މަސްވެރިކަމަކީ ދިވެހީންގެ ލޭނާރު ކަމަށް އެއްބަސްނުވާ ދިވެއްސެއް ނުހުންނާނެއެވެ. އެކަމަކު، މަސްވެރިކަން ފުރަތަމަ ފެށުނީއަކީ މި ގޮތަކަށް ނޫނެވެ. މިހާރު މި ހުންނަ އޮޑިދޯނިފަހަރުގައެއް ނޫނެވެ. މި ވަސީލަތްތައް ވެސް ހުރެގެންނެއް ނޫނެވެ.
ޒަމާނާ އެއްގޮތަށް މަސްވެރިކަން ވެސް އައި ބަދަލުވަމުންނެވެ.
ރިޔަލު ދޯނީގައި މަހަށް ފުރި ޒަމާން ހިނގައްޖެއެވެ. މިހާރު މަހަށް ނުކުންނަނީ އެންމެ ޒަމާނީ އޮޑިފަހަރުގައެވެ. ލަކުޑި ދޯނީގައި އިންޖީނު އެޅި ދުވަސް ވެސް މާޒީވެ، މިހާރު މި އޮތީ ފައިބަރާ ވެސް ހަމައިގައެވެ. އެކަމަކު، މަސްވެރިކަން ހިންގަނީ ސަބްސިޑީ ދީގެންނެވެ. ސަރުކާރުން އެހީވެގެންނެވެ.
ޓެކްނޮލޮޖީގެ މައްޗަށް އާ ދިރާސާތަކުގެ އަލީގައި މަސްވެރިކަން ކުރިއަށް ގެންގޮސް، އިގުތިސާދީ ގޮތުން ދެކޮޅުޖެއްސޭނެތޯ އެއީ މުހިންމު ސުވާލެކެވެ.
މި ޒަމާނުގެ އައްސޭރިއަށް މަސްއޮޑިތައް ބީއްސުން
މަސްވެރިކަމުގައި ބޭނުންކުރާ އޮޑީފަހަރުތައް ވެސް އެކި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ގޮތްތައް ތަފާތެވެ. މިގޮތުން، ރިޔަލު ދޯނީގައި މަހަށް ދިޔަ ދުވަސްވަރަށް ބަލާއިރު، އެންމެ ކިއްސަރަށް ދޯނި ބަންނަނީ އުތުރުގެ އަތޮޅުތަކުގައެވެ. އެ އަތޮޅުގެ ތެރެއިން ވެސް ރ. އަލިފުއްޓާއި އިނގުރައިދުއަކީ ފާހަގަކޮށްލެވޭ ދެ ރަށެވެ.
ނަމަވެސް، އެއާ ޚިލާފަށް ދެކުނުގެ އަތޮޅުތަކުގައި ބޭނުންކުރާ ދޯނިތަކުގެ ކިއްސަރާއި ރިޔާތައް ވެސް ތަފާތުވާނެއެވެ. އެކަމަކު، އޮޑިތައް ސިފަކޮށް ބައްޓަން ކުރަން ފެށި ގޮތް ތާރީޚުން އެނގޭކަށް ނެތެވެ.

ރިޔަލު ދޯންޏެއް: އެންމެ ފުރަތަމަ މަސްވެރިން މަހަށް ބޭނުން ކުރަމުން އައީ މިކަހަަލަ ދޯނި --- ފޮޓޯ/ ޕިންޓްރެސްޓް
ރިޔަލު ދޯނީގައި ފަލި ޖަހައިގެން ކަނޑުތަކުގައި ދުއްވި ފޮތް ލައްޕާލީ އިންޖީނުތައް ތައާރަފުވި ހިސާބުންނެވެ. ދޯނިތަކަށް އިންޖީނުތައް އަލަށް ތައާރަފުވީ ޖަޕާނު ސަރުކާރުން ޔަންމާ ޓީޓޫގެ ދިހަ ވަރަކަށް އިންޖީނު ދީގެނެންނެވެ. އޭގެ ތެރޭއިން 1974 ވަނަ އަހަރު ރިޔަލު ދޯންޏެއްގެ ފޫބުރިކޮށްގެން ފުރަތަމަ ފަހަރަށް އިންޖީނެއް އެޅިއެވެ. އެއީ، ޅ. ނައިފަރުގެ ދޮންކަލޭގެފާނު ނަމަކަށް ކިޔާ މީހެއްގެ 'އުންމީދު' ދޯނީގައެވެ.
"އަޅައިގެން [އޭރު ދިވެހި މަސްވެރިން] ބުނި ތީގައި އިންޖީނު އަޑުގަދަކަމުން މަހެއް ނާންނާޔޭ. ތީގެ އަޑަށް މަސް ދާނިއްޔޭ ދުރަށް. ދެން ކޮންމެއަކަށް އެ ހާދިސާ ވެސް ހިނގާފައި އޮވެގެން ނައިފަރު ދޮންކަލޭގެފާނުގެ ދޯނި ނުދުއްވިގެން [އޭރުގެ ރައީސް އިބްރާހިމް] ނާސިރަށް ދެންނެވީ މި ކަމަކު ނުދޭ މިއަށް އަރާނެ މީހަކު ވެސް ނުވިޔޭ. އެހެންވީމާ، ދެން ނާސިރު ވިދާޅުވި ތި ގެންނާށޭ" އިންޖީނެއް ފުރަތަމަ ދޯންޏެއްގައި އެޅުމުން ކަންވީ ގޮތް މައިޒާން އަހުމަދު މަނިކު ތަފުސީލުކޮށްދިނެވެ.
އޭގެ ފަހުން ރައީސް ނާސިރު އިތުރު ލުއިތަކެއް ދެއްވައިގެން އޮޑިތަކުގައި އިންޖީނު އެޅުވިއެވެ. އެ ކަމަކީ އޭރު އަދި އަލަށް ކުރާ ކަމަކަށްވުމުން ރިޔަލާއި ފަރުމާނާއި ކުނބާ ދޯނީގައި ހުރުން މަރުޖޫބޫރެވެ. އެއީ، އިންޖީނަށް މައްސަލައެއް ދިމާވިޔަސް ހެދޭނެ ގޮތެއް ނޫނީ އެކަން ކުރަން އެނގޭ މީހަކު ނެތީމައެވެ. އެހެންވެ، ޔަންމާ ކުންފުނިން ރާއްޖޭގެ ދެތިން ސަރަހައްދުގައި އެ މީހުންގެ ވޯކްޝޮޕްތަކެއް ވެސް ކުރިއަށް ގެންދިޔައެވެ.
މަސް ދޯނިތަކެއް: މިއީ މިހާރު ބޭނުން ކުރާ ޒާތުގެ އިންޖީނު ދޯނި -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް
އިތުރު ބަދަލެއް އަނެއްކާ ވެސް ދޯނިތަކަށް އައީ 1983 ގައި ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އަލިފުށީގައި ބޯޓު ޔާޑެއް ހަދައި ފިލާގަނޑު ދޯނި (ސެކަންޑް ޖެނެރޭޝަން) ބަންނަން ފެށިއެވެ. އެކަން ޑިޒައިންކޮށްފައި އޮތީ ރާއްޖޭގެ ފުރަތަމަ ނޭވަލި އާކިޓެކްޗަރު، ހަޒާރުމާގޭ އަހުމަދު ވަޖީހެވެ. މިގޮތުން، އެ ކަމަށް ވަޖީހު ވަރަށް ދިރާސާކުރައްވައިގެން، ދިވެހީންގެ ސަގާފަތާއި ދިރިއުޅުމާ ގުޅޭ ގޮތަށް ދޯންޏެއް ބަނެވެ.
މައިޒާން އަހުމަދު މަނިކު ބުނި ގޮތުގައި، އެ ދޯނިތައް ތައާރަފުވާން ފެށި ދުވަސްވަރަކީ މަސްވެރިންނާ އޮޑިވެރިން އުފަލުން 'ފޮޅިފައި' ތިބި ދުވަސްވަރެކެވެ. އެއީ، ކުރިން އުޅުނު ހާލު ހަނދާން ނެތޭހާ އުފާވުމުންނެވެ. އެ ހިސާބުން މަސްވެރިންނަށް ދޯނިތަކުގެ ސައިޒު ކުޑަވެއްޖެއެވެ. އެކަމަކު، ސަރުކާރުގެ އޭރުގެ ޕޮލިސީއަކީ ސެކަންޑް ޖެނެރޭޝަން ކުރިއަށް ގެންދިޔުމުވެ.

މަސްމާރުކޭޓުގައި ބަޔަކު މަސް ކަނޑަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
އޭގެ ދެތިން އަހަރެއް ފަހުން 1991 ގައި ހަމަ އެ ސިފައަށް ފައިބަރުން ދޯންޏެއް ބަނެވެ. އެ ވައްތަރުގެ ދޯނިތަކެއް ބަނދެގެން ދުވަސްތަކެއް ވެއްޖެއެވެ. އެ ބާބު ލެއްޕުނީ ލ. މާވަށު މީހަކު 2000 ވަނަ އަހަރުގެ ތެރޭގައި މިހާރު ހުންނަ ކިއްސަރަށް ދޯންޏެއް ބަނުމުންނެވެ. ވަޖީހުގެ ބާބު މުޅިން ނުލެއްޕި އެ ވައްތަރުގެ ދޯންޏަށް ތަރައްގީ އަންނަން ފެށި ހިސާބުންނެވެ.
އެ ހިސާބުން މަސްވެރިކަމަށް މިހާރު ބޭނުންކުރާ ދޯނިތައް އީޖާދުވެ، މި ޒަމާނަށް ލޯ ހުޅުވެން ފަށައިފިއެވެ.

މަސް ދޯންޏެއް --- ފޮޓޯ: ޓީއެސްލައިން
ޓެކޮނޮލޮޖީގެ އަލިން މަސްވެރިކަމަށް ގެނައި ދިރުން
ކޮންމެ ދާއިރާއަކަށް ވެސް ކުރިއެރުން ބޭނުންވާނެއެވެ. އެގޮތުން، މި ދާއިރާ ވެސް މަޑުމަޑުން އައީ ކުރިއަރައި، ތަރައްގީވަމުންނެވެ.
އެންމެ ފުރަތަމަ މަސްވެރިން ބޭނުންކުރަން ފެށީ ވޯކީޓޯކީއެވެ. މަސްވެރިކަމަށް ޓެކޮނޮލިޖީ ގެނައުމަށް މައިޒާން އަހުމަދު މަނިކު މުހިންމު ރޯލެއް އަދާކުރިއެވެ. އޭނާއަކީ ރެޑިއޯ ފަދަ އެއްޗެހި މަރާމާތު ކުރާ މީހެކެވެ. ވޯކީޓޯވީ ވެސް ހަދަން ފެށީއެވެ. ޝައުގުވެރިކަން ދަމައިގަތީ އެ މަގުންނެވެ.
އޭގެ ފަހުން 1997 ގައި ނަވާރާ ސަތޭކަ ނުވަދިހަ ހަތެއްގައި ގާމިން ބްރޭންޑުގެ ޖީޕީއެސްއެއް ގެނެސް، އެ މަސްވެރިއަކާ ހަވާލުކުރިއެވެ.
"ދެން އޭގެ ޖީޕީއެސްއެއް ގެނެސްފައި މަސްވެރިއަކާ ހަވާލުކުރީމާ، އޭނާ ބުނީ ތިމަންނަ މެނަކަށް ނޭނގޭނެޔޭ [ އެޔާ ކުޅޭކަށް]. ދެން އަޅުގަނޑު އޭނައަށް ދަސްކޮށްދިނީ. ދެން އޭނާއަށް ދަސްކޮށްދީފައި ފޮނުވާލި ފަހުން މިވީ ގޮތަކީ އެ ހިސާބުން މަސްވެރިން ގަބޫލުކުރާ އެއްޗަކަށް ވީ،" ޖީޕީއެސް ތައާރަފުވި ގޮތް އޭނާ ކިޔައިދިނެވެ.

މައިޒާން އަހުމަދު މަނިކު: އޭނާއަކީ މަސްވެރިކަމަށް ޓެކްނޮލޮޖީ ތައާރަފުކުރެއްވި މީހާ --- ފޮޓޯ/ މޯލްޑިވްސް ފިޝަމޭޝަން އެސޯސިއޭޝަން
ޖީޕީއެސްއަށް ފަހު ޖެހިގެން އައި 1998 ގައި ފިޝް ފައިޑަރު ތައާރަފުކުރި ހިސާބުން މަސްވެރިކަމުގައި ޒަމާނީ ކުލަ ޖެހުނީއެވެ.
އޭގެ ފަހުން މަސްވެރިން ޓެކްނޮލޮޖީއަށް ހޭލުންތެރިކުރަން 1990ގެ ތެރޭގައި މޯލްޑީވްސް ފިޝަމޭން އެސޯސިއޭޝަން އުފައްދައި، ކިޔަވައިދޭން ފެށިއެވެ. އޭގެ ފަހުން 2004 ވަނަ އަހަރު މަހަށް ފުރުމުގެ ކުރިން ސެޓަލައިޓް ބޭނުންކޮށްގެން، ޗާޓު ޕްލޮޓެއް ބޭނުންކޮށްގެން މަގު ބަލައި ރާވަން ފެށިއެވެ.
އެ ބަދަލުތަކުގެ ތެރެއިން މިހާރު މި އޮތީ އެންމެ ޒަމާނީ ހިސާބަށް އައިސްފައެވެ. ބޭނޭ މަހުގެ ކޮލިޓީ އާރްއެސްޑަބްލިއު ސިސްޓަމާ އެއްކޮށް ރަނގަޅު ވެއްޖެއެވެ.
ގޮންޖެހުންތަކާއި އެ ކަމަށް ހޯދިފައިވާ ހައްލުތައް
މަސްވެރިން ކިރުވާ މަަހަށް ފައިސާ ނުލިބޭ މައްސަލަ މި ފަހުން ވަރަށް ބޮޑުވެ، މަސްވެރިން މުޒާހަރާތަކަށް ވެސް ނުކުތެވެ.
އެ ފައިސާ ނުލިބުމުން މަސްވެރި އާއިލާތައް ބަނޑަށް ޖެހި، ބިކަވިއެވެ. މުޅިން ހަދާނެ ގޮތް ހުސްވެ، މާޔޫސްވިއެވެ. އެހެންވެ، އެކަމުގެ ހައްގުގައި ވާކާލާތުކޮށް، ހައްލު ހޯދަން އިސް ސަފަށް ނުކުތީ އެ މީހުންނެވެ. އޭގެ ދުވަސްގަނޑެއް ފަހުން ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން އެކަން ކުރަން ފަށައި، ފައިސާ ދޫކުރާން ފެށިއެވެ.

ބަޔަކު ރާގޮނޑިތަކެއް ހިފަނީ -- ފޮޓޯ/ ބުރުނި ފޭސްބުކް ޕޭޖް
މިހާތަނަށް މަސްވެރިންނަށް ނުދެވި ހުރި 38 މިލިއަން ރުފިޔާ ވެސް އިއްޔެ މަސްވެރިންނަށް ޖަމާކޮށްފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއްޔެ ވަނީ ވިދާޅުވެފައެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެކައުންޓް ހުޅުވާފައިވާ މަސް ދޯނިތަކުން މަސް ކިރާތާ 48 ގަޑިއިރު ތެރޭ ފައިސާ ޖަމާކުރަން ބީއެމްއެލާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ
އެހެންވެ، މިއަދުން ފެށިގެން ބީއެމްއެލްގައި އެކައުންޓު ހުޅުވާފައިވާ ދޯނިތަކަށް 48 ގަޑިއިރު ތެރޭ ބިލަށް ފައިސާ ޖަމާވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި މަސްވެރިއަކު ބޮޑު ރީނދޫ އުރަހަ ކަންނެއްޔެއް ކޮނޑަށް ލައިގެން -- ފޮޓޯ/ ދިވެހި މަސްވެރިން
އެކަމަކު، އިސްލާމިކް ބޭންކް (އެމްއައިބީ)ގައި އެކައުންޓް ހުޅުވާފައި ހުރި މަސް ދޯނިތަކަށް 48 ގަޑިއިރު ތެރޭ އަދި ފައިސާ ޖަމައެއް ނުވާނެއެވެ. އެ ދޯނިތަކަށް ވެސް 48 ގަޑިއިރު ތެރޭ ފައިސާ ޖަމާކުރެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މަސްވެރިންގެ އެންމެ ބޮޑު އަނެއް ކަންބޮޑުވުމަކީ އަގޮހެޔޮކޮށް ތެޔޮ ގަންނަން ނުލިބުމެވެ. އެކަމަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ވަނީ އިއްޔެ ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވީ، މިއަދުން ފެށިގެން މާލެ އަތޮޅު ހިންމަފުށިންނާއި އައްޑޫ ސިޓީ ހުޅުމީދޫގެ އިތުރުން ކޫއްޑޫއާއި ފެލިވަރުން މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ގަންނަން ލިބޭނެ ކަމަށެވެ.
"މި ގޮތަށް ގޮސް 2025 ނިމޭއިރު މުޅި ރާއްޖޭގައި ވައުދުވީ ގޮތަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ،"
"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ މަސްވެރިންގެ އަޑު އަހައިގެން މަސްވެރިން އެދިވަޑައިގަންނަވާ ގޮތަށް ކަންތައްތައް ކުރެވޭތޯ،" ރައީސް ވިދާޅުވިއެވެ.
އައްޑޫގައި މަސްވެރިކަން ކުރާ މަސް ބޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތައް މި ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭ ހައްލުކޮށްދެއްވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވެސް މި ވަނީ ވިދާޅުވެފައެވެ.
ކުރިއެރުން އަޔަސް، ދިރާސާތަކުން އިތުރު ހޯދުންތައް ބޭނުންވޭ
އެންމެން ވެސް ދައްކަނީ މަސްވެރިކަން ކުރިއަރުވާ ވާހަކައެވެ. ނަމަވެސް، އެ ކަމަށް ތަރައްގީ އަޔަސް މި ދާއިރާގައި އިތުރު ދިރާސާކުރަން ޖެހެއެވެ. ރާއްޖޭގެ މަސްވެރިކަމުގެ އެންވެރިކަމާއި ސްޓޮކް ހުރިވަރު ދެނެގަންނަން ޖެހެއެވެ.
އެ ދިރުންތައް ބޭނުންކޮށްގެން އަދިވެސް މި ގައުމަށް ޓޫރިޒަމަށް ބަރޯސާނުވެ، އުޅެވޭނެ ކަމަށް މައިޒާން އަހުމަދު މަނިކު ގަބޫލުކުރައްވައެވެ. އޭނާ ބުނާ ގޮތުގައި، ރާއްޖޭގައި ކުރެވެނީ ދެތިން މަސްވެރިކަމެވެ. އޭގެ ތެރޭގައި ދޮށީގެ މަސްވެރިކަމާއި ފަރު މަސް ވެރިކަން އެބަ ހިމެނެއެވެ. ނަމަވެސް، އެއާ ޚިލާފަށް ރާއްޖޭގައި މި ކަން ފުޅާކުރުމަށް އިތުރަށް ބަލައި ހޯދަން ޖެހޭ ކަމަށް އޭނާ ބުނެއެވެ.
އޭރުން އެހެނިހެން ސިނާއަތްތަކާއި މި މަސައްކަތް ގުޅިލާމެހޭނެއެވެ. ޚާއްސަކޮށް، އެހެން ބަޔަކަށް ބަރޯސާނުވެ، އަމިއްލަ ގައުމުގެ ތެރޭގައި މަސްވެރިކަމުން ލިބޭ ނަފާއިން އުޅެވޭނެއެވެ.
މި މަސައްކަތަކީ ދިވެހީންގެ އެންމެ ބޮޑު އެއް މަސައްކަތް ކަމަށްވާތީ، މިކަން ދިރުވާ އާލާކުރަން އެބަޖެހެއެވެ. އަންނަން އޮތް ޖީލުތަކަށް މި މަސައްކަތް ދަމަހައްޓައި، ކުރިއަރުވަން ޖެހެއެވެ. އޭރުން، މި ކަމުގެ ގޮންޖެހުންތައް ހައްލުވަމުން އައިސް، މަސްވެރިންގެ އުންމީދުގައި ކުލަ ޖެހޭނެއެވެ.