ޔާމީންގެ ހިޔަނީގައި ވެރިކަމަށް އައުމުގެ ފުރުސަތެއް ނެތް: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ސިޔާސީ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިވަގުތު ޖަލުގައި ހުންނެވި ނަމަވެސް، އެ މަނިކުފާނުގެ ހިޔަނީގެ ފަހަތުގައި ހުރެ ވެރިކަމަށް އައުމުގެ ހުވަފެން ދެކިގެން ނުވާނެކަމަށާއި އެ ފަދަ އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވައިލައި، މިއަދު ޕީޕީއެމް ޕީއެންސީން މުޅި ރާއްޖޭގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން މާލޭގައި ހުންނަވައި ވަހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީގެ ކެންޑީޑޭޓެއް ނެތް ގޮތެއް ނޯންނާނެކަމަށެވެ.

އެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި އެ ވާހަކަ "އެއް ހާސް ފަހަރު" ތަކުރާރުކުރަން ޖެހުނު ނަމަވެސް އެ ނިންމުން ބަދަލު ނުވާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ރައީސް ޔާމީނުގެ ހިޔަނީގައި ހިނގައިގެން ނުވަތަ ރައީސް ޔާމީނުގެ ޕާޓީގެ ސަޕޯޓު ހޯދައިގެން ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވައި ބޭފުޅުންނަށް އެ ހުވަފެން ދެކެވަޑައިގަންނަވާ ބޭފުޅުންނަށް މިއަދު ވެސް ތަކުރާރުކޮށް ދަންނަވާލަން ބޭނުންވަނީ، ތިޔަ ހުވަފެންތައް ދެކުން ހުއްޓާލައްވާށޭ. ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑީޑޭޓެއް ނެތް ގޮތެއް އިރާދަކުރެއްވިއްޔާ މި އިންތިޚާބަކު ނޯންނާނެ. އެ ކެންޑީޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމޭ 1000 ފަހަރު ބުނަން ޖެހުނަސް ބުނަން މި ތިބީ ތައްޔާރަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ޕާޓީން ކުރާ ސިޔާސީ މަސައްކަތް މަޑުޖައްސާނީ މި ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުމަށްފަހު އެ މަނިކުފާނު ރައީސްކަމުގެ ހުވާކުރައްވައި ހިސާބުންކަމަށެވެ.

އޭނާ ވިދާޅުވީ ޕީޕީއެމުން ނެރޭ ރިޔާސީ ކެންޑީޑޭޓަކާމެދު ސުވާލު އުފެއްދުމުގެ އެއްވެސް ޖާގައެއް އެ ޕާޓީ ނޫން އެހެން އެއްވެސް ބަޔަކަށް ނޯންނާނެކަމަށެވެ.

އެ ސުވާލު އުފެއްދުމުގެ ބޭނުމެއް ވެސް ނެތްކަމަށާއި އެއީ ރައީސް ޔާމީނަކީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުކަން ކަށަވަރުވާތީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އެ ބަދަލެއް ނުކުރެވޭނެ. އެ ބަދަލުކުރުމުގެ ވާހަކަދެއްކިޔަސް އެ އަޑު އަހާނެ މީހަކު ނެތް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ ރައްޔިތުން މާޔޫސްވާންވީ ވަގުތު ނޫންކަމަށެވެ. އެގޮތުން މި ސަރުކާރު ނިމުނު އިރު ސަރުކާރު ބަލިކުރުމުގެ މަސައްކަތް ކުރަނީ "އަމިއްލަ ގެއިން ތަޅައި ބަލިކޮށްގެން"ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ގެނައުމުގެ މަސައްކަތް ކުރަނީ ދިވެހި ޒުވާނުން ގައުމާމެދު ދެކެމުން އަންނަ ހުވަފެންތައް ހާސިލްކޮށްދިނުމަށް ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން ތަރައްގީގެ މަގުން ހާސިލްކުރަން ބޭނުންވާ ކަންކަން ހާސިލްކޮށްދިނުމަށް ކަމަށެވެ.

ހަމައެއާއެކު ރާއްޖޭގައި ބޭރުގެ އަސްކަރީ ނުފޫޒުތަކަށް ހުޅުވިފައި އޮތް މަގުތައް ބަންދުކުރުމަށް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

comment ކޮމެންޓް