ޖަލުން ފޮނުއްވި ނޯޓުކޮޅުގެ ބާރުން ޕީޕީއެމް ފެން މަތީ އޮވެދާނެ؟

ފެބްރުއަރީ 27، 2020: ފުލުހުން ބަލަމުންދާ މައްސަލަ އަކާ ގުޅިގެން ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިވަންވެ ހުންނެވި ނަމަ، ޖަދަލުކޮށް ޓިކެޓަށް ތޮޅޭނެ އެއްވެސް ބޭފުޅަކު ނުހުންނާނެއެވެ. އެކަމަކު، ޖަލުގައި ހުންނެވުމުން އެ ޓިކެޓު ބޭނުންވާނެ އަދި, އެއަށް އެދިގެން މަސައްކަތް ކުރާނެ އެތައް ބޭފުޅުންނެއް އަންނާނެކަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މާ ބޮޑަށް ސާފުވެވަޑައިގަންނަވައެވެ.

އެހެންވެ، އެންމެ ފުރަތަމަ އިއްވި ޖަލު ހުކުމުގެ ކުރީގައި ބޭއްވި ވަދާއީ ޖަލްސާގައި ވެސް އެ މަނިކުފާނު ވަސީއަތް ކުރެއްވީ އެފަދަ "މިނިކާބާޒު"ތަކުގެ ކިބައިން ޕާޓީ ސަލާމަތް ކޮށްދީ، ރައްކާތެރި ކޮށްދިނުމަށެވެ.

ޕީޕީއެމްގެ އެންމެން އެއްބަސްވެ، ޔާމީނަށް ރިޔާސީ ޓިކެޓު އެރުވި ނަމަވެސް، މިދިޔަ ޑިސެމްބަރު މަހުގެ 25ވަނަ ދުވަހު ކްރިމިނަލް ކޯޓުން އެ މަނިކުފާނުގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމާ އެކު ޕީޕީއެމުން ހިތުގެ އަޑިން ގަބޫލުކޮށްގެން ތިބި އެ އަގީދާ ވެސް ވަނީ ގުޑައިފައެވެ. އެ މަނިކުފާނަށް ވާދަނުކުރެއްވި، އިންތިޚާބުގައި އެ މަނިކުފާނުގެ ނަންފުޅު ނޯންނާނެހެން ހީވާ ހީވުމަށް ވެސް, ފާރަލާން ބޭފުޅުން އެބަތިއްބެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން 96،000 ވޯޓު ހޯދީ ގިނިކަންޏާ ނުކުމެއެވެ. އެހެންވެ، އެ ޕާޓީގެ ޓިކެޓަށް ތޮޅެލަން އެންމެން ވެސް ބޭނުމެވެ. ނަގައިލާ ވަރުގެ ސިޔާސީ ފުރުސަތެއް ނޫނެވެ. އެ ލެވެލްގެ ސިޔާސީ ލީޑަރުންނަށް އެކަން މާ ބޮޑަށް ފަހުމް ވާނެއެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހަވާލުކުރަން ބޭއްވި ޖަލްސާގައި ޔާމީން --- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ޕާޓީ ތެރޭގައި ސިޔާސީ އެ ވަރުގެ އަރާރުންތަކެއް ހިނގައިދާނެ ކަމަށް ބެލެވޭއިރު، އެއަށް ފަހުގައި އިންތިޚާބަށް ކުރިމަތިލުމާ ހަމައަށް ވެސް އެ ޕާޓީއަށް އެކަތިގަނޑެއްގެ ގޮތުގައި ފެން މަތީ އޮއެވިދާނެ ތޯ މިއީ ސުވާލެކެވެ.

ޔާމީން ނެތަސް ކެންޑިޑޭޓަކު ނެރޭނެ، މިހާރު ވެސް އެ ވާދަ

މައްސަލައިގެ ބާވަތުން ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދައްކަވަމުން ޔާމީނާ އަރިސް ބޭފުޅަކު ވިދާޅުވީ، ޕާޓީ ތެރޭގައި ޓިކެޓަށް ބޭނުންވާ އެތައް ބޭފުޅުންނެއް އެބަ ތިއްބެވި ކަމަށެވެ. އަދި، ކެންޑިޑޭޓުކަން ކުރެވޭ ވަރުގެ ގާބިލު މީހުން ވެސް ތިބިކަން އޭނާ ގަބޫލުކުރައްވައެވެ.

"މި ވަރުގެ ޕާޓީއެއްގައި ގަބޫލުކުރަން ވާނެ، މީހުން އެބަތިބި. ހަމަ ގައިމު ވެސް އިތުރު ތާކުން ގެންނަން ނުޖެހޭ ވަރަށް، [ޔާމީން ނެތް ހާލަތެއްގައި] ރިޔާސީ ކެންޑިޑޭޓަކަށް ވެވޭތޯ މަސައްކަތް ކުރާ މީހުން ވެސް އެބަތިބި،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔާމީންގެ ފަހަތްޕުޅުގައި ތިއްބެވި ނަމަވެސް ޕާޓީގެ ބައެއް ނައިބު ލީޑަރުންނާއި މެންބަރުން ގެންދަވަނީ ގާތް ބޭފުޅުންނާ ގުޅިގެން އެ ބޭފުޅުން އަމިއްލަފުޅަށް ކެންޑިޑޭޓަށް ވެވޭތޯ މަސައްކަތް ކުރައްވަމުންނެވެ. ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު ކާމިޔާބު ނުވެއްޖެ ހާލަތެއްގައި، ޔާމީންގެ ޓިކެޓު ޖަހައިގަންނަން އެ ޕާޓީގެ ތެރޭގައި ވެސް އެއް ބަޔަކު އަންނަނީ ރޭވުންތަކެއް ރާވަމުންނެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޖަލްސާއެއްގެ ތެރެއިން އެ ޕާޓީގެ ލީޑާޝިޕް-- ސަން ފޮޓޯ/ ފަޔާޒު މޫސާާ

"[މާލޭގެ މޭޔަރު ޑރ. މުހައްމަދު] މުއިއްޒުމެން ހަގީގަތުގައި ކެމްޕޭން ފެށީކީ މިއަދަކު ނޫން. ފުރަތަމަ ޖަލު ހުކުމް އިއްވީމައި ވެސް އެ ބޭފުޅުން ކެމްޕޭންތައް ފެށި. ޕާޓީ ތެރޭގައި އެ ބޭފުޅުންނަށް ތާއީދު އިތުރުކުރަން މެޓައި ބެހުމާ ކަންކަން ކުރިއަށް ގެންދިއަ،" އޭނާ ތަފުސީލު ކޮށްދޭން ފެށިއެވެ.

ރިޔާސީ ކެންޑިޑޭޓަކަށް ވާން ކުރާ ކެމްޕޭން ފޯރިގަދަވެ، އެންމެ ފަހުން މާފުށީ ޖަލުގައި ހުންނެވި ޔާމީން ވަނީ ޕީޕީއެމްގެ ލީޑަރުންނަށް ނޯޓެއް ފޮނުއްވައިފައެވެ.

"ޓިކެޓަށް ތޮޅޭ ވަރު ބޮޑު ވެދާނެކަން ފެންނާތީ، ޕާޓީ ތެރޭ އަޑިއަޑިން ކުރާ ކެމްޕޭންތައް ހުއްޓުވަންވެގެން ސީދާ ރައީސް ޔާމީންގެ އިރުޝާދު އައީ ޕާޓީގެ ލީޑާޝިޕަށް އެ މައްސަލަ ބަލަން. އެ މަނިކުފާނާ ދެކޮޅަށް މަސައްކަތް ކުރާ މީހުންނަށް ފިޔަވަޅު އަޅަން،" ނަން ނުޖަހާ ގޮތަށް މައުލޫމާތު ދިން ޕީޕީއެމްގެ ކުރީގެ މަޖިލީސް މެންބަރަކު ވިދާޅުވިއެވެ.

ޔާމީންގެ ނޯޓުކޮޅު ލިބިވަޑައިގެން ޕީޕީއެމްގެ ލީޑާޝިޕުން އަންގާރަ ދުވަހު ވަނީ، މާލޭ ސިޓީގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒުގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފައެވެ. ރިޔާސީ ރޭހަށް މުއިއްޒަށް ކެމްޕޭން ކޮށްދެއްވާ ކަމުގެ ތުހުމަތާ އެކު ބަލަން ފެށި މައްސަލަ ކޮޅެއްގައި ނުޖެހެނީސް އޭނާ ވަނީ އަމިއްލައަށް ޕާޓީން އިސްތިއުފާ ދެއްވައިފައެވެ.

ޑރ. މުހައްމަދު މުއިއްޒު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކަމަކު، އެ ޕާޓީގެ ނައިބު ލީޑަރުކަން ކުރައްވައި މުއިއްޒު ވިދާޅުވީ ކެމްޕޭނެއް ނުކުރައްވަން ކަމަށެވެ.

އަދި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށާއި ވާދަވެރި ބޭފުޅުން މަސައްކަތް ކުރައްވަނީ ޕާޓީގެ ސަފުތައް ބައިބައިކޮށްލައި ނިކަމެތި ކޮށްލަން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

"ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން. އަދި، އިންޝާﷲ ޖަލުން މިނިވަންވެވަޑައިގެން އިންތިޚާބު ގަދަކޮށް ކާމިޔާބު ކުރައްވާނެ. ތިއީ މުޅިން ވެސް ޕާޓީގެ ސަފުތައް ބަލިކަށިކޮށް ޕާޓީ ބައިބައި ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ ރޭވުންތައް. އިންޝާﷲ އެ ފަދަ މީހުންގެ ރޭވުންތައް ކާމިޔާބެއް ނުވާނެ،" އޭނާއަށް ކުރެވޭ ތުހުމަތުތައް ދޮގު ކުރައްވައި މުއިއްޒު ވިދާޅުވިއެވެ.

ޖަލު ނޯޓު ކޮޅުގެ ބާރުން، ފެން މަތީ އޮއެވިދާނެ؟

އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގަބޫލުކުރައްވައި ގޮތް ސާފެވެ. ޔާމީންގެ "ހިޔަނީގައި" ވެރިކަމަށް ވަޑައިގަތުމުގެ ފުރުސަތެއް އެއްވެސް ބޭފުޅަކަށް ނެތެވެ.

"ރައީސް ޔާމީނުގެ ހިޔަނީގައި ހިނގައިގެން ނުވަތަ ރައީސް ޔާމީނުގެ ޕާޓީގެ ސަޕޯޓު ހޯދައިގެން ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވައި ބޭފުޅުންނަށް އެ ހުވަފެން ދެކެވަޑައިގަންނަވާ ބޭފުޅުންނަށް މިއަދު ވެސް ތަކުރާރުކޮށް ދަންނަވާލަން ބޭނުންވަނީ، ތިޔަ ހުވަފެންތައް ދެކުން ހުއްޓާލައްވާށޭ. ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑީޑޭޓެއް ނެތް ގޮތެއް އިރާދަކުރެއްވިއްޔާ މި އިންތިޚާބަކު ނޯންނާނެ. އެ ކެންޑީޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމޭ 1000 ފަހަރު ބުނަން ޖެހުނަސް ބުނަން މި ތިބީ ތައްޔާރަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

https://sun.mv/175207

ޔާމީން ނެތް ހާލަތަކަށް އެއްޗެއް ވިދާޅެއް ނުވެއެވެ. މުޅިން ވެސް ވިދާޅުވަނީ ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި، އެ ނޫން ކެންޑިޑޭޓެއް ނުހުންނާނެ ކަމަށް ކޮންމެ ބޭފުޅަކު ވެސް ތަކުރާރުކޮށް ވިދާޅުވެއެވެ.

އެކަމަކު، އަޑިއަޑިން އެ ޕާޓީން ވެސް އަންނަނީ ޔާމީން ނެތް ހާލަތަށް ތައްޔާރު ވަމުންނެވެ. އެ މަނިކުފާނުގެ ލޯޔަލިސްޓުން ވެސް ގެންދަވަނީ އެ މަނިކުފާނާ ނުލައި ކުރިއަށް ދާން ޖެހިދާނެ ކަމުގެ ހީއަށް ތައްޔާރު ވަމުންނެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ފެށިގެން ޔާމީނާ ވަރަށް އަރިހުގައި މަސައްކަތް ކުރައްވައި އެ މަނިކުފާނަށް ވަފާތެރި މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ، ހައިކޯޓުން އެ މަނިކުފާނުގެ މައްޗަށް އިއްވި ޖަލު ހުކުމަށް ތާއީދުކޮށްފި ނަމަ، އެ ހިސާބުން ޕީޕީއެމުން ދެވަނަ ވިސްނުމަކަށް ދާނެ ކަމަށެވެ. އިތުރު ޕާޓީއެއްގެ ފަހަތަކަށް ނާރާނެއެވެ. އެހެން ޕާޓީއެއްގެ ކެންޑިޑޭޓެއްގެ ފަހަތެއްގައި ނުތިބޭނެއެވެ. ޕީޕީއެމުން ޔާމީން ނޫން ބޭފުޅެއް އެ ހިސާބުން ކުރިއަށް ނެރޭނެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެންމެން ތިބެފައި [ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު] ގާސިމް އިބްރާހިމަށް ތާއީދު ކުރުމުގެ ބޭނުމެއް ކޮބާ؟ އޭރުން ސަރުކާރަށް އަޔަސް، މީހަކަށް ވަޒީފާއެއް ހޯދަން ވިޔަސް ޖެހޭނީ ފުރަތަމަ އެ ޕާޓީގައި ދަންނަވައިގެން، އެކަކު ކައިރި ދަންނަވައިގެން، އަނެކަކު ކައިރީ ދަންނަވައިގެން އުޅެން،" އޭނާ ވިދާޅުވިއެވެ.

"ހުރިހާ ގޮތަކުން ވެސް ވިސްނާ ބަލާއިރު، ޕީޕީއެމްގެ އަމިއްލަ ކެންޑިޑޭޓެއް ހުންނަން ޖެހޭނެ، ނޫނީ ހަމަ އެހެން ޕާޓީއަކަށް ސޮއިކޮށްފައި އެ ޕާޓީއެއްގެ ކެންޑިޑޭޓާ އެއްކޮށް އުޅުން މާ ބުއްދިވެރި ނޫންތޯ؟ ކޯލިޝަނެއް ހެދުމަށް ވުރެ. އެހެންވީމަ ޔާމީން ނެތް ހާލަތެއްގައި އެ މަނިކުފާނާ ބައްދަލުކޮށް، އެހެން ކެންޑިޑޭޓެއް ނެރުމުގެ މަޝްވަރާތައް ކުރިއަށް ދާނެ، މީހަކު ނެރޭނެ، ޕީޕީއެމްގެ ކެންޑިޑޭޓެއް ހުންނާނެ،"

އެހެންވެ، ޖަލު ނޯޓުކޮޅު ފޮނުއްވި ނަމަވެސް ޕީޕީއެމްގެ އެތެރޭ އުފެދެމުންދާ ވާދަވެރިކަން ނިމިދާނެ ތަނެއް ނުފެނެއެވެ. މި ވާންވާނީ އަދި ފެށުމަކަށެވެ.

ހައިކޯޓުން އަންނަ ހުކުމެއްގެ ސަބަބުން، ޔާމީނަށް މާ ކުރިން ދީފައި އޮތް ޓިކެޓު ބީވެދާނެއެވެ. އެ ހިސާބުން އަޑިއަޑިން ކެމްޕޭން ކުރަން ތިބި އެ ޕާޓީގެ ބޭފުޅުން ސިއްރުން ސިއްރުން ކުރާ އުންމީދު އަނެއްކާ ވެސް އާ ވާނެއެވެ. ޕީޕީއެމްގެ ހަމަޖެހުން ވެސް ބިނާ ވަނީ ހައިކޯޓުން ކުރާ ހުކުމެއްގެ މައްޗަށެވެ. ޔާމީން ނެތް ހާލަތެއްގައި ރިޔާސީ ކެންޑިޑޭޓުކަން ބޭނުންވާ ބޭފުޅުން ބައިވަރެވެ.

comment ކޮމެންޓް