ޖޭމް އައްލޯއަށް 56 އަހަރު، ޒުވާނުންނާ އަޅާކިޔާލެވޭ އެ ހަށިގަނޑުގެ ސިއްރަކީ ކޮބާ؟

ޖޭމްއައްލޯއަށް 56 އަހަރު، ޒުވާނުންނާ އަޅާކިޔާލެވޭ އެ ހަށިގަނޑުގެ ސިއްރަކީ ކޮބާ؟

މީގެ އަހަރުތަކެއް ކުރިން އަބްދުﷲ ނިޔާޒު ނުވަތަ ޖޭމްއައްލޯ ރާއްޖެއަށް މަޝްހޫރުވީ ރީތި ހަށިގަނޑެއްގެ ވެރިއެއްގެ ގޮތުގައެވެ. އެއީ, އޭނާގެ ނޫކަށިފުރާ އެންމެ ޒުވާން ދުވަސްތަކެވެ. ނުވަތަ "ޕްރައިމް"އެވެ. އެ ހަށިގަނޑު އަޅައިގަތީ ހަމައެކަނި ޒުވާން އަންހެންކުދިންގެ ލޯތަކަކު ނޫނެވެ. އެތައް ލަވަތަކަކާއި އިޝްތިހާރުތަކުން ވެސް އައްލޯ ފެންނަން ފަށައި އޭނާ ސެލެބްރިޓީއަކަށް ހަދައިލިއެވެ.

މިއީ އޭގެ އެތައް އަހަރެއް ފަހެވެ. ޒުވާން އުމުރު ފަހަނަ އަޅައިގޮސް މިހާރު އެ ގުނަނީ އުމުރުން 56ވަނަ އަހަރެވެ.

ނަމަވެސް، އެތައްބައެއްގެ ސަމާލުކަން ލިބުން އެ ހަށިގަނޑަށް އަދިވެސް އެއްވެސް ބަދަލެއް ނާދެއެވެ. އެ ހަށިގަނޑު އަދިވެސް ގިނަ ޒުވާނުންގެ ހަށިގަނޑާ އަޅައިކިޔާލެވޭނެއެވެ. ތެދަށް ބުނާނަމަ ގިނަ ޒުވާނުންގެ ހަށިގަނޑަށް ވުރެ އޭނާގެ ހަށިގަނޑު މިހާރު ވެސް މާ "ޒުވާނެ"ވެ. މިކަމުގެ ފަހަތުގައި ވަނީ ކޮން ސިއްރެއްތޯ ބަލަން އައްލޯއާ ވާހަކަ ދައްކައިލީމެވެ.

ކަސްރަތުގެ ފެށުމަކީ އަމިއްލަ ނަފުސަށް އޮތް ލޯބި

ރީތި ހަށިގަނޑެއް "ބިލްޑް"ކުރި ގޮތާއި އެ ހަށިގަނޑު ދަމަހައްޓަން ކުރާ މަސައްކަތާ ގުޅޭ ގޮތުން ސުވާލު ކުރުމުން އައްލޯ އަހަރެން ގެންދިޔައީ މީގެ 30 ވަރަކަށް އަހަރު ކުރިއަށެވެ. އޭރު ރާއްޖެއަށް ޖިމްތައް ތައާރަފު ވެސް ނުވެއެވެ.

"އަހަރެން އަމިއްލަ ނަފުސު ދެކެ ވަރަށް ލޯބިވޭ. އެހެންވީމާ ބޭނުންވީ ހަށިގަނޑު ވެސް ރީތިކުރަން. އޭރު ކުރާކަމަކީ ހިކިކިރު ހުސްކުރި ދަޅަށް ސިމެންތި އަޅައިގެން ޑަމްބެލް ހަދަނީ. އޭގެ ކިލޯތަކާ އެއްޗިސް ސީދާއެއް ވެސް ނުވާނެ. އެކަމަކު އެއީ ފެށި ގޮތަކީ،"

ޖޭމްއައްލޯއަށް 56 އަހަރު، ޒުވާނުންނާ އަޅާކިޔާލެވޭ އެ ހަށިގަނޑުގެ ސިއްރަކީ ކޮބާ؟

ރާއްޖޭގައި ފިޓްނަސް ދާއިރާ އުފެދި މިއަދު މި އޮތް ހިސާބަށް ދިޔައީ އައްލޯގެ ލޯ ކުރިމަތީގައެވެ. ދާއިރާއަށް އައި ކުރިއެރުމާ އެކު އޭނާ ދިޔާއީ އަމިއްލަ ހަށިގަނޑު ވެސް ކުރިއަރުވަމުންނެވެ. ދިޔައީ ދާއިރާއިން ތައުލީމު ވެސް ހާސިލުކުރަމުންނެވެ.

"އައްލޯ ހުންނާނެ ވަރަށް ގިނަ ޓްރެއިނިންތައް ބޭރުގައި ހަދާފައި. ކޮންމެ އަހަރަކު ސްޕޮންސާއެއް ނުލިބުނަސް އައްލޯގެ އަމިއްލަ ލާރީގައި ވެސް ޓްރެވަލްކުރަން މީގެ އެންމެ މޮޅެތި މީހުން ކައިރިއަށް އަޕްޑޭތުތައް ބަލަން. މިއީ އައްލޯ ވަރަށް ލޯބިން ކުރާ ކަމެއް އެހެންވީމާ މި ކަމުގައި ފުދޭވަރަކަށް އަޕްޑޭޓު ވާނެ،" އޭނާ ބުންޏެވެ.

މިއަދު ފެންނަ އައްލޯގެ ހަށިގަނޑަކީ އެންމެ ދުވަހެއްގެ މަސައްކަތެއް ނޫނެވެ. އެއީ، އެތައް ދުވަހެއްގެ ބުރަ މަސައްކަތެވެ.

އެންމެ މުހިންމު ކަމަކީ ކަސްރަތުގައި ދެމިހުރުން

ކޮންމެ މީހަކަށް ވެސް ކަސްރަތު ކުރަން ފެށިދާނެއެވެ. ނަމަވެސް، ދުވަސްކޮޅެއް ތެރޭ ނަތީޖާ ފެންނަން ފެށުމުން އެ "މޯޓިވޭޝަން"ގެއްލި ހުއްޓާލެވެނީއެވެ. މިއީ އައްލޯ ދުވަހަކު ވެސް ކުރިކަމެއް ނޫނެވެ. ކުރާނެ ވެސް ކަމެއް ނޫނެވެ.

ޖޭމްއައްލޯއަށް 56 އަހަރު، ޒުވާނުންނާ އަޅާކިޔާލެވޭ އެ ހަށިގަނޑުގެ ސިއްރަކީ ކޮބާ؟

ރީތި ހަށިގަނޑެއް ބޭނުންވާނަމަ އެންމެ މުހިންމު ކަމަކީ ކަސްރަތުކުރުން މަތީ ދެމިހުރުމެވެ. އެއަށް ފަހު ރަނގަޅު ކެއުމަށް ސަމާލުކަން ދިނުމެވެ.

"ޔަންގު ލުކެއް ބޭނުންވަންޏާ ހަމަ ކަސްރަތު ޕްރޮގްރާމުގައި ދެމިހުންނަން ޖެހޭނެ. ދެން ރަނގަޅަށް ކެއުން [ވަރަށް މުހިންމު]. ރަނގަޅު ކެއުން ކޮންމެހެން އަގުބޮޑުވާކަން ނުޖެހޭ. ރަނގަޅު ކެއުމަކީ ހަމަ ބާޒާރުން ލިބެން ހުންނަ އެއްޗެހިން ވެސް ތައްޔާރުކުރެވޭނެ އެއްޗެހި،" އައްލޯ ބުންޏެވެ.

އައްލޯގެ ހަށިގަނޑާ ޒުވާނުންގެ ހަށިގަނޑު އަޅާކިޔޭއިރު ޒުވާނުންގެ ކިބައިން ފެންނަ ކަމުނުދާ އާދަތަކެއް އައްލޯ ފާހަގަކުރެއެވެ. މިއީ ރީތި ހަށިގަނޑެއް ބޭނުންވާނަމަ ދުރުވުން މުހިންމު އާދަތަކެއްގެ ގޮތުގައި އައްލޯ ސިފަކުރިއެވެ.

މިހާރުގެ ގިނަ ޒުވާނުންނާ އެއްގޮތަށް އޭނާއަކީ ކޮފީ ބުއިމާއި ސިނގިރޭޓު ބުއިން ފަދަ ކަންކަން ކުރާ މީހެއް ނޫނެވެ. މިއީ އޭނާގެ ހަށިގަނޑު ރީތިވުމުގެ ފަހަތުގައިވާ އެއް ސިއްރުކަން އައްލޯ ފާހަގަކުރެއެވެ.

ޒުވާނުންގެ ކެއުމުން ވެސް ނުރަނގަޅު އާދަތައް އައްލޯ ފާހަގަކުރެއެވެ.

"ދަންވަރު ގިނަގިނައިން ކައިފައި، ދުވާލު ކެއުންތައް ސްކިޕް ކުރީމާ އަދި ކަސްރަތު ކުރިއަސް ހަށިގަނޑު ރީއްޗެއް ނުވާނެ. ކެއުމަކީ ވަރަށް މުހިންމު ކަމެއް ރީތި ހަށިގަނޑެއް ބިލްޑުކުރަން ވެސް ދަމަހައްޓަން ވެސް،"

މިފަދަ ރަނގަޅު އާދަތައް ދަމަހައްޓަން ޒުވާނުންނަށް އުނދަގޫވަނީ އަމިއްލަ ނަފުސުދެކެ ލޯބިނުވެވޭތީ ކަމަށް އައްލޯ ބުންޏެވެ.

ރީތި ހަށިގަނޑަކަށް ޒުވާނުން ކުރާ ދަތުރު ނުރައްކަލަށް

ރީތި ހަށިގަނޑެއް ބިނާ ކުރަން މަސައްކަތްކުރުމަކީ އައްލޯ ހިތްވަރުދީ ބާރު އަޅާކަމެކެވެ. އެއީ، އަންހެނެއް ނުވަތަ ފިރިހެނެއް ކަމުގައި ވީނަމަވެސްއެވެ. ނަމަވެސް، މިހާރު ޒުވާނުން ރީތި ހަށިގަނޑެއް ހޯދަން ކުރާ މަސައްކަތް އައްލޯ ސިފަކުރަނީ ނުރައްކަލެއްގެ ގޮތުގައެވެ. މިއީ އޭނާ ނުހަނު ކަންބޮޑުވާ ކަމެކެވެ.

ރާއްޖޭގައި ވެސް ރީތި ހަށިގަނޑެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދުމަށް ސްޓެރޮއިޑް ބޭނުންކުރާ މީހުން ވަނީ ގިނަވެފައެވެ. މިކަމުގެ ކަންބޮޑުވުން އައްލޯ ވަނީ ފާހަގަކޮށްފައެވެ.

ޒުވާނުން ޚާއްސަކޮށް ޅަފުރާ ކުދިން ޖިމަށް ފޮނުވާއިރު އިންސްޓްރަކްޓަރުގެ މައުލޫމާތު ރަނގަޅަށް ހޯދުމަށް އައްލޯ ވަނީ ބެލެނިވެރިންނަށް ނަސޭހަތްތެރިވެފައެވެ. އެ އިންސްޓްރަކްޓަރަކީ ސްޓެރޮއިޑް ބޭނުންކުރާ މީހެއްތޯ ނުވަތަ ނޫންތޯ ޔަގީންކުރަން އޭނާ އެދުނެވެ.

ޖޭމްއައްލޯއަށް 56 އަހަރު، ޒުވާނުންނާ އަޅާކިޔާލެވޭ އެ ހަށިގަނޑުގެ ސިއްރަކީ ކޮބާ؟

މި ބޭހުގެ ސަބަބުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހަށިގަނޑު ރީތިވީ ނަމަވެސް، މިއީ ދިގު މުއްދަތަށް ބަލާ ނަމަ ނުރައްކާތެރި ބޭހެކެވެ.

"މިހާރު މިދާގޮތަށް ދާނަމަ ބޮޑީ ބިލްޑިން އަދި ވެއިޓް ޓްރެއިނިން ފީލްޑް ތެރެއަށް ވަންނަ ކުދިން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ސްޓެރޮއިޑްގައި ނުޖެހި ރީތި ބޮޑީއެއް ހޯދަން،"

އައްލޯގެ ތަޖުރިބާގައި އަންހެން ކުދިން ވެސް ރީތި ހަށިގަނޑެއް ބޭނުންވާ ނަމަ ޖެހޭނީ ބަރުކޮށް ޓްރެއިން ކުރާށެވެ. މިކަމުގެ ސަބަބުން އަންހެނުން ފިރިހެން ވެދާނެކަމުގެ ވިސްނުން އަދި ވެސް މުޖުތަމައުގައި ކޮންމެ ވެސް ވަރަކަށް ގެންގުޅޭކަން އައްލޯ ފާހަގަކުރިއެވެ.

"ނުވާނެ އަސްލު. ހަމަ މި ބުނި ކަންކަމަށް ސަމާލުކަން ދީފައި ބަރުކޮށް ޓްރެއިންކުރި ވަރަކަށް އަންހެން ކުދިންގެ ވެސް ހަށިގަނޑު ރީތި ވާނީ،" އޭނާ ބުންޏެވެ.

އެންމެންނަށް ވެސް ރީތި ހަށިގަނޑެއް ގެންގުޅެވިދާނެ

އައްލޯގެ ހަށިގަނޑަށް ބަލައިލުމުން އެއީ ފަސޭހަ މަސައްކަތެއްހެން ހީވި ނަމަވެސް، އޭނާއާ ވާހަކަދައްކައިލުމުން އެނގުނީ އޭނާގެ ހަށިގަނޑަކީ އެ ކަމަށް ކުރާ ބުރަ މަސައްކަތުގެ ނަތީޖާކަމެވެ.

މިއީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެކެވެ.

"އަސްލު ޖެނެޓިކް ވެސް ހަށިގަނޑު ރީތިވުމުގައި ރޯލެއް އަދާކުރޭ. އެކަމަކު، ހަމަ އެންމެ ބޮޑު ކަމަކީ ކަސްރަތު،" އައްލޯ ބުންޏެވެ.

ރީތި ހަށިގެންގެ ހުވަފެން ބެލިއަސް އަދި މިކަމެއް ނުވާނެއެވެ. އައްލޯ މި ކިޔައިދިން ކަންކަމަށް ވިސްނާ މަސައްކަތް ކުރުމުން އެކަހަލަ ރީތި ހަށިގަނޑެއް ކޮންމެ މީހަކަށް ވެސް "ބިލްޑް"ކުރެވޭނެއެވެ. އުމުރުން 56 އަހަރުގެ ޖޭމްއައްލޯ އެއީ ދިރިހުރި މިސާލެކެވެ.

comment ކޮމެންޓް