޭފުޅުންނަށް ވެސް އެ ފުރުސަތު ލިބިވަޑައިގަތޭ." މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ރާއްޖެއިން ވެސް ބައިވެރިވެ، ގަބޫލުކޮށްގެން ތިބި ބައިނަލްއަޤްވާމީ މުއާހަދާއެއް ކަމަށްވާ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީ (އަންކްލޮސް)ގައި އޮންނަ ގޮތުން، ދެ ގައުމަށް ވެސް 200 މޭލުގެ ކޮންޓިނެންޓަލް ޝެލްފެއް ދޭން ޖެހޭނެއެވެ.

އެހެންވެ، ދެ ގައުމުގެ ފުށުއަރާ ސަރަހައްދު ބަހަން ޖެހޭނެއެވެ. އެ ނޫން ހައްލެއް މި މައްސަލައިގައި ނޯންނާނެއެވެ.

އެ ބެހި ބެހުމުގައި ރާއްޖެއިން އިއްޔެ ވަނީ އިޓްލޮސްގައި ކާމިޔާބު ހޯދައިފައެވެ. ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަޙައްދު ފުށުއަރާ 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބުނީ ދިޔައީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.

މިއީ ވެރިކަމުގައި ހުންނެވިއިރު، ނަޝީދު ވެސް މި މައްސަލައިގައި ގެންގުޅުއްވި ސިޔާސަތެވެ. މިއަދު، އެ މަނިކުފާނުގެ ވިސްނުންފުޅު ބަދަލުވެ، ޗާގޯސް އަކީ ދިވެހިންގެ ތަނެއް ކަމަށް ވިދާޅުވަނީ، ނިފާގު ކަމުންނެވެ.

comment ކޮމެންޓް